ޗައިނާއިން ފަލަސްޠީނުގެ މަސްއަލައަށް ވަރަށް އިސްކަންދޭ ކަމަށާއި ޞުލްޙައިގެ ވާހަކަދެއްކުންތަކަށް ވާގިވެރިވާނެ ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ޗެން ގަންގ ފަލަސްޠީނުގެ ޚާރިޖީ ވަޒީރަށް ދަންނަވައިފިއެވެ.
ޗައިނާގެ ޚާރިޖިއްޔާއިން ހާމަކުރި ގޮތުގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް އަނބުރާ ހޯދުމަށް އެމީހުން ކުރަމުންދާ މަސައްކަތަށް ޗައިނާއިން އަބަދުވެސް ތާއީދުކުރާނެ ކަމަށް ޗައިނާގެ ވަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި "ޗައިނާގެ ހެޔޮވިސްނުމާއެކު" ޗައިނާއިން އެކަމަށް ވާގިވެރިވާނެއެވެ. އަދި ޗައިނާގެ ދައުރު އަދާކުރާނެއެވެ.
ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ޗައިނާއަށް ވަޑައިގަތީ ރައީސް މަޙްމޫދު ޢައްބާސް ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅުގައެވެ. ރައީސް ޢައްބާސް އަންގާރަ ދުވަހު ބޭޖިންގަށް ވަޑައިގަތީ ރައީސް ޝީ ޖިން ޕިންގެ ދަޢުވަތަކަށެވެ. މިއީ މި އަހަރު ޗައިނާއަށް ޒިޔާރަތް ކުރައްވާ ފުރަތަމަ ޢަރަބި ރައީސެވެ.
ޗައިނާގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި އިސްރާއީލާއި ފަލަސްޠީނާ ދެމެދުގައި ޞުލްޙައިގެ ވާހަކަދެއްކުންތައް ކުރިއަށް ގެންދިޔުމުގައި އެހީވުމަށް ޗައިނާ އޮތީ ތައްޔާރަށެވެ. އެހެނަސް އިސްރާއީލުން މި ދައުރު އެމެރިކާ ނޫން ފަރާތަކަށް ނުދޭނެކަން ރައީސް ޢައްބާސް ދެނެވަޑައިގަންނަވައެވެ.
ބްލޫމްބަރގް ބުނާގޮތުގައި މިއީ ޞުލްޙައިގެ މަސައްކަތްތަކުގައި ޗައިނާގެ އިސްނެގުންތައް ދެއްކުމަށް ޓަކައި ޗައިނާއިން ކުރަމުންދާ މަސައްކަތްތަކެކެވެ. އެމެރިކާ ޗައިނާ ގުޅުންތައް ތާފަނާވެފައިވާ ވަގުތެއްގައި ޗައިނާގެ ރައީސް ޝީ އަކީ ބައިނަލްއަޤްވާމީ މައިދާނުގައި ޞުލްޙައަށް ޓަކައި މަސައްކަތް ކުރައްވާ ޒަޢީމެއް ކަން ދެއްކުމަށް ޗައިނާއިން މަސައްކަތް ކުރެއެވެ. އީރާން- ސުޢޫދީ އެއްބަސްވުމަކީ ރައީސް ޝީގެ އެންމެ ފަޚްރުވެރި ކާމިޔާބީއެވެ. މި އެއްބަސްވުމުގެ ސަބަބުން ސުޢޫދީ– އީރާން ސިޔާސީ ގުޅުން މިހާރު ވަނީ އަލުން ޤާއިމު ކޮށްފައެވެ.
ޔުކްރޭން– ރަޝިޔާ ޞުލްޙަ ކުރުވަން ވެސް ރައީސް ޝީ ވަނީ އިސްނެންގެވުމެއް ހުށައަޅުއްވައިފައެވެ. ނަމަވެސް ހުޅަނގުގެ ތާއީދު މި އިސްނެގުމަށް ނުލިބުމުގެ ސަބަބުން ރައީސް ޒިލެންސްކީ ވަނީ މި ހުށައެޅުމާ ދެކޮޅު ހައްދަވައިފައެވެ.
ޗައިނާއިން ސިފަކުރާ ގޮތުގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސަކީ ޗައިނާގެ ރައްޔިތުންގެ ޒަމާންވީ ބޮޑު ރަޙްމަތްތެރިއެކެވެ. ރައީސް ޢައްބާސް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޗައިނާއށް ވަޑައިގަތީ ޗައިނާ- ފަލަސްޠީނު ޑިޕްލޮމެޓިކް ގުޅުމަށް 35 އަހަރު ފުރުން ފާހަގަކުރެއްވުމަށް ޓަކައެވެ.
ރައީސް ޝީއާއި ރައީސް ޢައްބާސްގެ ބައްދަލުކުރެއްވުމުގައި ފަލަސްޠީނު މަސްއަލައިގެ އިތުރަށް ބައިނަލްއަޤްވާމީ މަސްއަލަތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.



advertisment