ޙައްޖާޖީންނަށް ބޭނުންވާ ތަފާތު ޚިދްމަތްތައް ފޯރުކޮށްދިނުމަށް ޓަކައި ދެ ޙަރަންފުޅުގެ ރިޔާސަތުން 185 ޕްރޮގްރާމަކާއި އިސްނެގުމެއް ފަށައިފައިވާ ކަމަށް އެ އިދާރާއިން ރޭ އިޢުލާންކޮށްފިއެވެ.
މި ޕްރޮގްރާމުތަކުގެ ތެރޭގައި، ޕްރޮގްރާމުތައް ސުމޭކުކުރުމާއި އިލެކްޓްރޯނިކު އެޕުތައް ޙައްޖުވެރީންގެ އަތްފޯރާފަށަށް ގެނެސްދިނުމާއި ޙައްޖުވެރީންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކާއި ޙައްޖުވެރީންނަށް ތަފާތު ބަސްބަހުން ޚިދްމަތްތައް ލިބޭނެ ވަސީލަތްތައް ތަނަވަސްކޮށްދިނުން ވެއެވެ. މި ޕްރޮގްރާމުތަކުގެ މަޤްޞަދަކީ ޙައްޖާޖީންނަށް ޙައްޖާއި ޢުމްރާގެ މަނާސިކުތައް އަދާކުރުމަށް ލުއިފަސޭހަކޮށްދިނުމާއި އެމީހުންގެ ތަޖްރިބާތައް މުއްސަނދިކޮށް ދިނުން ކަމަށް އައްޝަރްޤުލް އައުސަޠު ދުވަހު ނޫސް ބުންޏެވެ.
ދެ ޙަރަންފުޅުގެ ކަންތައްތަކާ ބެހޭ އިދާރާގެ ރައީސް އައްޝައިޚު ޑރ. ޢަބްދުއްރަޙްމާނުއް ސުދައިސް ރޭ މި ކަން އިޢުލާން ކުރެއްވި ބައްދަލުވުމުގައި ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ޑރ. ތައުފީޤުއް ރަބީޢާ ބައިވެރިވެ ވަޑައިގެންނެވިއެވެ. ޝައިޚު އައްސުދައިސް ހާމަކުރެއްވި ގޮތުގައި ރަޙްމާންވަންތަ ރަސްކަލާނގެގެ މެހެމާނުން (އެ ބަހީ ޙައްޖުވެރީން) ޙައްޖުގެ މަނާސިކުތަކުގެ ތެރޭގައި ކަޑައްތުކުރާ ހުރިހާ ފިޔަވަހިތަކެއްގައި އެމީހުންނަށް ބޭނުންވާ ހުރިހާ ޚިދްމަތްތަކެއް ތަނަވަސްކޮށް ދެވޭނެއެވެ. މި ޚިދްމަތްތައް ހަ ވެށްޓަކުން ލިބޭނެއެވެ. އެއީ އަލްމަސްޖިދުލް ޙަރާމުގެ ބޭރު މައިދާންތަކާއި އަލްމަސްޖިދުލް ޙަރާމުގައި ނަމާދުކުރެވޭ ބައިތަކާއި ގޯތިތެރެއާއި ޞަފާމަރްވާ ސަރަޙައްދާއި އަލްމަސްޖިދުއްނަބަވީގެ ރައުޟާ ސަރަޙައްދެވެ.މީގެ އިތުރަށް ދެ ޙަރަންފުޅުގެ ރިޔާސަތުން ބާއްވާ ތަފާތު މަޢުރަޒުތަކާއި ދެކުވެނިތައް ހުންނަ ސަރަޙައްދުތަކުން ވެސް މި ޚިދްމަތްތައް ލިބެން ހުންނާނެކަމަށް އެ އިދާރާއިން ހާމަކުރިއެވެ.
އައްޝައިޚުއްސުދައިސީ ކަށަވަރުކޮށްދެއްވި ގޮތުގައި މި މަޝްރޫޢުގައި އެތައް ނާރެސްތަކެއް ހިމެނެއެވެ. އެންމެ މުހިއްމު ނާރެހަކީ ޙައްޖާޖީންނެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގައި މީހުން އެންމެ ގިނައިން އެއްވެ ޖަމާވާ ދެ ސަރަޙައްދަކީ އަލްމަސްޖިދުއް ޙަރާމާއި އަލްމަސްޖިދުއްނަބަވީ އެވެ.
އައްސުދައިސް ހާމަކުރެއްވި ގޮތުގައި ދެ ޙަރަންފުޅުގައި ދަރުމަވެރި މަސައްކަތްތަކަށް ޓަކައި 10 ރޮނގެއް ޚާއްޞަކުރެވިފައި ވެއެވެ. މި ތަންތާނގައި ދަރުމައަށް މަސައްކަތް ކުރާނެ 10 ހާސް މީހުންނަށް ބޭނުންވެއެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި ޙައްޖު މޫސުމުގެތެރޭގައި ޙައްޖުވެރީންނަށް 40 މިލިއަން ލިޓަރުގެ ޒަމްޒަމް ފެން ލިބޭނެ 30 ހާސް ނުކުތާއެއް ހުންނާނެއެވެ.
އަނެއްކޮޅުން ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރުގެ ނައިބު ޢަބްދުލްފައްތާޙު މުޝާޠު ހާމަކުރެއްވި ގޮތުގައި މި އަހަރު ޙައްޖާޖީންގެ ޢަދަދު ކަނޑައަޅައިފައި ވަނީ ކޮރޯނާގެ ކުރިން ޢަމަލު ކުރަމުން ދިޔަ މިންގަނޑަށް ބަލައިގެންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ކުރިމަތިވެދާނެ ޞިއްޙީ ކަންތައްތަކަށް ސުޢޫދީ ޢަރަބިއްޔާ އޮތީ ތައްޔާރުވެގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި މުޤައްދަސް ހުރިހާ މަޝާޢިރުތަކެއްގައި ދޭން ޖެހޭ ހުރިހާ ޚިދްމަތްތަކެއް ދިނުމަށް ސުޢޫދީ ޢަރަބިއްޔާ އޮތީ ތައްޔާރުވެގެންނެވެ.



advertisment