Support Us

އިސްތަންބޫލް ފަތަޙަކުރެއްވުމަށް 570 އަހަރު ފުރުން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފި

އިސްތަންބޫލް ފަތަޙަކުރެއްވުމަށް 570 ފުރުން ތުރްކީގެ ރައްޔިތުން އިއްޔެ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މީސްމީޑިއާގެ ތަފާތު އޮޅިތަކުގައި މި އިޙްތިފާލުގެ ފޮޓޯތަކާއި ވީޑިއޯތައް ވަނީ ވަރަށް ބޮޑަށް ފެތުރި ވައިރަލްވެފައެވެ.

އިސްތަންބޫލްގެ ކުރީގެ ނަމަކީ ޤުސްޠަންޠީނިއްޔާ (ކޮންސްޓޭންޓިނޯޕްލް) އެވެ. ޢުޘްމާނީ ޒުވާން ރަސްގެފާނު މުޙައްމަދުލް ފާތިޙު މި ތާރީޚި ރަށް ފަތަޙަކުރެއްވީ ރޯމަން ބީޒަންޓީނުންގެ ލަޝްކަރު ބަލިކުރެއްވުމަށް ފަހުގައެވެ. މުސްލިމުން މި ސަހަރު ފަތަޙަކުރުމަށް ޓަކައި އެތައް ސައްތަ އަހަރެއް ވަންދެން މަސައްކަތް ކޮށްފައިވެއެވެ.

މި ސަހަރުގެ މަޝްހޫރު ބޮޑު މިސްކިތް އާޔާ ޞޫފިޔާގައި އިއްޔެ ހުރިހާ ވަގުތުތަކެއްގައި އެތައް ލައްކަ ބަޔަކު ބަޔަކު ފަރްޟު ފަސް ނަމާދު ޤާއިމު ކުރިއެވެ. އިއްޔެ އަކީ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާނުގެ އައު ރިޔާސީ ދައުރު ފެށުނު ދުވަސްވެސް މެއެވެ. އާޔާ ޞޫފިޔާ މިސްކިތް ދާރުލް އާސާރެއްގެ ގޮތުގައި ސައްތައެއްހާ އަހަރު ހޭދަކުރުމަށްފަހު އެ ތަން އަލުން މިސްކިތަކަށް ބަދަލު ކުރެއްވީ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާނެވެ. އުރްދުޣާން ދެވަނަ ދައުރަކަށް ރައީސްކަމަށް ވަޑައިގަތުން މަނާކުރުމަށް ހުޅަނގުން މަސައްކަތްކުރި ސަބަބުތަކުގެ ތެރޭގައި މި ކަން ވެއެވެ. އޭނާއާ ވާދަކުރެއްވި ޢަލްމާނީ ކެންޑިޑޭޓް ކަމާލް ކުލަޖްދާރު ޢޫޣުލޫއަށް ވެރިކަން ލިބިވަޑައިގެންނެވިނަމަ އާޔާ ޞޫފިޔާ އަލުން ދާރުލްއާސާރަކަށް ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މުޙައްމަދުލް ފާތިޙު އިސްތަންބޫލް ފަތަޙަކުރެއްވުމަށްފަހު އިސްލާމީ ޚިލާފަތުގެ ވެރިރަށް ކަމުގައި މި ރަށް ހެއްދެވިއެވެ. މި އިޙްތިފާލު ފާހަގަކުރުމަށް ޓަކައި މި ސަހަރާ ބެހޭ ތަފާތު ޙަދިސާތައް ތަފާތު ސިފަސިފައިގައި އިއްޔެއާއި ރޭ ދެއްކިއެވެ. ފަންނީ ސަމާތަކާއި ޕެނޮރާމާ ސަމާތަކާއި ފޯކްލޯރުގެ ސަމާތަކުގެ ގޮތުގައެވެ.

އަލްސުލްޠާން މުޙައްމަދުލް ފާތިޙު އިސްތަންބޫލް ފަތަޙަ ކުރެއްވީ އެ ރަސްގެފާނުގެ ޢުމުރުފުޅުން 21 އަހަރުގައި 29 މޭ 1453ވަނަ އަހަރުއެވެ. އެއްހާސް އަހަރަށްވުރެ ގިނަދުވަހު ރޯމަން ބީޒަންޓީން ވެރިރަށުގެ ގޮތުގައި އޮތް ރަށް މުސްލިމުން ފަތަޙަކުރާނެކަމުގެ ހެޔޮ ޚަބަރު ކީރިތި ރަސޫލާ ވަނީ ދެއްވައިފައެވެ. މުޙައްމަދުލް ފާތިޙުގެ ލަޤަބު އެ ރަސްގެފާނަށް އެރުވުނީ މި ރަށް ފަތަޙަކުރެއްވުމުންނެވެ. މި ރަށް ފަތަޙަ ކުރެއްވުމަށްފަހު އެ ރަސްގެފާނު އާޔާ ޞޫފިޔާއާށް ވަޑައިގެން އެ ތާނގައި ނަމާދުފުޅު ކުރެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. "މި ވަގުތުން ފެށިގެން އަހުރެންގެ ޢަރްޝި ހުންނާނީ ޤުސްޠަންޠީނިއްޔާ ގައެވެ."

މުޙައްމަދުލް ފާތިޙު އުފަންވެ ވަޑައިގަތީ 30 މާރިޗު 1429ގައި އަދްރަނާ ގައެވެ. އަވަޙަރަވީ ޢުމުރުފުޅުން 49 އަހަރުގައި 3 މޭ 1481ގައެވެ.

ރޭގެ އިޙްތިފާލުތަކުގައި ތުރްކީގެ މަޝްހޫރު މަހްތަރާން ބޭންޑް ބައިވެރިވިއެވެ.

އެއީ ދުނިޔޭގައި އޮތް އެންމެ ޒަމާންވީ ޢަސްކަރީ އެއް ބޭންޑެވެ. މިބޭންޑް އުފެދުނީ މީގެ ހަތް ސައްތަ އަހަރު ކުރިންނެވެ. ދީނީ ވަޠަނީ ތާރީޚީ ޚާއްޞަ އިޙްތިފާލުތަކުގައި މި ބޭންޑް ބައިވެރިވެއެވެ.

ރޭގެ އިޙްތިފާލުތަކުގެ އަމާޒަކީ މައިންބަފައިން ދަރީންނަށް އަދި ކާފައިން ކާފަދަރީންނަށް އެމީހުންގެ ގިޔަމުތަކާއި ދަރުސްތަކާއި ތާރީޚު ކިޔައިދީ އެއަށް ލޯބިޖެއްސުމެވެ.

އިސްލާމީ ތާރީޚުން އެނގޭގޮތުގައި މުސްލިމުންނަށް ކީރިތި ރަސޫލާގެ ބިޝާރަތު ޙަޤީޤަތަކަށް ހެދުނީ އަށް ސައްތަ އަހަރުފަހުންނެވެ. މި ޝަރަފު ލިބޭތޯ މުސްލިމު ކޮންމެ އަސްވާރަކު ވެސް އުއްމީދު ކުރެއްވިއެވެ. ކައު ރަސޫލާ ޙަދީސްކުރެއްވިއެވެ. "لَتُفْتَحَنَّ القُسطَنْطِينِيَّةُ فلنعمَ الأميرُ أميرُها ولنعمَ الجيشُ ذلك الجيش މާނައީ: ޤުސްޠަންޠީނިއްޔާ ފަތަޙަކުރެވޭނެކަން ކަށަވަރެވެ. އެ ލަޝްކަރުގެ އަމީރުގެ އަމީރުކަމުގެ ހެޔޮ ރަނގަޅުކަމާއެވެ. އަދި އެ ލަޝްކަރުގެ ލަޝްކަރުކަމުގެ ހެޔޮ ރަނގަޅުކަމާއެވެ!"

މި މުނާސަބަތުގައި ތާރީޚީ ގަލަޠާ ކޮއްޓޭ މުޙައްމަދުލް ފާތިޙުގެ ތަޞްވީރަކުން ދިއްލައިލެވުނެވެ. މިއީ މެދު ޒަމާނުގެ ރީތި ކިއްލާއެކެވެ. މި ކޯއްޓޭއަށް މި ނަން ދެވުނީ އެ ކިއްލާ ހުންނަ ހިސާބަށް ގަލަޠާ ކިޔާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އާޔާ ސޯފިޔާ އަކީ ބިޒަންޓައިން އެމްޕަޔަރ ގެ އެންމެ ބޮޑު ކިއްލާ! މިތަން މިސްކިތަށް ހެދީމަ އެތަނުގެ ހަގީގީ އަހުލުވެރިން ހިތްހަމައެއް ނުޖެހޭނެ ދޯ؟ މިކަހަލަ ކަންކަމާއި ހެދި ދުނިޔޭގައި ހަނގުރާމަ ކުރަން ޖެހެނީ އެނގިއްޖެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *