އިސްރާއީލު ހިފައިފައިވާ ހުޅަނގު އައްސޭރީގައި އިތުރު އާބާދީތައް ބިނާކުރަން ރާވައިފައިވާކަން އިސްރާއީލުން އެމެރިކާއަށް އަންގައިފައިވާ ކަމަށް އެމެރިކާގެ އެކްސިއޮސް އިންޓަނެޓް ޞަފްޙާގައި އިއްޔެ ޝާއިޢުކުރި ރިޕޯޓެއް ބުނެފިއެވެ.
މި ރިޕޯޓު ބުނާގޮތުގައި މިއީ ރައީސް ބައިޑްންގެ ސަރުކާރު މާ ގަޔާވާ ކަމެއް ނޫންކަމަށް އެމެރިކާގެ މަސްއޫލުވެރީން ވިދާޅުވެއެވެ. އެމެރިކާގެ ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ދެ ދައުލަތުގެ ޙައްލަށް ހުރަސްއެޅޭނެ ކަމެކެވެ. ބައިނަލްއަޤްވާމީ ޤާނޫނުތައް ބުނާގޮތުގައި އިސްރާއީލުން އާބާދީތައް ބިނާކުރާކުރުމަކީ ޤާނޫނާ ޚިލާފު ޢަމަލެކެވެ.
މި ރިޕޯޓު ބުނާގޮތުގައި ހުޅަނގު އައްސޭރީގެ ތަފާތު ބިންތަކުގައި އިސްރާއީލުން ވަނީ 4000 އާބާދީ ބިނާކުރުމަށް ރާވައިފައެވެ. އިސްރާއީލުގެ މަސްއޫލުވެރިއަކު ވިދާޅުވާގޮތުގައި މި އައު އާބާދީތައް ބިނާކުރުމާ ބެހޭ ޚާއްޞަ ކޮމެޓީން މި މަހު ގޮތެއް ނިންމާނެއެވެ.
އޭނާ ވިދާޅުވި ގޮތުގައި އާބާދީތައް ބިނާކުރުމުގައި އިސްރާއީލު ކުރިއަށް ދިޔުމަކީ ޞުލްޙައިގެ މަގަށް އެޅޭ ހުރަހެކެވެ. އަދި އެއީ ދެ ދައުލަތުގެ ޙައްލާ އިދިކޮޅު ކަމެކެވެ. އިސްރާއީލުން އެކަމާ ބެހޭގޮތުން ފޮނުވި ސިޓީއަށް އެމެރިކާގެ ޚާރިޖިއްޔާއިން ވެސް އަދި އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުންވެސް އެއްޗެއް ނުބުނެއެވެ.
އިސްރާއީލުން އާބާދީތައް ބިނާކުރާން ރާވައިފައިވާ ސަރަޙައްދުގެތެރޭގައި ހުޅަނގު އައްސޭރީގެ އީ-1 ސަރަޙައްދު ހިމެނެއެވެ. އެއީ ޤުދްސާއި އަދޫމީމު އާބާދީއާ ދެމެދުގައި އޮންނަ ސަރަޙައްދެކެވެ. މިއީ ވަރަށް ޙައްސާސް ސަރަޙައްދެކެވެ.
މިކަމުގެ ސަބަބުން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އުތުރާއި ދެކުނު ވަކިވެގެންދާނެއެވެ. އެހެންކަމުން ފަލަސްޠީނުގެ ދައުލަތް ޤާއިމެއް ނުކުރެވޭނެއެވެ.
އިސްރާއީލުގެ މާލީ ވަޒީރު ސްމުތްރިޗް ހާމަކުރެއްވި ގޮތުގައި "ހުޅަނގު އައްސޭރީގައި އާބާދީތައް ބިނާކުރުމާ ބެހޭގޮތުން މުހިއްމު ޚަބަރުތަކެއް ވަރަށް އަވަހަށް އިޢުލާން ކުރެވޭނެއެވެ."



advertisment