Support Us

ޔުކްރޭނާ ދެކޮޅަށް ރަޝިޔާއާއެކު ހަނގުރާމަކުރާ ޝީޝާނުގެ އަޙްމަދު ލަޝްކަރު

ޝީޝާނުގެ ރައީސް ރަމަޟާން ޤަދީރޯވް ޔުކްރޭން ހަނގުރާމައިގައި ރަޝިޔާއަށް ވާގިވެރިވެ އެހީވެވަޑައިގެންނެވުމަށް ޓަކައި ޝީޝާނުގެ ހަނގުރާމަވެރީން ހިމެނޭ ހަތަރު ފައުޖެއް އެކުލަވައިލައްވައިފައެވެ. މި ބާރަށް ދީފައިވާ ނަމަކީ "އަޙްމަދު ލަޝްކަރު" އެވެ.

މި ބާރު ނިސްބަތް ވަނީ ރަމަޟާން ޤަދީރޯފްގެ ބައްޕާފުޅު  އަޙްމަދު ޤަދީރޯވަށެވެ.އޭނާއަކީ ޝީޝާނުގެ ރައްޔިތުންގެ ގާތުގައި ވަރަށް މަޤްބޫލު ޒަޢީމެކެވެ. ޤައުމީ ބަޠަލެކެވެ. 

އަޙްމަދު ބާރުގައި ހިމެނެނީ 10 ހާސް ހިތްވަރުގަދަ ޖެހިލުންކުޑަ ހަނގުރާމަވެރީންނެވެ. މި ލަޝްކަރަކީ ރަޝިޔާގެ އަނުރުތަކަށް ތަބާވާ ބާރެކެވެ.  

އުފެދުން

ޝީޝާނުގެ ރައީސް ރަމަޟާން ޤަދީރޯވް މި ފައުޖު އެކުލަވައިލެއްވީ 26 ޖޫން 2022 ގައެވެ. ޢަސްކަރީ މި ޚާއްޞަ ބާރަކީ ޝީޝާނުގެ ދިފާޢީ ވުޒާރާގެ ދަށުގައި އޮންނަ ބާރެއްކަމަށް ރަމަޟާން ޤަދީރޯވް ވިދާޅުވިއެވެ. 

މި ލަޝްކަރުގައި ހިމެނެނީ ހަތަރު ފައުޖެވެ. އެއީ އުތުރު އަޙްމަދާއި ދެކުނު އަޙްމަދާއި އިރުމަތީ އަޙްމަދާއި ހުޅަނގު އަޙްމަދެވެ. ރައީސް ޤަދީރޯވް އިޢުލާން ކުރައްވައިފައިވާ ގޮތުގައި މި ލަޝްކަރު މަސައްކަތް ކުރާނީ ރޫސީ ދިފާޢީ ވުޒާރާއާއެކުގައެވެ. 

ރައީސް ޤަދީރޯވް އޭނާގެ ބައްޕާފުޅަށް ނިސްބަތްކުރައްވާ އުފެއްދެވި މި ލަޝްކަރަށް "އަޚްމާތު" ބާރޭ ވެސް ކިޔެއެވެ. 

ޔުކްރޭންގެ މީޑިއާ ބުނާގޮތުގައި އަޙްމަދު ލަޝްކަރަކީ ވަރަށް "ބިރުވެރި" ލަޝްކަރެކެވެ. އެއީ ރަޝިޔާއިން ބޭރުން ޔުކްރޭން ހަނގުރާމައިގައި ބައިވެރިވާ ލަޝްކަރެކެވެ. ހުޅަނގުގެ ޤައުމުތަކުންނާއި އެމެރިކާއިން މި ހަނގުރާމައިގައި ޔުކްރޭނާއެކު ބައިވެރިވަނީ ނުސީދާކޮށްނެވެ. އެ ޤައުމުތަކުން ޔުކްރޭނަށް ދެނީ ލޮޖިސްޓިކް އެހީއާއި ހަތިޔާރާއި ފައިސާއެވެ. 

ލަނޑުދަނޑިތައް 

އަޙްމަދު ލަޝްކަރަކީ ރަޝިޔާއަށް އެހީވުމަށް ޝީޝާނުން އެކުލަވައިލި ލަޝްކަރެކެވެ. މި ލަޝްކަރުގެ ވެރިއަކީ ޖެނެރަލް އާބަތީ ޢަލާއުއްދީނޯވް އެވެ. މި ލަޝްކަރުގެ އަތުގައި ރަޝިޔާގެ ޓޭންކްތަކާއި އާޓިލަރީ އުޅަނދުތަކާއި ހަތިޔާރުތައް ހުރިކަމަށް ޖަޒީރާ ބުނެއެވެ. މި ލަޝްކަރުގެ ހުރިހާ އުޅަނދުތަކެއްގައި ވެސް ޝިޢާރެއްގެ ގޮތުގައި ބޭނުންކުރަނީ "Z" އަކުރެވެ. އެއީ ޔުކްރޭންގައި ރޫސީ ސިފައިންނަށް ވާގިވެރިވާ ފަރާތްތަކުން ބޭނުންކުރާ ރަމްޒެކެވެ. 

އާދަކާދަ

އަޙްމަދު ލަޝްކަރުގެ ފައުޖުތަކުން ހަނގުރާމަވެރި ޢަމަލެއް ފެށުމުގެ ކުރިން އެމީހުންގެ ތެރެއިން މުދިމަކު ބަންގި ގޮވައިނެތެވެ. އެއަށްފަހު އެމީހުން ފަތަޙަ ނަމާދު ގެ ނަމުގައި ދެ ރަކްޢަތް ނަމާދެއް ކުރާނެއެވެ. އެއަށްފަހު މިނިވަންކުރަން ނުވަތަ ހިފަން ބޭނުންވާ ޔުކްރޭންގެ ރަށަކަށް ޙަމަލަދޭން ފަށާނެއެވެ.

އަޙްމަދުގެ ލަޝްކަރުގެ އާދަކާދައިގެ ތެރޭގައި ތަކްބީރު ކިޔުން ވެސް ވެއެވެ. އަދި "އަޚްމާތު ސައިލާ" ނަމަކަށް ކިޔާ ޚާއްޞަ ލަވައެއް ވެސް ބޭނުންކުރެއެވެ. މި ލަވައިގެ ކަޑިތަކުގައި ހިމެނެނީ ކޯކަސް ހަނގުރާމަވެރީންނަށް ސަނާކިޔުމާއި ހިތްވަރުދިނުމެވެ.

ވެގްނަރުގެ ބަދަލުގައި އަޙްމަދު ލަޝްކަރު

ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި ޝީޝާނުގެ އަޙްމަދު ލަޝްކަރުން ދަނީ ޔުކްރޭންގެ މެރިންކާ ނާރެސްތަކުގައި  ކާމިޔާބު ޙަމަލާތަކެއް ދެމުންނެވެ. މި ލަޝްކަރު ޙަރަކާތްތެރިވަނީ ޑޮނެޓްސްކް ސަރަޙައްދުގައި ޔުކްރޭންގެ   އިރުމަތީ ފަރާތުގައެވެ.

ޝީޝާންގެ ރައީސް ޤަދީރޯވް ވިދާޅުވާ ގޮތުގައި ޔުކްރޭންގެ އަރްތިޔޯމޮސްކްގައި ވެގްނަރގެ މަޤާމު އަދާކުރުމަށް އަޙްމަދު ލަޝްކަރު އޮތީ ތައްޔާރުވެގެންނެވެ. މި ހުސްވި މޭމަހުގެ ހަތް ވަނަ ދުވަހު ވެގްނަރ ހަނގުރާމަވެރީން ހާމަކުރިގޮތުގައި ޝީޝާނުގެ އަޙްމަދީ ލަޝްކަރަށް އަރްތިޔޮމޮސްކް (ބަޚްމޫތު) ޙަވާލު ކުރުމަށް ވެގްނަރ ލަޝްކަރު އޮތީ ތައްޔާރުވެގެންނެވެ. 

އިނގިރޭސި ވިލާތުގެ ޕްރޮފެސަރެއް ކަމުގައިވާ މައިކަލް ކްލާރކް ވިދާޅުވާ ގޮތުގައި ރަޝިޔާއިން ދަނީ ޝީޝާނުންގެ ކިބައިން މަދަދު ހޯދަމުންނެވެ. ޝީޝާނުންނަކީ ހަނގުރާމައިގައި ވަރަށް ހިތްވަރުގަދަ ޖާނުގައި ވަރުހުރި ބަޔެކެވެ. އެމީހުން ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވާން ނުޖެހޭތީ ހަނގުރާމައިގެ ރާސްތާ މަގުމަތީގެ ހަނގުރާމައަކަށް އަދި ޖަހައިފާ ފިލުމުގެ ގޮރިއްލާ ހަނގުރާމައަކަށް ބަދަލުކޮށްފާނެއެވެ. 

އަޙްމަދު ލަޝްކަރުގެ ވެރިޔާ ޖަނެރަލް ޢަލާއުއްދީނޯވް އަވަހާރަކޮށްލާން ޔުކްރޭނުން މަސައްކަތްކޮށްފައި ވެއެވެ. އޭނާ އަވަހާރަކޮށްލަން މަސައްކަތްކޮށްފައިވަނީ އޭނާއަށް ފޮނުވި  ސިޓީއެއް ވިހަގަދަ އުރައަކަށް ލައިގެންނެވެ. އޭނާ ވިދާޅުވާ ގޮތުގައި އޭނާއަށް ފުރިހަމަ ދުޅަހެޔޮކަން ލިބިވަޑައިގަންނަވާނީ ދުވަސްކޮޅެއް ފަހުންނެވެ. މިހާރު ދަނީ އެ ވިހަ މާއްދާއަށް ފަރުވާ ހޯއްދަވަމުންނެވެ.

ޑޮނެޓްސްކް

މި މަހު ކުރީކޮޅު ރައީސް ޤަދީރޯވް ވިދާޅުވި ގޮތުގައި އަޙްމަދު ލަޝްކަރު އޮތީ ޑޮނެޓްސްކްގައި އައު ޙަމަލާތައް  ދިނުމަށް ތައްޔާރުވެގެންނެވެ. އޭނާ ޓެލެގްރާމުގައި ލިޔުއްވި މެސެޖެއް ބުނާގޮތުގައި އޭނާގެ ބާރުގެ ދަށުގައި ހަތަރު ފައުޖު އެބަ އޮތެވެ. މި ފައުޖުތަކާ ޙަވާލުކުރާ ކޮންމެ  މަސައްކަތެއް ކުރުމުގެ ޤާބިލުކަން އެ ހަނގުރާމަވެރީންނަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަނެއްކޮޅުން ޖެނެރަލް ޢަލާއުއްދީނޯވް ވިދާޅުވާ ގޮތުގައި އޭނާގެ ލަޝްކަރަށް ޑޮނެޓްސްކަށް ދާން އަމުރު އަތުވެއްޖެނަމަ ޑޮނެޓްސްކް ޖުމްހޫރިއްޔާ މިނިވަންކުރުމަށް ބޭނުންވާ ހުރިހާ ހަނގުރާމަތަކެއް ވަރުގަދައަށް ކުރާނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *