މިއަހަރު ސަރުކާރުން ހުޅުވައިލި ސްޓޫޑެންޓް ލޯނަށް ހުށައެޅި ދަރިވަރުންގެ ތެރެއިން ޝަރުޠުހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން އިޢުލާނުކުރެއްވީ، 2021-2020 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލްކުރި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމް" ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއާ ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީން ޙާޞިލުކުރުމަށް ސަރުކާރުން ދޫކުރާ ލޯނު ދިނުމުގައިވެސް، މިއަހަރު ސަރުކާރުން ހެޔޮބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިފަހަރު ސަރުކާރުން ހުޅުވައިލި ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން 1،225 ދަރިވަރަކު ލޯނަށް ޝަރުޠު ހަމަވާ ކަމަށާއި އެހުރިހާ ދަރިވަރުންނަށްވެސް ސްޓޫޑެންޓް ލޯނު ދިނުމުގެ އިތުރުން އެއްވެސް މައްސަލައެއް ދިމާވެގެން ދަރިވަރަކަށް ފުރުޞަތު ގެއްލޭ ކަމަށް ވާނަމަ އެކަން ބަލައި އެދަރިވަރުންނަށްވެސް ލޯނު ކަށަވަރުކޮށްދެއްވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސްޓޫޑެންޓް ލޯނަށް ގެނެވުނު މިބަދަލާއި ގުޅޭ އިތުރު ތަފްޞީލްތައް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހާމަކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، މަތީ ތަޢުލީމަށް ސަރުކާރުން ފޯރުކޮށްދޭ ފަހި ފުރުޞަތުތަކުގެ އިތުރުން، ހުނަރާއި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ބިނާކުރުމަށް ސަރުކާރުންކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިރޮނގުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި ވިދާޅުވީ، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ފުރުޞަތު ޖުމްލަ 665 ޒުވާނަކަށް މިހާތަނަށް ފަހިކޮށްދެވިފައިވާ ކަމަށެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައި މިކާމިޔާބަށް ވާޞިލްވުމަށް ކޯވިޑް-19ގެ ހާލަތާއި އެކުގައިވެސް، ދަރިވަރުންކޮށްފައިވާ ބުރަ މަސައްކަތްތައް ފާހަގަކޮށް ދަރިވަރުންނަށާއި އެދަރިވަރުންގެ ބެލެނިވެރިން، އަދި ޓީޗަރުންނާއި މުދައްރިސުނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އެމަނިކުފާނު ވިދާޅުވީ، އެދަރިވަރުންގެ މިކާމިޔާބީއަކީ، ޤައުމުގެ ކުރިމަގާއި މެދު އުއްމީދު އާވެގެންދާކަމެއް ކަމަށެވެ. މީގެ އިތުރުން މަތީތަޢުލީމު ޙާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ހުޅުވާލާފައިވާ އިތުރު ފުރުޞަތުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި، މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެއްވަނަ ހޯދި ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުގެ އެންމެ ރަނގަޅު ނަތީޖާ ހޯދި 10 ދަރިވަރުންގެ ތެރެއިން، ެެވަނަ ޙާޞިލްކުރި ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މީގެ އިތުރުން މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުގެ އެކި މާއްދާތަކުން މުޅި ދުނިޔެއިން ދެވަނައިން ފެށިގެން 10ވަނައާ ދެމެދުގެ ވަނަތައް ޙާޞިލްކުރި ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ، ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމެވެ.
ނިމިގެންދިޔަ ދިރާސީ އަހަރު 2،849 ދަރިވަރުން ވަނީ މަތީ ޘާނަވީ އިމްތިޙާން ފުރިހަމަކޮށްފައެވެ. އޭގެ ތެރެއިން 445 ދަރިވަރަކު ވަނީ މުޅި ރާއްޖެއިން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ. އަދި ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު ނަތިޖާ 20 ދަރިވަރަކު ހޯދާފައިވާއިރު، ހަ ދަރިވަރަކު އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނަ ހޯދައިފައިވެއެވެ.



advertisment