އިންޑޮނޭޝިޔާއިން މިއަދު ފެށި ތަފާތު ޤައުމުތަކުގެ ކަނޑުގެ ސިފައިންގެ ތަމްރީނުގައި އެމެރިކާއާއި ޗައިނާއިން ބައިވެރިވާ ކަމަށް ޖަކާޓާއިން ބުނެފިއެވެ.
ޗައިނާއާ އެމެރިކާ އަކީ ފަންނިއްޔަތާއި އިޤްތިޞާދުގެ މައިދާނުގައި ސިޔާސީ އަދި ޢަސްކަރީ އެތައް ނާރެސްތަކެއްގައި ވާދަވެރި ކޯޅުންތައް ކޯޅެމުންދާ ދެ ޤައުމެވެ.
އިންޑޮނޭޝިޔާއިން އެ ޤައުމުގެ ސޮލަވަސީ ޖަޒީރާގެ އައްސޭރިފަށުގައި މިއަދު ފެށި ތަމްރީނުގައި އެމެރިކާއިން ބައިވެރިކޮށްފައިވަނީ ހަނގުރާމަމަތީ މަނަވަރެކެވެ. ޖަކާޓާގައި ހުންނަ އެމެރިކާ އެންބެސީ ބުނާގޮތުގައި މި ތަމްރީނުތަކުގެ ސަބަބުން ކާރިސާތަކަށް އިޖާބަދިނުމާއި އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް ބޭނުންވާ ތަމްރީނުތައް ލިބޭނެއެވެ.
ޗައިނާއިން ބުނާގޮތުގައި މި ތަމްރީނުތަކުގައި ބައިވެރިވުމަށް ޓަކައި އިންޑޮނޭޝިޔާ ސަރުކާރުގެ ދަޢުވަތަކަށް ބޭޖިންގުން ފޮނުވައިފައިވަނީ ފްރިގޭޓް މަނަވަރަކާއި ޑިސްޓްރޯޔަރ މަނަވަރެކެވެ.
މި ތަމްރީނުތަކުގައި އޮސްޓްރޭލިޔާއާއި ރަޝިޔާ ވެސް ބައިވެރިވެއެވެ. އިންޑޮނޭޝިޔާ ސިފައިން ބުނާގޮތުގައި މި ތަމްރީނުތަކުގައި ބޭރުގެ ޢަސްކަރީ 17 އުޅަނދު ބައިވެރިވެއެވެ. މި ތަމްރީނުތަކަކީ ޢަސްކަރީ ތަމްރީނުތަކެއް ނޫން ކަމަށް ޖަކާޓާއިން ބުންޏެވެ.
އިންޑޮނޭޝިޔާގެ ކަނޑުގެ ސިފައިންގެ ތަރްޖަމާން ވިދާޅުވާ ގޮތުގައި "ގިނަ ފަރާތްތަކެއް ބައިވެރިވާ ޢަސްކަރީ ކަނޑުގެ ތަމްރީންތައް MNEK އަކީ ޢަސްކަރީ ތަމްރީނުތަކެއް ނޫނެވެ. އެހެނަސް މި ތަމްރީންތަކުގައި އިސްކަންދޭނީ މި ސަރަޙައްދުގައި ކަނޑުގެ އެއްބާރުލުމަށެވެ."



advertisment