މިޞްރުގައި ރަޝިޔާގެ ބޭންކް ކާޑު "މީރު" ބޭނުންކުރުމާ ބެހޭގޮތުން ޤާހިރާއާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށް ޤާހިރާގައި ހުންނަވާ ރޫސީ ސަފީރު ގިޔޮގީ ޕްރިސިންކޯ ހާމަކުރައްވައިފިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ މިޞްރުގެ ފަތުރުވެރިކަމަށް ޓަކައި ވަރަށް މުހިއްމު ކަމެކެވެ.
ރޫސީ ސަފީރު ޓާސް ނޫސް އޭޖެންސީއަށް ވިދާޅުވިގޮތުގައި "މިއީ ރަޝިޔާ މިޞްރުގެ ކިބައިން ވަރަށް ބޮޑަށް އެދޭ ކަމެކެވެ. ރަޝިޔާގެ މީރު ކާޑު ބޭނުންކުރަން ފަށައިފިނަމަ ރަޝިޔާއިން މިޞްރަށްދާ ފަތުރުވެރީންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެއެވެ. މިއީ ފަތުރުވެރިކަމަށް ވަރަށް ރަނގަޅު ކުރިމަގެއް ކޮށާދޭނެކަމެކެވެ."
ރޫސީ ފަތުރުވެރީން މިޞްރަށް ދަނީ ތާރީޚީ ތަންތަން ބެލުމަށާއި މުނިފޫހިފިލުވުމަށް ޓަކައެވެ.
މިޞްރަށް ޒިޔާރަތް ކުރާ ފަތރުވެރީންގެ 30% އަކީ ރަޝިޔާއާއި ޔުކްރޭން މީހުންނެވެ. ޓާސް ބުނާގޮތުގައި މިޞްރުގެ މާލީ ވުޒާރާއާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ދަނީ ރަޝިޔާގެ ފަތުރުވެރީންނަށް ރޫބެލުން ފައިސާ ދެއްކުމުގެ މަގު ހުޅުވައިދޭނެ ރޭވުމެއް ރާވަމުންނެވެ.
މިޞްރުގެ ޗޭންބަރު އޮފް ކޮމަރސްގެ ރައީސް އިލްހާމީ އައްޒައްޔާތު ވިދާޅުވާ ގޮތުގައި މީރު ނިޒާމަށް ޢަމަލުކުރެވޭގޮތް ހަމަޖެހިއްޖެނަމަ މިޞްރުގެ ކުންފުނިތަކަށް ރޫސީ ކުންފުނިތަކުގެ ދަރަނިތައް ވަރަށް ފަސޭހައިން ދައްކާ ޚަލާސްކުރެވޭނެއެވެ.



advertisment