Support Us

ޕޫޓިން ތުރްކީވިލާތަށް ވަޑައިގަންނަވަނީ

ރޫސީ ރައީސް ވްލެޑްމީރު ޕޫޓިން ތުރްކީވިލާތަށް ވަރަށް ކައިރި މުސްތަޤްބަލެއްގައި ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް ރަޝިޔާއިން ބުނެއެވެ.

ރައީސް ޕޫޓިންގެ މުޝީރެއް ކަމުގައިވާ ޔޫރީ ޔުޝަކޯވް ރަޝިޔާގެ އިންޓަރފެކްސް ނޫސް އޭޖެންސީއަށް ޚަބަރު ދެއްވަމުން ވިދާޅުވިގޮތުގައި ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ވަނީ ރައީސް ޕޫޓިނަށް އެ ޤައުމަށް ޒިޔާރަތް ކުރެއްވުމަށް ދަޢުވަތު އަރުއްވައިފައެވެ. އަދި ރައީސް ޕޫޓިން ވަނީ މި ދަޢުވަތު ޤަބޫލުފުޅު ކުރައްވައިފައެވެ.

ރައީސް ޕޫޓިންގެ މި ދަތުރުފުޅު ވާނީ ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން ޤައުމުން ބޭރަށް ނޭޓޯގެ ޤައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.

ރައީސް އުރްދުޣާނަކީ ޔުކްރޭން ހަނގުރާމައިގައި މުހިއްމު ދައުރެއް ކުޅުއްވަމުންގެންދަވާ ޒަޢީމެކެވެ. އޭނާ މެދުވެރިވެ ވަޑައިގެން ޔުކްރޭންގެ ގޮވާން ބޭރުކުރެވޭނެ ދޮރު ވަނީ ހުޅުއްވާ ދެއްވައިފައެވެ. މި އެއްބަސްވުމުގެ މުއްދަތު ވެސް އިތުރުކޮށްދެއްވައިފައެވެ. އެހެނަސް ޔުކްރޭނުގެ އެއްބަސްވުމާ އެއްގޮތަށް ރަޝިޔާގެ ކާދު ބޭރުނުކުރެވޭތީ މޮސްކޯއިން ކުރާ ޝަކްވާތައް ވަނީ އިތުރުވެފައެވެ. ކުރިއަށް އޮތްތާނގައި މި އެއްބަސްވުން އައުކުރެވިދާނެކަމުގެ އުންމީދު ވަރަށް ކަންޏެވެ.

އެމެރިކާގެ ނިވްޒްވީކް މަޖައްލާ ސިފަކުރާގޮތުގައި ޕޫޓިން – އުރްދުޣާން ގުޅުމަކީ ވަރަށް ތައުގީދު ގުޅުމެކެވެ. ރައީސް އުރްދުޣާން ޔުކްރޭނާއެކު ގުޅުންތައް ދަމަހައްޓަވަމުންދާއިރު ރަޝިޔާއާއެކު އިޤްތިޞާދީ އަދި ޑިޕްލޮމެޓިކް ބަދަހި ގުޅުންތައް ވަނީ ޤާއިމު ކުރައްވައިފައެވެ. މި ގުޅުންތަކަށް އެއްވެސް ހީނަރުކަމެއް ތާފާނާކަމެއް ނާދެއެވެ.

ރައީސް ޕޫޓީން ރައީސް އުރްދުޣާނާ އެންމެފަހުން ސީދާ ބައްދަލުކުރައްވައިފައި ވަނީ ޖުލައި 2022 ގައި ޠަހަރާނުގައެވެ. މި ބައްދަލުކުރެއްވުމުގައި އީރާނުގެ ރައީސް އިބްރާހީމު ރައީސީއާއެކު ބަޙުސްކުރައްވައިފައިވަނީ ޔުކްރޭން ހަނގުރާމައިގެ ސަބަބުން ހުޅަނގުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް އެއްބާރުލުން ޤާއިމުކުރުމާ ބެހޭގޮތުންނެވެ.

ޔުކްރޭން ހަނގުރާމަ ފެށުނުފަހުން ރައީސް ޕޫޓިން ރަޝިޔާއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަކީ ޖޫން 2022 ގައި ޠަޖިކިސްތާނަށާއި ތުރްކުމާނިސްތާނަށް ކުރެއްވި ދަތުރުފުޅެވެ. އެއީ ކެސްޕިއަން ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ސަމިޓްގައި އީރާނާއި ތުރްކުމާނިސްތާނާއި އަޒަރުބައިޖާނާއި ކަޒަޚިސްތާނުގެ ރައީސުންނާ ބައްދަލުކުރެއްވިއެވެ. އަދި އެބޭބޭފުޅުންގެ ތާއީދު ހޯއްދެވިއެވެ.

މި އަހަރު މާރިޗުގައި ބައިނަލް އަޤްވާމީ ޖަރީމާ ކޯޓުން (އައިސީސީ) ވަނީ ޔުކްރޭން ހަނގުރާމައިގައި ކުޑަކުދީންގެ ޙައްޤުތަކާ ދެކޮޅަށް ރައީސް ޕޫޓިން ޖަރީމާތައް ހިންގަވައިފައިވާ ކަމަށް ތުހްމަތުކޮށް އޭނާ ހައްޔަރުކުރަން އަމުރު ނެރެފައެވެ. އެހެންކަމުން މި ކޯޓު ޤަބޫލުކުރާ ޤައުމަކަށް ރައީސް ޕޫޓިން ވަޑައިގަތްފިނަމަ އޭނާ ހައްޔަރުކުރުން ލާޒިމުވާނެއެވެ. އެހެނަސް ތުރްކީއަކީ މި ކޯޓު ޤަބޫލުކުރާ ޤައުމެއްނޫނެވެ. މި ކޯޓު 2002 ގައި އުފެއްދުމަށް އެއްބަސްވި އެއްބަސްވުމުގައި ތުރްކީ ސޮއެއް ނުކުރެއެވެ. އެހެންކަމުން ރައީސް ޕޫޓިން ތުރްކީއަށް ވަޑައިގަތުމުން އޭނާ ހައްޔަރުކުރާކަށް ނުޖެހޭނެއެވެ.

އުރްދުޣާނަށް ތުރްކީގެ ރިޔާސީ އިންތިޚާބު ދެވަނަ ބުރުގައި ކާމިޔާބުކުރެއްވުމުން އެންމެ ފުރަތަމަ ތަހްނިޔާ ދެންނެވި ބޭފުޅުންގެ ތެރޭގައި ރައީސް ޕޫޓިން ވެއެވެ. ހުޅަނގުގެ ޤައުމުތަކުން ރައީސް އުރްދުޣާނަށް ތަހްނިޔާ ދެންނެވީ މާ ފަހުންނެވެ. އެމެރިކާއާއި ހުޅަނގުން މި އިންތިޚާބުގައި ތާއީދުކޮށް ޕްރޮޕެގެންޑާ ހަދައިދީފައިވަނީ އުރްދުޣާންގެ ވާދަވެރިޔާ ކަމަލާ ކްލެޖްދާރު އޫޣުލޫއަށެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ އިޢުލާން ކުރުމުން ވެސް މި ނަތީޖާއާމެދު ހުޅަނގުން ސުވާލު އުފެއްދިއެވެ.

ރަޝިޔާއާއި ތުރްކީއަކީ އިޤްތިޞާދީ މައިދާނުގައި ވުނަކުރުމުގެ އެތައް މަޝްރޫއުތަކެއްގައި ބައިވެރިވާ ޙިއްސާދާރު ޤައުމުތަކެކެވެ. ޚާއްޞަގޮތެއްގައި ނިޔްކްލިޔަރ ހަކަތައާއި ތެލުގެ މައިދާނުގައި ރަޝިޔާއިން ތުރްކީގައި އެތައް މަޝްރޫޢުތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެހެނަސް މި ދެ ރައީސުންނަކީ ހުރިހާ ކަމެއްގައި އެއްގަލަކަށް އަރައިވަޑައިގަތްފައިވާ ދެ ބޭފޫޅުންނެއް ނޫނެވެ. ސޫރިޔާގެ މަސްއަލައިގައި ދެ ބޭފުޅުންގެ ޚިޔާލު ތަފާތެވެ. އެހެނަސް ސޫރިޔާގެ މަސްއަލަ ޙައްލުކުރުމާ ބެހޭގޮތުން ރަޝިޔާއާއި ތުރްކީއާއި ސޫރިޔާ މިހާރު ދަނީ ވާހަކަދެއްކުންތައް ބާއްވަމުންނެވެ. ސޫރިޔާގެ އުތުރުގައި ކުރްދީންގެ ބާރުގެ ދަށުގައި އެއްވެސް ސަރަޙައްދެއް އޮތުމަކީ ތުރްކީ އެކަމާ ދެކޮޅު ހަދާ ކަމެކެވެ.

ކްރެމްލިންގެ ތަރްޖަމާން ބިސްކޯވް ވިދާޅުވާ ގޮތުގައި މޮސްކޯ– އަންކަރާ ގުޅުމަކީ "އެފަދަ މިސާލެއް ނެތް ހަރުދަނާ އެއްބާރުލުމެކެވެ." ޔުކްރޭން ހަނގުރާމައިގައި އުރްދުޣާންގެ ސިޔާސަތަކީ "ތަވާޒުން" ސިޔާސަތެއްކަމަށް އޭނާ ސިފަކުރައްވާ ތާރީފު ކުރެއްވިއެވެ.

ބިސްކޯވް ޓާސް އަށް ވިދާޅުވިގޮތުގައި އަވަށްޓެރި ތުރްކީއާއެކު "ރަނގަޅު އަވަށްޓެރިކަމެއް" ދަމަހައްޓަން މޮސްކޯއިން މަސައްކަތް ކުރާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *