ޠަޖިކިސްތާނުގެ ވެރިރަށް ދޯޝަންބޭގައި ޤަޠަރުން ބިނާކޮށްދިން ބޮޑު މިސްކިތް މިއަދު ހުޅުއްވައި ދެއްވައިފިއެވެ. އަލްއިމާމު އަބޫ ޙަނީފާ އައްނުޢުމާނުގެ ނަންދީފައވާ މި މިސްކިތަކީ މެދުތެރޭ އޭޝިޔާގައި ބިނާކުރެވުނު އެންމެ ބޮޑު މިސްކިތެވެ.
ޤަޠަރުގެ އަމީރު ތަމީމު ބިން ޙަމަދު ޠަޖިކިސްތާނަށް ވަޑައިގަތީ މެދުތެރޭ އޭޝިޔާގެ އުޒްބަކިސްތާނަށާއި ކަޒަޚިސްތާނަށާއި ޤިރްޣީޒިސްތާނަށް ކުރައްވާ ދަތުރުފުޅެއްގައެވެ.
މިއަދު އިފްތިތާޙު ކުރި މިސްކިތް ބިނާކުރީ 14 އަހަރުގެ ތެރޭގައެވެ. މި މިސްކިތަށް ޤަޠަރުން 100 މިލިއަން ޑޮލަރު ހޭދަކޮށްފައި ވެއެވެ. މި މިސްކިތުގައި 74 މީޓަރުގެ އުސް ހަތަރު މުންނާރާއި 21 މީޓަރުގެ އުސް ދެ މުންނާރު ހުރެއެވެ. މި މިސްކިތުގައި 43 މީޓަރުގެ ބޮޑު ޤުއްބަކާއި 35 މީޓަރުގެ އުސް 17 ޤުއްބު ހުރެއެވެ.
މިސްކިތުގެ ޢިމާރާތުގެ ބޮޑުމިނަކީ 62 ހާސް އަކަ މީޓަރެވެ. މިސްކިތުގެ އެތެރޭގައި 43 ހާސް މީހުންނަށް ނަމާދު ކުރެވޭއިރު މުޅި މިސްކިތުގައި އެއް ވަގުތެއްގައި 133 ހާސް މީހުންނަށް ނަމާދު ކުރެވޭނެއެވެ.
މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޠަޖިކިސްތާނުގެ ދީނީ ކަންތައްތަކާ ބެހޭ ކޮމެޓީގެ ރައީސް ސުލައިމާން ދައުލަތު ޒާދާ ވިދާޅުވި ގޮތުގައި މި މިސްކިތަކީ އިސްލާމީ ދުނިޔޭގައި ޤަޠަރު އަދާކުރާ ދައުރުގެ މުހިއްމުކަން ރަމްޒުކޮށްދޭނެ ބިނާއެކެވެ. އޭނާ ވިދާޅުވި ގޮތުގައި ޤަޠަރަކީ މުޅި ދުނިޔެއަށް ވެސް އިންސާނީ ގިނަގުނަ އެތައް ޚިދްމަތްތަކެއް ފޯރުކޮށްދޭ ދީލަތި ޤައުމެކެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ބިނާ ވާނީ ޤަޠަރުގެ އަރުތަތައް ހާމަކޮށްދޭ އުސް މަލައަކަށެވެ. މި ބިނާގެ ސަބަބުން ޤަޠަރާ ޠަޖިކިސްތާނުގެ ރައްޔިތުންނާ ދެމެދުގައި ވާ ރަޙްމަތްތެރިކަމާއި އެއްބާރުލުން ބަދަހިވެގެންދާނެއެވެ. އަދި މި ގުޅުންތައް އިތުރު އުދަރެސްތަކަކަށް ފުޅައުވެގެން ދިޔުމަށް އަތްބާރުއަޅާ ކަމަކަށް ވެސް ވެގެންދާނެއެވެ.
މި މިސްކިތް އިފްފިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ޤަޠަރުގެ އަމީރު ތަމީމު ބިން ޙަމަދާއި ޠަޖިކިސްތާނުގެ ރައީސް އިމާމު ޢަލިޔޭވް ރަޙްމާނޯވް ބައިވެރިވެ ވަޑައިގަތުމުން މި އިޙްތިފާލު އިތުރަށް އުޖާލާވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޤަޠަރުގައި ހުންނަވާ ޠަޖިކިސްތާނުގެ ސަފީރު ވިދާޅުވިގޮތުގައި މިއީ ޤަޠަރުގެ މުސްލިމު ރައްޔިތުން ޠަޖިކިސްތާނުގެ މުސްލިމުންނަށް ކުރި ދިގު ޒަމާންތަކަށް ދެމިގެންދާނެ ހަދިޔާއެކެވެ.



advertisment