Support Us

ޤައުމު ކުރިޔަށްދާނީ ތަރައްޤީގެ މަޝްރޫޢުތަކާއެކު ވަޒީފާތަކަށް ބޭންވާނެ މީހުން ބިނާކޮށްގެން: ރައީސް

ޤައުމު ކުރިޔަށްދާނީ ތަރައްޤީގެ މަޝްރޫޢުތަކާއެކު ވަޒީފާތައް އުފައްދައި އެ ވަޒީފާތަކަށް ބޭނުންވާނެ މީހުން ބިނާކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފ. ދަރަނބޫދޫ ބަނދަރު ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ދަރަނބޫދޫ ބަނދަރު ސަރަޙައްދުގައެވެ.

ފ. ދަރަނބޫދޫ ބަނދަރު ހުޅުއްވައި ދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މާލެ ތޮއްޖެހިގެން ދިޔުމުގެ ސަބަބަކީ، ކިތަންމެ ކުޑަ ޚިދުމަތެއް ހޯދަންޖެހުނަސް އަދި ވަޒީފާއެއް ހޯދަން ޖެހުނަސް މާލެއަށް ދާންޖެހޭ ގޮތަށް މީގެ ކުރިން ސިޔާސަތުތައް ބައްޓަންވެފައި އޮތުން ކަމަށެވެ. މިގޮތުން މާލޭގެ ޙާލަތު އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެކަމަށް އޮތް އެއް ޙައްލަކީ މާލެ ނޫން ސަރަޙައްދެއްގައި މީހުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުން ތަރައްޤީގެ މަޝްރޫޢުތަކާއި އެކު ކުރަމުންގެންދާ އަނެއްކަމަކީ ވަޒީފާތަކަށް މީހުން ބިނާކުރުން ކަމަށެވެ. އަދި ޤައުމު ކުރިޔަށްދާނީ، މިގެނެވޭ ތަރައްޤީއާއި އެކުގައި އުފެދޭ ވަޒީފާތަކަށް އެކަށީގެންވާ މީހުން ބިނާކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވަޒީފާއެއް އާމްދަނީއެއް ނެތި ރަށެއްގައި ދިރި ނޫޅެވޭނެ ކަމަށާއި މާލެއަށް މީހުން ހިޖުރަކުރަންޖެހުނު ސަބަބަކީ އެއީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަރަނބޫދޫގެ އަބާދީގައި ހަތަރުސަތޭކައެއްހައި މީހުން ދިރިއުޅޭއިރު، ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން، ދަރަނބޫދޫގެ 36 ދަރިވަރަކު ޑިގްރީ ހާސިލްކޮށްފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަރަނބޫދޫގައި މުސްތަޤުބަލް އެބައޮތް ކަމަށެވެ. އަދި ބޭނުންވަނީ ޒަމާނަށް އަންނަ ބަދަލާއި އެކީގައި ރަށް ކުރިއަރުވާނެ ބަޔަކު ރަށުގައި ތިބުންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ދަރަނބޫދޫއަށް 2018 ގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދައި ދެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދިވެސް ދަރަނބޫދޫގެ ރައްޔިތުން ބޭނުންވާނެ ކަންކަން ހުންނާނެކަން ފާހަގަކުރައްވައި އެކަންކަން ޙިއްޞާކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ފ. ދަރަނބޫދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ސަރުކާރުން ޙަވާލުކުރެއްވީ އެމްޓީސީސީއަށެވެ. މި މަޝްރޫޢަށް ސަރުކާރުން 45.9 މިލިޔަން ރުފިޔާ ޚަރަދުކުރައްވާފައިވެއެވެ.

ދަރަނބޫދޫ ބަނދަރުގެ މަޝްރޫޢު ނިމި ބަނދަރު ހުޅުވުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ސަރުކާރުގެ މަތީފަންތީގެ ވެރިން ބައިވެރިވެވަޑައިގަތެވެ. އަދި ދަރަނބޫދޫގެ މުއައްސަސާތަކުގެ މުވައްޒަފުންނާ އެރަށު ރައްޔިތުން މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *