އީރާނުގައި ގުދަންކޮށް ރައްކައުކޮށްފައި ހުރި މުއްސަނދިކޮށްފައިވާ ޔޫރޭނިއަމްގެ މިންވަރު ވޭތުވެދިޔަ މަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ޒައްރީ ހަކަތަޔާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީން އިއްޔެ ޝާއިޢު ކުރި ރިޕޯޓުގައި ބުނެފިއެވެ. މިއީ ނިޔުކްލިއަރ ދެ ބޮން އުފެއްދުމަށް ފުދޭ މިންވަރެއް ކަމަށް މި ރިޕޯޓުގައި އައިސްފައި ވެއެވެ.
އެހެނަސް މި އޭޖެންސީގެ ސިއްރު ރިޕޯޓެއް ބުނާގޮތުގައި ޠަހަރާނާއެކު "އެއްބާރުލުމަށް" ކުރިއެރުމެއް ވަނީ ލިބިފައެވެ. ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި އީރާނުން އިޢުލާން ނުކުރާ ތިން މަރްކަޒެއްގެ ތެރެއިން މަރްކަޒެއް ކަމުގައިވާ މަރިވާން މަރްކަޒާ ބެހޭ ފައިލް ލައްޕައިލުމަށް ވަނީ ނިންމައިފަ އެވެ.
މި އޭޖެންސީގެ ފޯވަހި ރިޕޯޓު ބުނާގޮތުގައި އީރާނު އަތުގައި ހުރި މުއްސަނދިކޮށްފައިވާ ޔޫރޭނިއަމްގެ މިންވަރު ވަނީ ހުއްދަދެވިފައިވާ މިންވަރަށްވުރެ 23 ފަހަރަށް އިތުރުވެފައެވެ.
ހުއްދަދެވިފައިވާ މިންވަރަކީ 202.8 ކީލޯގްރާމެވެ. އެހެނަސް އީރާނު އަތުގައި މިހާރު 47،44.5 ކީލޯގަރާމުގެ މުއްސަނދި ޔޫރޭނިއަމް އެބަހުއްޓެވެ.
ޔޫރޭނިއަމް މުއްސަނދިކުރުން
މި ރިޕޯޓު ބުނާގޮތުގައި ޔޫރޭނިއަމް މުއްސަނދި ކުރުމަށް ހުއްދަދެވިފައިވާ މިންވަރަކީ 3.67% ގެ މިންވަރަށެވެ. މި ރިޕޯޓު ލަފާކުރާ ގޮތުގައި އީރާނުން މިހާރު ވަނީ ޔޫރޭނިއަމް 20% އަށް މުއްސަނދިކޮށްފައެވެ. ނިޔުކްލިއަރ ހަތިޔާރު އުފެއްދުމަށް ޓަކައި 90% އަށް ޔޫރޭނިއަމް މުއްސަނދި ކުރެވެން ޖެހޭނެއެވެ.
އީރާނުން މިހާރު ވަނީ 2015ވަނަ އަހަރުގެ އެއްބަސްވުމާ އެއްގޮތަށް ފާރަލުމަށް ބޭނުންވާ ބައެއް އާލަތްތައް އަލުން ބެހެއްޓުމަށް ހުއްދަދީފައެވެ.
މީގެ އިތުރަށް އަޞްފަހާން މަރްކަޒުގައި އިތުރު ކެމެރާތައް ބެހެއްޓުމުގެ ހުއްދަ އީރާނުން ދީފައިވާކަމަށް ވެސް މި ރިޕޯޓު ބުނެއެވެ.
އީރާނުން ނިޔުކްލިއަރ ހަތިޔާރު އުފައްދާން އުޅޭ ކަމަށް ހުޅަނގުންނާއި އިސްރާއީލުން ކުރާ ތުހްމަތުތަކާ އީރާން ދެކޮޅުހަދައެވެ. އީރާން ބުނާގޮތުގައި އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމަކީ ޞުލްޙަވެރި ބޭނުންތަކަށް ޓަކައި ތަރައްޤީ ކުރެވޭ މަޝްރޫޢެކެވެ. އިސްރާއީލުން އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމާ ދުޝްމަނުވާއިރު އިސްރާއީލުގެ ނިޔުކްލިއަރ ޕްރޮގްރާމް އދގެ އެއްވެސް އިދާރާއަކުން ބަލައި ފާހެއް ނުކުރެއެވެ. އަދި އެމެރިކާއާއި ހުޅަނގުން މި ކަމާ ކަންބޮޑެއްވެސް ނުވެއެވެ.



advertisment