މިޞްރާއެކު މިނިވަން ވިޔަފާރީގެ ސަރަޙައްދެއް ޤާއިމުކުރުމާ ބެހޭގޮތުން މޮސްކޯއާއި ޤާހިރާއާ ދެމެދުގައި ވާހަކަދެއްކުންތައް ކުރިއަށްދާ ކަމަށް ރޫސީ ރައީސް ޕޫޓީން ޔޫރޯޝިޔާ އިޤްތިޞާދީ މަންސާގައި ރޭ ހާމަކުރައްވައިފިއެވެ.
ބައިނަލްއަޤްވާމީ އިޤްތިޞާދާ ބެހޭ މިޞްރުގެ އުސްތާޒެއް ކަމުގައިވާ ކަރީމުލް ޢުމްދާ ވިދާޅުވާގޮތުގައި މިޞްރާއި ރަޝިޔާއާ ދެމެދުގައި ބަދަލުކުރެވެމުންދާ ވިޔަފާރީގެ ވޮލިޔުމް އަންނަނީ ބޮޑުވަމުންނެވެ. ރަޝިޔާއިން މިޞްރަށް 2021ގައި އެތެރެކުރި މުދަލުގެ މިންވަރު ވަނީ ތިން ބިލިއަނަށްވުރެ އިތުރުވެފައެވެ. ރަޝިޔާއަކީ ޗައިނާއާއި ސުޢޫދީ ޢަރަބިއްޔާއާއި އެމެރިކާއާއި ޖަރްމަނާއި ތުރްކީއަށްފަހު ހަ ވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރާ ޤައުމެވެ.
ހުސްވި އަހަރު ރަޝިޔާއިން މިޞްރަށް އެތެރެކުރި މުދާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރަށް ރަޝިޔާގެ ފަތުރުވެރީންނަކީ މިޞްރުގެ ފަތުރުވެރިކަމުގެ މައިދާނުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ބައެކެވެ.
މިނިވަން ވިޔަފާރީގެ ސަރަޙައްދެއް ޤާއިމުކުރެވިއްޖެނަމަ ޔޫރޯޝިޔާ ޤައުމުތަކުގެ މުދާތައް މިޞްރަށް އަދި މިޞްރުގެ މުދާ ޔޫރޯޝިޔާގެ ޤައުމުތަކަށް ކަސްޓަމު ޑިޔުޓީއާ ނުލައި އެތެރެކުރެވޭނެއެވެ. މީގެއިތުރަށް ރަޝިޔާއާއި މިޞްރާ ދެމެދުގައި ބަދަލުކުރެވޭ މުދާ ގަނެވިއްކޭނީ މިޞްރު ފައިސާއަށެވެ. ނުވަތަ ރަޝިޔާގެ ރޫބެލަށެވެ.
އަލްޢުމްދާ ވިދާޅުވާ ގޮތުގައި މޮސްކޯއިން ޤާހިރާ އެތެރެކުރާ މުހިއްމު މުދަލުގެ ތެރޭގައި ހިމެނެނީ ގޮދަނާއި ތެލެވެ. މި ދެ މުދާވެސް ރަޝިޔާއިން މިޞްރަށް ވިއްކަނީ ޚާއްޞަ ކުޑަ އަގެއްގައެވެ. މީގެއިތުރަށް ރަޝިޔާއިން އެތެރެކުރާ އެއްޗެހީގެ ތެރޭގައި ކީމާވީ އުފެއްދުންތަކާއި އުޅަދުފަހަރުގެ ސްޕެއަރ ހިމެނެއެވެ.



advertisment