ރާއްޖޭގައި މިއަހަރު ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ބާސްކެޓް ބޯޅަ މުބާރާތް ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ޝަރަފްވެރިކޮށްދެއްވައިފިއެވެ.
"ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް މޯލްޑިވްސް 2023″ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތައް ފަހުގައި ކުޅުނު މެޗުގައި ބައްދަލުކުރީ ދިވެހިރާއްޖެއާއި ބަންގްލަދޭޝްއެވެ. މެޗު ފަށްޓަވައި ދެއްވުމުގެ ގޮތުން ނައިބު ރައީސް ވަނީ، ދެޓީމުގެ ކުޅުންތެރިންނާ ސަލާމްކުރައްވައިފައެވެ.
މި މެޗު 52-42 އިން ކާމިޔާބުކުރީ ބަންގާޅު ޓީމެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ނޭޕާލާއި ބޫޓާނެވެ. މި މެޗު 61-55 އިން ކާމިޔާބުކުރީ ބޫޓާނެވެ.
މިމަހުގެ 14އިން 22އަށް ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވެފައި ވަނީ ބޫޓާން، ބަންގްލަދޭޝް، ނޭޕާލް، ޕާކިސްތާނުގެ އިތުރުން ދިވެހިރާއްޖެއެވެ.
މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ބާސްކެޓް ޓީމް ވަނީ، މުބާރާތުގެ ކުރިން އިންޑިއާގެ ބެންގަލޫރުގައި ތަމްރީނު ހޯދައިފައެވެ.
މިއީ މިދައުރުގެ ތެރޭގައި، ރާއްޖޭގައި ބޭއްވޭ ބައިނަލްއަޤުވާމީ ތިންވަނަ ބާސްކެޓް ބޯޅަ މުބާރާތެވެ.
ރާއްޖެއަކީ، ބައިނަލްއަޤުވާމީ ކުޅިވަރުގެ މުބާރާތްތައް ބާއްވާ ޤައުމެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ އެންމެ ބޮޑު މަޤުޞަދަކީ، ދިވެހި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަޤުވާމީ ފެންވަރުގައި ވާދަކޮށް ކުރިޔަށް ދިޔުމަށް ފުރުޞަތުތައް ފަހިކޮށް ދެއްވުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.



advertisment