ފަރަންސޭސި އިސްތިޢުމާރާ ދެކޮޅަށް ޖިހާދުކުރެއްވި މުސްލިމު ޒަޢީމެއްގެ ނަންފުޅު ދީފައިވާ މައިދާނެއް ރަޝިޔާގެ ވެރިރަށް މޮސްކޯގައި މިއަދު ހުޅުވައިފިއެވެ. މި މައިދާނުގެ ނަމަކީ "އަލްއަމީރު ޢަބްދުލްޤާދިރުލް ޖަޒާއިރީ" އެވެ.
ޖަޒާއިރުގެ ރައީސް އޮފީހުގެ ފޭސްބުކް ބުނާގޮތުގައި މި މައިދާން ހުޅުއްވައިދެއްވީ ޖަޒާއިރުގެ ރައީސް ޢަބްދުލް މަޖީދު ތައްބޫން ރަޝިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރޭގައެވެ. ޖަޒާއިރުގެ ރައީސް އެ މުޖާހިދުގެ ނަންފުޅުގައި ހަނދާނީ ފިލައެއް ވެސް ބަހައްޓަވައިދެއްވިއެވެ. މިއީ މުސްލިމު އިސްވާރެއްގެ ހަނދަނީ ފިލައަކާއި މައިދާނެއް މޮސްކޯގައި ހުޅުވުނު ފުރަތަމަ ފަހަރެވެ.
މި ހަނދާނީ ފިލާ ތައްޔާރުކޮށްފައިވަނީ ސަންގުމަރުމަރު ހިލައިގައި ރޫސީ ބަހުންނާއި ޢަރަބިބަހުން ކަނޑައި ނަގައި ލިޔެގެންނެވެ.
ޖަޒާއިރުގެ ޤައުމީ ބަޠަލެއް ކަމުގައިވާ ޢަބަދުލް ޤާދިރު (1808 އިން 1883 އަށް) އަކީ ޖަޒާއިރުގެ ދައުލަތުގެ މުއައްސިސެވެ. ދިމަޝްޤުގައި 1860ވަނަ އަހަރު ހުރި ރޫސީ ކޮންސަލްގެ މެންބަރުން ޙިމާޔަތް ކުރެއްވުމުގައި އޭނާ އަދާކުރެއްވި ދައުރަށް ޓަކައި ރަޝިޔާއިން އޭނާއަށް ރަޝިޔާގެ ހުދު ބާޒުގެ މެޑެލް އެރުވުން ވެސް މި ރަސްމިއްޔާތުގައި އޮތެވެ.
ޖަޒާއިރުގެ ރައީސް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މޮސްކޯއަށް ވަޑައިގަތީ އިއްޔެއެވެ. އެއީ ރަޝިޔާއާއި ޖަޒާއިރުގެ ގުޅުންތައް އިތުރަށް ފުޅައުކޮށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ޓަކައި ރައީސް ޕޫޓިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އަލް އަމީރު އަބްދުލްޤާދިރު ބިން މުޙްޔިއްދީން މަޝްހޫރުވެފައިވަނީ ޢަބްދުލް ޤާދިރުލް ޖަޒާއިރީ ނަމުންނެވެ. އޭނައަކީ ލިޔުންތެރިއެކެވެ. ޝާއިރެކެވެ. އަދި ފިލޯސަފަރެކެވެ. ފަރަންސޭސީން ޖަޒާއިރަށް 1830ގައި އަރައި އިސްތިޢުމާރުކުރުމުން އެ ޤައުމު މިނިވަންކުރުމަށް ޓަކައި އޭނާ ޖިހާދު ފެށްޓެވިއެވެ.
ފަރަންސޭސީން 1847ގައި އޭނާ ހައްޔަރުކޮށްގެން ފަރަންސޭސި ވިލާތަށް ގެންގޮސް 1852 އާ ހަމައަށް ޖަލަށް ލައިފައި ވެއެވެ. އެއަށްފަހު އޭނާ ދޫކޮށްލުމުން ވަޑައިގަތީ އިސްތަންބޫލަށެވެ. އެ ރަށުން ވަޑައިގަތީ ދިމަޝްޤަށެވެ. އޭނާ 1883 ގައި އަވަހާރަވަންދެން އުޅުއްވީ ސޫރިޔާގައެވެ. އަދި 1965ވަނަ އަހަރު ޖަޒާއިރަށް މިނިވަންކަން ލިބުމުން އޭނާގެ ހަށިކޮޅު ޖަޒާއިރަށް ގެންގޮސް ރަސްމީ އިއްޒަތުގައި ފަސްދާނުލިއެވެ.



advertisment