އޭނާގެ ވެރިކަމުގެ އައު ދައުރުގައި ތުރްކީގެ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ބާރާއި މަޤާމާއި ދަރަޖަ އުފުއްލެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ވިދާޅުވެއްޖެއެވެ.
އޭނާ މި ކަން ކަށަވަރުކޮށްދެއްވީ ތުރްކީގެ ރައީސްކަމުގެ ދުސްތޫރީ ހުވާކުރެއްވުމަށް ފަހު އެ ކަމުގެ އިޙްތިފާލުގައި ރޭ ބޭއްވެވި ރަސްމީ ޖާފަތުގައެވެ. މިއީ މި ރަސްމިއްޔާތަށް ބޭރުން ވަޑައިގެންނެވި ރައީސުންނާއި ނައިބު ރައީސުންނާއި ބޮޑުވަޒީރުންނާއި ޚާއްޞަ މެހެމާނުންގެ ޝަރަފުގައި ތުރްކީގެ ރިޔާސީ އެކުވެނީގައި ބެއްވެވި ރޭގަނޑުގެ ފަރިއްކޮޅެކެވެ. އޭނާ އެ ބޭފުޅުންނަށް ޝުކްރު އަދާކުރައްވަމުން ވިދާޅުވިއެވެ. "ތުރްކީގެ ރައްޔިތުން ތިޔަބޭފުޅުންގެ ބައިވެރިވެ ވަޑައިގަތުން ހަނދާނެއް ނުނައްތާނެއެވެ."
އުރްދުޣާން ވިދާޅުވިގޮތުގައި "ތުރްކީގެ ރައްޔިތުން މި ފިޔަވަހީގައި ޢަޒްމު ކަނޑައަޅައިފައިވަނީ ތުރްކީގެ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަޤާމާއި ދަރަޖައާއި ބާރު ހަރުދަނާކުރުމަށެވެ." މިހާރަށްވުރެ ޢަދްލުވެރި ޞުލްޙަވެރި ޢާލަމީ ނިޒާމެއް ޤާއިމުކުރުމަށް ޓަކައި ހުރިހާ ރަޙްމަތްތެރީންނާއި ބައިވެރީންނާއެކު މަސައްކަތް ކުރުމަށެވެ.
އޭނާ ވިދާޅުވިއެވެ. "ތުރްކީގެ ނަޒަރުގައި މިއީ ހުޅަނނގާއި އިރުމަތީގެ ނިޒާމެކެވެ. އެންމެ މުހިއްމު ކަމަކީ މި ނިޒާމު ޙައްޤާއި ޙަޤީޤަތާއި ޢަދާލަތާ ދިމާއަށް މިސްރާބު ކުރުމެވެ."
ތުރްކީގެ އައު ވަޒީރުންގެ މަޖިލިސް
ރައީސް އުރްދުޣާން ރޭ ވަނީ އޭނާގެ ވަޒީރުންގެ މަޖިލިސް އެކުލަވާލައްވައި އިޢުލާން ކުރައްވައިފައެވެ. އޭނާ ނައިބު ރައީސްކަމުގެ މަޤާމަށް އިސްކުރެއްވީ ޖައުދަތު ޔިލްމާޒެވެ. ޚާރިޖީ ވަޒީރުކަމަށް އިސްކުރެއްވީ ހާކާން ފީދާނެވެ.
ރައީސް އުރްދުޣާން އޭނާގެ ކުރީގެ ކެބިނެޓްގެ މެންބަރުންނަށް ޝުކްރު އަދާކުރައްވާ ތާރީފު ކުރެއްވިއެވެ. ތުރްކީގައި ފުރަތަމަ ފަހަރަށް ޤާއިމުކުރެވުނު ރިޔާސީ ނިޒާމުގެ ވަޒީރުންގެ މަޖިލީހުގައި އެ ބޭފުޅުން މަސައްކަތްކުރެއްވި ކުރެއްވުމަކީ ވަރަށް ތާރީޚީ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އުރްދުޣާން ވިދާޅުވިގޮތުގައި އެ ބޭފުޅުން ވަނީ ތުރްކީއާ ކުރިމަތިވި ގިނަގުނަ މަސްއަލަތައް ޙައްލުކޮށްދެއްވައިފައެވެ. އެބޭފުޅުންވަނީ ތުރްކީއާ ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލައްވައިފައެވެ.
މި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން ވަނީ ތުރްކީގެ ބަރްލަމާނަށް އިންތިޚާބުވެފައެވެ. އުރްދުޣާން ވިދާޅުވިގޮތުގައި ތުރްކީގެ ދިމުޤްރާޠިއްޔަތު މިއަދު ވަނީ މާ ހަރުދަނާވެފައެވެ. ތުރްކީ ވަނީ މާ ބާރުގަދަވެ އިޙްތިރާމު އުފުލިފައެވެ.



advertisment