ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ސީޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް ވެލާނާ އިންޓަރނޭޝަނަށް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދެވެ.
ސީޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ މާދަމާއެވެ.
ރައީސް ވޭވަލް ރަމްކަލަވަންގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި އެއަށްފަހު ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމާއި ދެ ޤައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާއި ގުޅޭގޮތުން މީޑިޔާއަށް މަޢުލޫމާތު ދެއްވުމަށް ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ.
ސީޝެލްސްގެ ރައީސް ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަކީ ދެ ޤައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް މަގުފަހިވެގެން ދާނެއެވެ. ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1 ޖުލައި 1980 ގައެވެ.



advertisment