ލެޓިން އެމެރިކާގެ ރަޙްމަތްތެރި ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި އީރާނުގެ ރައީސް އިބްރާހީމު ރައީސީ ނިކަރާގުއާގައި އިމްޕީރިއަލިޒަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފިއެވެ.
އޭނާ ވިދާޅުވިއެވެ. "އިރާނާއި ނިކަރާގުއާގެ ރައްޔިތުންނަކީ ގުޅިފައިވާ ދުޝްމަނަކާ ކުރިމަތިލާން ޖެހިފައިވާ މިނިވަންކަމަށް ޓަކައި ޖިހާދުކުރާ ބައެކެވެ." އޭނާ ވިދާޅުވި ގޮތުގައި މި ދެ ޤައުމާ ކުރިމަތިލާން ޖެހިފައިވަނީ އެމެރިކާގެ އިސްތިޢުމާރާއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއަކީ މިނިވަން ސަރުކާރުތައް ބޭޤަރާރުކުރާން މަސައްކަތް ކުރާ ބާރެކެވެ. މި ފަދަ ސަރުކާރުތަކާ ދެކޮޅަށް ދަތިކުރުމުގެ އިޤްތިޞާދީ ފިޔަވަޅުތައް އެޅުމާއި އެ ފަދަ ސަރުކާރުތައް ވައްޓައިލުމަށް ޓަކައި އިންޤިލާބުތައް ގެންނާން މަސައްކަތް ކުރުމަކީ އެމެރިކާގެ ޠަބީޢަތުގައިވާ ކަމެކެވެ.
ރައީސީ ނިކަރާގުއާއަށް ވަޑައިގަތީ ބުދަ ވިލޭރޭ އެވެ. އޭނާ ނިކަރާގުއާގެ ރައީސް ޑެނިއަލް އޮރްޓޭގާއާއެކު ވާހަކަދެއްކުންތައް ބޭއްވެވީ ސައެންސާއި ފަންނިއްޔަތާއި ހަކަތައާއި އިޤްތިޞާދާއި ވިޔަފާރިއާއި ސަޤާފަތާއި ސިޔާސީ މައިދާނުގައި ގުޅުން ހަރުދަނާކުރުމާ ބެހޭގޮތުންނެވެ. ރައީސީ މި ދަތުފުޅުގައި ނިކަރާގުއާގެ ބަރްލަމާނުގައި ތަޤްރީރު ކުރެއްވިއެވެ.
އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ތިބީ ރަޙްމަތްތެރި ނިކަރާގުއާއެކު އަޅުގަނޑުމެންގެ ތަޖްރިބާތަކާއި ޤާބިލުކަމާއި ފުދުންތެރިކަން ޙިއްޞާކުރާން ތައްޔާރަށެވެ."
ރައީސީގެ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ ވެނެޒުއޭލާއެވެ. ވެނެޒުއޭލާއަކީ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެ ޤައުމަކާ ދެކޮޅަށް އަޅައިފައިވާ ޤައުމުތަކުގެ ލިސްޓުގައި އޮތް ޤައުމެކެވެ.
މި ހުސްވި އެޕްރިލް މަހު ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ވަނީ މި ތިން ޤައުމަށާއި ބްރެޒީލަށް ދަތުރުފުޅު ކުރައްވައިފައެވެ.
މި އަންނަ ނޮވެންބަރު މަހު ނިކަރާގުއާގައި ބޭއްވޭ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ ރައީސް އޮރްޓޭގާ ހަތަރު ވަނަ ދައުރަކަށް ރައީސްކަން ލިބިވަޑައިގަންނަވާނެއެވެ. ރައީސް އޮރްޓޭގާ ވައްޓައިލެވޭތޯ 2018ވަނަ އަހަރު މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެއީ އެމެރިކާ އަނޑީގައި އޮވެގެން އިދިކޮޅު ޖަމާޢަތްތައް ލައްވާ އިންޤިލާބެއް ގެނެވޭތޯ މަސައްކަތްކޮށްގެންނެވެ. މި ގަޑުބަޑުތަކުގެ ތެރޭގައި ތިން ސަތޭކައެއް މީހުން ވަނީ މަރުވެފައެވެ.
އީރާނުގެ ކުރީގެ ރައީސް އަޙްމަދީ ނަޖާދު 2012ގައި ނިކަރާގުއާއަށް ޒިޔާރަތް ކުރެއްވިއެވެ. އޮރްޓޭގާ ވަނީ އީރާނުގެ ނިޔުކްލއަރ ފައިލްގެ މަސްއަލައިގައި އީރާނަށް ތާއީދުކުރައްވައިފައެވެ.



advertisment