ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، އަލްމަރްޙޫމް ޢަބްދުﷲ ޖަމީލު، ރަސްމީ ޢިއްޒަތުގައި ފަސްދާނުލައިފިއެވެ. އެމަނިކުފާނުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، މިއަދު ޢަޞްރު ނަމާދަށް ފަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގައެވެ.

އަލްމަރްޙޫމް ޢަބްދުﷲ ޖަމީލު ފަސްދާނުލީ ގަލޮޅު ސަހަރާގައެވެ. އެމަނިކުފާނުގެ ސަންދޯއްޕުޅު ގަލޮޅު ސަހަރާއަށް ގެންދެވުމާއެކު، ސަންދޯއްޕުޅު މަތީގައިވާ ދިދަ ފަތްޖެހުމަށްފަހު، އެ ދިދަ އެމަނިކުފާނުގެ ދަރިކަލުން މަޢުރޫފް ޖަމީލުގެ އަތްޕުޅަށް ބެއާރަރ ޕާޓީގެ ކޮމާންޑަރ އެރުވިއެވެ.

އަލްމަރްޙޫމް ޢަބްދުﷲ ޖަމީލުގެ ކަށުނަމާދުގަޔާއި ޖަނާޒާގައި އެމަނިކުފާނުގެ ޢާއިލާގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމުގެ އިިތުރުން، ވަޒީރުންނާއި، ދައުލަތަށް ގިނަ ދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އޮފީސްތަކުގެ އެކި ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.