ރާއްޖެ ތަރައްޤީ ކުރެވޭނީ އަތޮޅުތަކުގެ ރަށްތައް ތަރައްޤީކުރެވި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އުއްމީދެއް ހޯދައިދެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުވުން އޮތީ، ނިލަންދޫގައި ހުންނަ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނިލަންދޫ ރައްޔިތުންގެ ފަރާތުން ރައީސްގެ ދެކަނބަލުންނަށާއި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވަމުންގެންދާ ދަތުރުފުޅުތަކުގައި ރަށްރަށުގެ އާއްމު ރައްޔިތުންނާއި ބައްދަލުކުރައްވާއިރު، ނިލަންދޫ ރައްޔިތުންނާ އެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންބައިވެރިވެވަޑައިގެން މަޝްރޫޢުތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނާއި ޙިއްޞާކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ނިލަންދޫއަށް ވަޑައިގެންނެވިއިރު ނިލަންދޫ ރައްޔިތުން އެމަނިކުފާނަށް ދަންނަވާފައިވާ ކަންކަމުގެ ތެރެއިން ގިނަ މަޝްރޫޢުތަކެއް ނިމި އަދި ބައެއް މަޝްރޫޢުތައް މިހާރު ހިނގަމުންދާ ކަމަށެވެ. މިގޮތުން ހިންގައިފައިވާ ބައެއް މަޝްރޫޢުތުތަކާއި ކުރިޔަށް ރޭވިފައި ހުރި ބައެއް މަޝްރޫޢުތަކުގެ މައުލޫމާތު އެމަނިކުފާނު ރައްޔިތުންނާ ހިއްޞާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނިލަންދޫ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބަނދަރުގެ މަސައްކަތާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ލަހެއްނުވެ ފެށިގެންދާނެ ކަމަށެވެ. އަދި ނިލަންދޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ނިލަންދޫ ފަޅުތެރެއިން އިތުރު ދެރަށެއް ހިއްކައި ރިޒޯޓު ތަރައްޤީކުރުމަށް ރޭވިފައިވާކަން ހާމަކުރެއްވިއެވެ. އަދި މި ސަރަހައްދުގައި ޤާއިމްކުރާ ފުލުހުންގެ މަރުކަޒު ނިލަންދޫގައި ޤާއިމްކުރުމަށް ރޭވިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ނިލަންދޫ ރައްޔިތުން ވަނީ، މިވަގުތަށް ރައްޔިތުންނަށް ބޭނުންވެފައިވާ މުހިއްމު ކަންކަމާއި، އަދި ދަތިވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާ ކުރައްވާފައެވެ. މިގޮތުން، ރަށުގެ މަގުހެދުމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ހޮސްޕިޓަލްގެ ތަރައްޤީއަށާއި، ސްކޫލުގެ ތަރައްޤީއަށް އަދި ކުޅިވަރުގެ ދާއިރާއިން ރައްޔިތުން ބޭނުންވެފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ނިލަންދޫގެ ރައްޔިތުންނާ އެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައްޔިތުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާ އެކުގައި މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި މިރަސްމީ ދަތުރުފުޅުގައި އެދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.



advertisment