ކޮރޯނާ ވައިރަސް ބޭސް ހިފައިގެން ދިޔަ ރަޝިޔާގެ މުދާ އުފުލާ މަތިންދާބޯޓު ކެނެޑާ ސަރުކާރަށް ނަގައި ޔުކްރޭނަށް ދޭން އުޅޭ މަސްއަލަ މޮސްކޯއިން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.
ކެނެޑާގެ ބޮޑުވަޒީރު ޓްރޯޑޯގެ އަމުރަށް މި ބޯޓު ހިފަހައްޓައިފައި ވަނީ ޓޮރޯންޓޯ ވައިގެ ބަނދަރުގައެވެ.
ރޫސީ ޚާރިޖިއްޔާގެ ތަރްޖަމާން މާރިޔާ ޒަޚަރޯވާ ހާމަކުރެއްވި ގޮތުގައި މުދާ އުފުލާ އޭ އެން-124 މަރުކާގެ ބޯޓު ޓޮރޮންޓޯ ވައިގެ ބަނދަރުން ހިފަހައްޓައި ކިޔީވާ ޙަވާލުކުރިކުރުމުގެ "ނަތީޖާ ވަރަށް ހިތިވާނެ" އެވެ. އޭނާ ވިދާޅުވި ގޮތުގައި މި "ހުތުރު ޢަމަލަށް ރައްދުދިނުމުގެ ޙައްޤު" މޮސްކޯއަށް ލިބިގެން ވެއެވެ.
ޒަޚަރޯވާ ވިދާޅުވިއެވެ. "ކެނެޑާގެ ބޮޑުވަޒީރު ރަޝިޔާގެ މި ބޯޓު ކެނެޑާ ސަރުކާރަށް ނެގި ނެގުމަކީ ވަރަށް ފިނޑި ނިރުބަވެރި ޢަމަލެކެވެ. ކެނެޑާ ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް ޢަމަލުކުރުމުގެ ނަތީޖާ ރަޝިޔާ– ކެނެޑާ ގުޅުމަށް ވަރަށް ނައްސިވާނެއެވެ."
އޭނާ ސިފަކުރެއްވި ގޮތުގައި "މިހާރު ވެސް މި ގުޅުން އޮތީ ކެނޑިގެން ވެއްޓެން ތައްޔާރުވެފައެވެ."
އޭނާ ވިދާޅުވި ގޮތުގައި މިއީ ޤާނޫނީ ގޮތުން ވަރަށް އިހާނެތި ޢަމަލެކެވެ. ކެނެޑާގެ ދާޚީލީ ޤަޟާއީ ނިންމުމަކުން ނިންމި ނިންމުމަށް ބައިނަލްއަޤްވާމީ ޝަރްޢިއްޔަތެއް ނެތެވެ. "ހަމަކަށް ހަމެއް ދިނުމުގެ އުޞޫލުން ރައްދު ދިނުމުގެ ޙައްޤު މޮސްކޯއަށް ލިބިގެންވާކަން ދަންނަން ޖެހޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަޚަރޯވާ ވިދާޅުވި ގޮތުގައި ކެނެޑާގެ މި ޢަމަލަކީ "ރޯމާ ދުވާލުގެ ފިނޑި ވައްކަމެކެވެ."
އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ އޭއެން-124 މަރުކާގެ ބޯޓު ޓޮރޮންޓޯއަށް ދިޔައީ އިންސާނިއްޔަތުކަމުގެ ދަތުރެއްގައި ކޮރޯނާ ވައިރަސްއަށް ބޭނުންވާ ބޭސްތަކެއް ހިފައިގެންނެވެ. ކެނެޑާގެ ޢަމަލަކީ އެ ބޯޓު ރަހީނުކުރުން ކަމަށް ވެސް ޒަޚަރޯވާ ވިދާޅުވިއެވެ. އެއީ "އާދަޔާ ޚިލާފު ފޭރުމެއް ކަމަށް" ވެސް އޭނާ ސިފަކުރެއްވިއެވެ.
ކެނެޑާގެ ބޮޑުވަޒީރު ޓްރޯޑޯ ވިދާޅުވާ ގޮތުގައި މި ދިޔަ އަހަރު ކެނެޑާއިން ހިފެހެއްޓި ރަޝިޔާގެ އެންޓަނޯވް މަތިންދާބޯޓު ޔުކްރޭނަށް ދިނުމުގެ މަސައްކަތް ކެނެޑާ ސަރުކާރުން މިހާރުދަނީ ކުރަމުންނެވެ.



advertisment