Support Us

އައިސް ޕްލާންޓްތައް ފެނަކައާ ހަވާލުކުރުމުގެ ނަތީޖާ ރަނގަޅު: ރައީސް

އައިސް ޕްލާންޓްތައް ހިންގުން ފެނަކައާ ހަވާލުކުރުމުގެ ނަތީޖާ ރަނގަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފ. ފީއަލީގައި ފެނަކައިން އިމާރާތްކުރި އާ އިންޖީނުގެއާއި އޮފީސް އިމާރާތް އަދި އައިސްޕްލާންޓް ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ފީއަލީ ބަނދަރު ސަރަހައްދުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނާ އައިސްޕްލާންޓްތައް ހިންގުން ހަވާލުކުރުމަށް ސަރުކާރުން ނިންމީ އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރުމަށްފަހުގައި އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައި ވާތީ ކަމަށެވެ. އަދި މިހާރު ފެނަކައާ ހަވާލުކޮށްފައިވާ ހުރިހާ އައިސް ޕްލާންޓްތަކަކުންވެސް މަސްވެރިންނަށް ޚިދުމަތް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފެނަކައިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ފެނަކައިން ފޯރުކޮށްދޭ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތާއި އަދި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފެނަކައިގެ މުވައްޒަފުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވަނީ ފެނަކައިގެ ހީވާގި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފީއައްޔަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވައި، މަސްވެރިކަމުގެ ދާއިރާއަށް މިސަރުކާރުން ގެނައި ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލިއެވެ. އަދި ލަސްތަކެއް ނުވެ މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ކުރިޔަށް އޮތް ތަނުގައިވެސް ފީއަލީގައި އިތުރު މަޝްރޫޢުތައް ހިންގޭނެ ކަމަށާއި، ފީއަލީ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް ޖަހަންޖެހޭ ބަންޑްވޯލް ޖެހުމުގެ މަސައްކަތް މިހާރު އެމްޓީސީސީން ފަށާފައިވާ ކަމުގައިވެސް ވިދާޅުވެފައެވެ. އަދި ފީއަލީގެ މަޝްރޫއުތައްވެސް ހިންގޭނީ ފީއަލީގެ ރައްޔިތުން ބޭނުންވާ ގޮތް ސާފުކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފީއަލީގެ އައު އިންޖީނުގެއާއި އޮފީސް އިމާރާތަކީ، ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކުރެވިފައިވާ ތަނެކެވެ. އެންމެ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ އައު އިންޖީނުގޭގެ އޮފީސް އިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސްކުރެވިފައިވެއެވެ.

ފީއަލީގައި ސަރުކާރުން ބެހެއްޓި މި އައިސްޕްލާންޓަކީ، 25 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ސްޓޯރޭޖެއް އެކުލެވޭ އައިސްޕްލާންޓެކެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނާއި، ފީއަލީގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރަށުގެ އާއްމު ރައްޔިތުން ބައިވެރިވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *