Support Us

އުރްދުޣާން: "ތުރްކިޔާ ސައްތަ"ގެ މާރެސް ތަންފީޒު ކުރާނަން

"ތުރްކިޔާ ސައްތަ"ގެ މާރެސް ތަންފީޒު ކުރައްވާނެ ކަމަށް ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން މިއަދު އަލުން ކަށަވަރުކޮށްދެއްވައިފިއެވެ. އޭނާ މި ކަން ކަށަވަރުކޮށްދެއްވީ ރައީސްކަމުގެ އައު ދައުރަށް ހުވާކުރެއްވުމަށްފަހު ތުރްކީ ޖުމްހޫރިއްޔަތުގެ ބާނީ ކަމާލް އަތާތުރްކުގެ މަހާނަފުޅުދޮށަށް ވަޑައިގެން ޚާއްޞަ ދަފްތަރުގައި ލިޔުއްވި ބަޔާނުގައެވެ.

އައު ދައުރަށް ދުސްތޫރީ ހުވާކުރެއްވީ ތުރްކީގެ ބަރްލަމާނުގެ މައި ޢިމާރާތުގައެވެ. އުރްދުޣާން ވިދާޅުވިއެވެ. "ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ވަރަށް ވަރުގަދަ ޢަޒްމަކާއެކު ތުރްކިޔާ ސައްތައިގެ މާރެސް ތަންފީޒު ކުރުމަށް އަޅުގަނޑު މަސައްކަތް ކުރިއަށް ގެންދާނަމެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "އެންމެފަހުން ބޭއްވުނު އިންތިޚާބުތަކުގެ ސަބަބުން އަޅުގަނޑުގެ ރައްޔިތުންގެ ކުރިމަތީގައި އައު ފިޔަވައްސަކަށް ދޮރުތައް ހުޅުވިގެން ހިނގައްޖެކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ."

އުރްދުޣާން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މި ޖުމްހޫރިއްޔަތުގެ 12ވަނަ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ރައްޔިތުންގެ ސަރްމަދީ އުޚުއްވަތްތެރިކަން ދިފާޢުކުރަމުން ގެންދާނަމެވެ. އަދި އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީއަށާއި އަޅުގަނޑުމެންގެ ދައުލަތުގެ ކުރިއެރުމަށް ޓަކައި މަސައްކަތް ކުރަމުންދާނަމެވެ."

އުރްދުޣާން ރައީސްކަމުގެ އައު ދައުރުގެ ހުވާކުރެއްވުން އޮތީ ވެރިރަށް އަންކަރާގައި ތުރްކީގެ ބަރްލަމާނުގެ ޢާއްމު ޖަމްޢިއްޔާއިން ބޭއްވި ރަސްމީ ޖަލްސާގައެވެ. ހުވާކުރެއްވުން އޮތީ ބަރްލަމާނުގެ ވަގުތީ ރައީސް ދައުލަތު ބަހްޗުލީ ރައީސްކަމުގެ ފަތްކޮޅު އުރްދުޣާނާ ޙަވާލުކުރެއްވުމަށް ފަހުގައެވެ.

ޓީ އާރް ޓީ ޗެނެލް ބުނާގޮތުގައި ދުސްތޫރީ ހުވާކުރެއްވުމަކީ ރައީސްކަމާ އުރްދުޣާން ޙަވާލުވެވަޑައިގަތުމުގެ ފުރަތަމަ އސްޓޭޝަނެވެ. ދެވަނަ އިސްޓޭޝަނަކީ ތުރްކީގެ ޖުމްހޫރިއްޔަތުގެ ބާނީ އަތާތުރްކުގެ މަހާނަފުޅަށް ޒިޔާރަތް ކުރެއްވުމެވެ. އެއަށްފަހު ދެން ވަޑައިގަންނަވާނީ ރިޔާސީ އެކުވެންޏަށެވެ. އުރްދުޣާން ރަސްމީ މަސައްކަތްޕުޅު ފަށްޓަވާނީ އެތާނގައެވެ. އެއަށްފަހު އެތާނގައި ރަސްމީ ވަރަށް ބޮޑު ޖާފަތެއް ބާއްވަވާނެއެވެ.

ބައިނަލްއަޤްވާމީ ބޮޑު ބައިވެރިވުމެއް

ތުރްކީގެ ރައީސްކަމާ ރަޖަބު ޠައްޔިބު އުރްދުޣާން ޙަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގައި ބޭރުގެ 78 އިސްމަސްއޫލުވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އޭގެތެރޭގައި 21 ޤައުމެއްގެ ރައީސުންނާއި 13 ޤައުމެއްގެ ބޮޑުވަޒީރުންނާއި ބައިނަލްއަޤްވާމީ އެތައް ޖަމްޢިއްޔާތަކެއްގެ އަމީންޢާންމުން ބައިވެރިވެ ވަޑައިގަންނަވައެވެ. ޢަރަބި ޤައުމުތަކުގެތެރެއިން މި ރަސްމިއްޔާތުގައި ބައިވެރިނުވަނީ ސޫރިޔާއާއި ތޫނިސް އެކަންޏެވެ.

އުރްދުޣާން ރިޔާސީ އެކުވެނީގެ މައި ދޮރޯށްޓާ ހަމައަށް ވަޑައިގަތުމުން 101 ބަޑީގެ ވެދުމެއް ބަރުތީލަކުރެވޭނެއެވެ. ހަމަ އެ ވަގުތު ތުރްކީގެ ވަޔާއި ކަނޑާއި އެއްގަމުގެ ޢަސްކަރީ މައިމަރްކަޒުތަކުން ވެސް ރައީސް އުރްދުޣާނަށް ވެދުން ބަރުތީލަކުރުމަށް ޓަކައި 101 ބަޑި ޖަހާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *