ޔުކްރޭންގެ ވެރިރަށް ކިޔީވަށް ރޫސީ ވައިގެ ބާރުތަކުން ވަރުގަދަ ޙަމަލާތަކެއް ރޭ ފަތިހު ދީ މުޅި ސަހަރު ޒަލްޒަލާކޮށްލައިފިއެވެ.
ރޮއެޓަރޒް ބުނާގޮތުގައި މި ޙަމަލާތަކުގެ ސަބަބުން ސަހަރު ގުގުމައިގެން ދިޔައެވެ. އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމުވިއެވެ.
ރޮއެޓަރޒް ބުނިގޮތުގައި ޔުކްރޭންގެ ދިފާޢީ ބާރުތަކުން މި ޙަމަލާތަކަށް ހުރަސްއަޅަން މަސައްކަތް ކުރިއެވެ. ޙަމަލާތައް ވަރުގަދަ ކަމުން ކިޔީވްގެ ވަރަށް ގިނަ އަހްލުވެރިން ޙިމާޔަތް ހޯދުމަށް ޓަކައި މެޓްރޯ އިސްޓޭޝަންތަކަށް ދިޔައެވެ.
ކިޔީވްގެ މޭޔަރު ވިދާޅުވި ގޮތުގައި ވެރިރަށަށް ޙަމަލާދިނީ ޑްރޯން ބޭނުންކޮށްގެންނެވެ. މި ޙަމަލާތަކުގެ ސަބަބުން ދެ އަވަށަކުން ބޮޑު ދެ ޢިމާރާތެއް ވެއްޓުނެވެ.
ކިޔީވްގެ ޢަސްކަރީ އިދާރާ ބުނާގޮތުގައި ރަޝިޔާގެ ޙަމަލާގައި ބައިވެރިވި ޑްރޯންތަކުން 40 ޑްރޯން ވައްޓައިލިއެވެ. ޔުކްރޭންގެ ޢަސްކަރިއްޔާގެ ޗީފް އޮފް ސްޓާފްގެ އޮފީސް ބުނާގޮތުގައި ރަޝިޔާއިން ދިން ޙަމަލާތަކުގެ ތެރެއިން 21 ޙަމަލާއެއް ވަނީ ނާކާމިޔާބުކޮށްލައިފައެވެ. މި އޮފީހުން ބުނިގޮތުގައި ރަޝިޔާއިން މިހާރު ޙަމަލާތައް ބޮޑަށް އަމާޒުކޮށްފައި ވަނީ ލޮގަންސްކް ސަރަޙައްދަށާއި ޑޮނެޓްސްކް ސަރަޙައްދަށެވެ.
ޔުކްރޭންގެ ޓައިމްސް ދުވަހު ނޫސް ބުނާގޮތުގައި ޔުކްރޭނުން ފަށަން އުޅޭ އިދިކޮޅު ޙަމަލާ ފެށުމުގެ ކުރިން ޔުކްރޭން ހަނގުރާމަވެރިން ވަނީ މާޔޫސްވެފައެވެ. އެއީ ބަޚްމޫތުގައި ޔުކްރޭންގެ އެއްގަމު ސިފައިންގެ ވެރިޔާ ވަރަށް ބޮޑަށް ޒަޚަމުވުމުގެ ސަބަބުންނެވެ. ރައީސް ޒިލެންސްކީ ވަނީ އޭނާގެ ޚަބަރުތައް މީޑިޔާއަށް ވަންހަނާކުރަން އަމުރުކުރައްވައިފައެވެ.
ޓޯރަސް މިސައިލް
މި ސިޔާޤުގައި ވާހަކަދައްކަމުން ޖަރްމަނު ސަރުކާރުން ހާމަކުރިގޮތުގައި ޔުކްރޭނުން ވަނީ ޖަރްމަނުގެ ޓޯރަސް މިސައިލަށް ރަސްމީކޮށް އެދިފައެވެ. (Taurus) މިސައިލަކީ 500 ކީލޯމީޓަރުގެ ރާސްތާއެއް ލިބިގެންވާ ޖައްވުން ބިމަށް ފޮނުވާ ނުރައްކާތެރި ހަތިޔާރެކެވެ. ޔުކްރޭނުން އެދިފައިވަނީ ކިތައް މިސައިލް ކަމެއް ޖަރްމަނުން ހާމައެއް ނުކުރެއެވެ. އަދި ޖަރްމަނުން މި ހަތިޔާރު ކިޔީވަށް ދިނުމާ ބެހޭގޮތުން ވަކި ގޮތެއް ނިންމި ކަމެއް ވެސް ނުބުނެއެވެ.



advertisment