Support Us

ބަދަލުވަމުންދާ ޙާލަތާ އެއްގޮތަށް ހަމަލާތަކަށް ބަދަލު އަތުވެދާނެ: ޕޫޓިން

ޔުކްރޭނުގައި ރަޝިޔާއިން ފަށައިފައިވާ ޢަސްކަރީ ޚާއްޞަ ޙަމަލާތަކުގެ ލަނޑުދަނޑިތަކަށް، ބަދަލުވަމުންދާ ޙާލަތާ އެއްގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރޫސީ ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ. އެހެނަސް ޢާންމު ގޮތެއްގައި އެ ލަނޑުދަނޑިތަކަށް ބަދަލުނާންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕޫޓިން މި ބަޔާން ދެއްވީ ޔުކްރޭނުގެ އިދިކޮޅު ޙަމަލާއާ ބެހޭގޮތުން ޢަސްކަރީ ނޫސްވެރީންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ނޫސްވެރީންނަށް ވިދާޅުވިގޮތުގައި "ދުޝްމަނުންނަށް މި އިދިކޮޅު ޙަމަލާގައި އެއްވެސް ކާމިޔާބެއް ހޯދިފައެއް ނުވެއެވެ." އޭނާ ސިފަކުރެއްވި ގޮތުގައި "ކިޔީވަށް ލިބެމުންދާ ގެއްލުންތަކަކީ ބޮޑު ކާރިސާއެކެވެ."

ޕޫޓިން ވިދާޅުވި ގޮތުގައި ޔުކްރޭނުން މި އިދިކޮޅު ޙަމަލާ ފަށައިފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ޕޫޓިން ސިފަކުރެއްވި ގޮތުގައި އެއީ ވަރަށް ބިޔަ ޙަމަލާއެކެވެ. މި ކަމަށް ޓަކައި ކިޔީވުން ތައްޔާރު ކުރި އިސްތިރާތީޖީ ރިޒަރވުތައް ދަނީ ބޭނުންކުރަމުންނެވެ.

ޕޫޓިން ހާމަކުރެއްވި ގޮތުގައި މި ޙަމަލާތައް ފެށިފަހުން ޔުކްރޭނަށް ވަނީ އެބައިމީހުންނަށް ހުޅަނގުން ދިން ޢަސްކަރީ އުޅަނދުތަކުގެ 25% އާއި 30% އާ ދެމެދުގެ ޢަދަދަކަށް ހަލާކުވެފައެވެ. ޔުކްރޭނަށް ލިބުނު އިންސާނީ ގެއްލުންތައް ރަޝިޔާއަށް ލިބުނު ގެއްލުންތަކަށްވުރެ 10 ގުނަ އިތުރެވެ.

ޕޫޓިން ވިދާޅުވިގޮތުގައި މި ޙަމަލާތަކުގައި ރަޝިޔާގެ 50 ޓޭންކަކަށް ވަނީ ގެއްލުން ލިބިފައެވެ. އޭގެތެރެއިން ގިނަ އެއްޗެހި މަރާމާތު ކުރެވިދާނެއެވެ. އޭގެ ބަދަލުގައި ޔުކްރޭނަށް ވަނީ 160 ޓޭންކާއި 360 އާޓިލަރީ އުޅަނދު ހަލާކުވެފައެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި ޔުކްރޭނުން މި ބޮޑު ޙަމަލާ ފެށީ ރަޝިޔާގެ އެތެރޭގެ ބައެއް ތަންތަނަށް ޙަމަލާދިނުމަށް ފަހުގައެވެ.

ޕޫޓިން ހާމަކުރެއްވި ގޮތުގައި ރަޝިޔާ ސިފައިންނަށް ވެސް އިތުރު ހަތިޔާރާއި އިމިނިޔުނިޝަން ބޭނުންވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ އަތުގައި ޒަމާނީ ހަތިޔާރު ހުއްޓަސް މި ޚާއްޞަ ޙަމަލާތައް ކުރިއަށް ގެންދިޔުމަށް ޓަކައި އިތުރު ހަތިޔާރު ބޭނުންވާނެއެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ނޯވާ ކަޚޮވްކާ ޑޭމަށް ޙަމަލާދިނީ އެމެރިކާގެ ހައިމާރިސް ރޮކެޓުން ޔުކްރޭނުންނެވެ. މި ޑޭމް ގޮއްވައިލުމުން ރަޝިޔާގެ އައު ސަރަޙައްދުތަކުން ބަޔަކަށް ގެއްލުން ލިބޭނެތީ ރަޝިޔާއިން އެ ތަން ގޮވައެއް ނުލާނެއެވެ.

ގޮވާމުގެ އެއްބަސްވުން

ރައީސް ޕޫޓިން ހާމަކުރެއްވި ގޮތުގައި ޔުކްރޭނުގެ ގޮވާން ބޭރުކުރުމާ ބެހޭ އެއްބަސްވުމުން ރަޝިޔާ ބޭރަށް ނުކުތުމާމެދު މިހާރު މި ދަނީ ދިރާސާކުރަމުންނެވެ. އެއީ މި އެއްބަސްވުމާ އެއްގޮތަށް ރަޝިޔާގެ ކާދު ރަޝިޔާއަށް ބޭރުނުކުރެވޭތީއެވެ. އޭނާ ވިދާޅުވިއެވެ. "މި އެއްބަސްވުމުގެ ގިނަ މާއްދާތަކަށް ކިޔީވުން އިޙްތިރާމެއް ނުކުރެއެވެ."

އޭނާ ތުހްމަތު ކުރެއްވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ޔުކްރޭނަށް ލިބިފައިވާ ކަނޑުގެ އަމާން މަގުތައް ބޭނުންކޮށްގެން ރަޝިޔާގެ ކަނޑުގެ ފްލީޓަށް ޙަމަލާދިނުމަށް ކިޔީވުން ދަނީ މަސައްކަތް ކުރަމުންނެވެ.

ސާފު ސަރަޙައްދެއް ޤާއިމު ކުރަން ޖެހިދާނެ

ޕޫޓިން އިންޒާރު ކުރެއްވި ގޮތުގައި ޔުކްރޭނުން ބަޑިއާއި މިސައިލުން ރަޝިޔާގެ އެތެރޭގެ ސަރަޙައްދުތަކަށް ޙަމަލާތައް ދެމުންދާނަމަ ޔުކްރޭނުގެ ބިމުގައި "ސާފު ސަރަޙައްދެއް" ޤާއިމުކުރަން ޖެހިދާނެއެވެ.

ޢަސްކަރީ ރިޕޯޓަރުންނާ ބައްދަލުކުރައްވަމުން ޕޫޓިން ވިދާޅުވިއެވެ. "ޔުކްރޭނުންނަށް އަހުރެމެންގެ ބިމުގެ އެތެރެއަށް ޙަމަލާދެވިދާނެއެވެ. އެމީހުން މި ކަމުގައި ކުރިއަށްދާނަމަ އަހުރެމެންގެ ސަރަޙައްދާ ހަމައަށް ނާދެވޭނެ ގޮތް ކަށަވަރުކުރުމަށް ޓަކައި ސާފު ސަރަޙައްދެއް ޔުކްރޭން ބިމުގައި ހަދަން ޖެހިދާނެއެވެ."

ޕޫޓިން އިޝާރަތް ކުރެއްވި ގޮތުގައި ޔުކްރޭން ސަރުކާރަކީ ނިރުބަވެރި ނިޒާމެކެވެ. އެމީހުންގެ ޢަމަލުތައް ހުންނަނީ ނިރުބަވެރިކަމުގެ މަތީގައެވެ.

ޕޫޓިން ވިދާޅުވިއެވެ. "ޔުކްރޭނުން އިދިކޮޅު ޙަމަލާތައް ގެންދާ ހިސާބެއް ބަލައިފާ ރަޝިޔާއިން ފިޔަވަޅު އަޅާނެއެވެ." އޭނާ ވިދާޅުވިއެވެ. "ވަރަށް ތަފާތު ރޭވުންތައް އެބަ ހުއްޓެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *