Support Us

އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމަށް ސުޢޫދީން ޝަރްޠުތަކެއް!

ސުޢޫދީ ޢަރަބިއްޔާއާ އިސްރާއީލާ ދެމެދުގައި ގުޅުންތައް ޠަބީޢީ ކުރުމަށް ވޮޝިންގްޓަނުން މަސައްކަތް ކޮށްދޭނީ ނަތަންޔާހޫގެ ސަރުކާރުން އެ ތާނގެ ފަނޑިޔާރުގޭގެ ނިޒާމަށް ގެންނަން އުޅޭ އިޞްލާޙުތައް ގެނައުން ހުއްޓައިލުމުންނާއި ފަލަސްޠީނުންނާއެކު ޞުލްޙަ ޤާއިމުކުރުމަށް އަލުން ވާހަކަދެއްކުންތައް ފެށުމަށް ޤަބޫލު ވުމުން ކަމަށް އެމެރިކާއިން ބުނެފިކަމަށް އިސްރާއީލުގެ i24News ބުނެފިއެވެ.

އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުގައި ވޮޝިންގްޓަނާއި ރިޔާޟުން އިސްރާއީލަށް ފިއްތަމުންދަނީ ސުޢޫދީ– އިސްރާއީލު ގުޅުންތައް ޠާބީޢީ ކުރުމުގެ މަސައްކަތާއިގެން ކުރިއަށް ދިޔުމުގެ ކުރިން އިސްރާއީލުން މި ދެ ޝަރްޠު ޤަބޫލުކުރުމަށެވެ. އެމެރިކާއާ ސުޢޫދީ ޢަރަބިއްޔާ ބޭނުންވަނީ ފަލަސްޠީނު ސަރުކާރާއެކު ސުލްޙައާ ބެހޭ ވާހަދެއްކުންތައް ފެށުމަށެވެ. މި ވާހަކަދެއްކުންތަކުގެ އާޚިރު ނަތީޖާއަކަށް ވާނީ ފަލަސްޠީނު މިނިވަން ދައުލަތަކަށް ވުމެވެ.  މި ޗެނެލް ބުނާގޮތުގައި އިސްރާއީލުގެ ޖުޑީޝަރީ އިސްލާހުކުރެއްވުމަށް ނަތަންޔާހޫ ހުށައަޅުއްވައިފައިވާ މަޝްރޫޢު ފަސްކުރުމަށް ވޮޝިންގްޓަނުން އެދެއެވެ.މި މަޝްރޫޢުގެ ސަބަބުން އިސްރާއީލުގެ އެތެރެ ވަނީ ގަޑުބަޑުވެފައެވެ.

މި ރިޕޯޓު ބުނާގޮތުގައި އިސްރާއީލުން ދަނީ މި އަންނަ ޙައްޖު މޫސުމަށް ޓަކައި އިސްރާއީލުން ޖިއްދާއަށް ވައިގެ ދަތުރުތައް ފެށުމާ ބެހޭގޮތުން ވަރަށް "ތައުގީދީ ވާހަކަދެއްކުންތަކެއް" ބާއްވަމުންނެވެ. މިއީ ގުޅުންތައް ޠަބީޢީ ކުރުމަށް ޓަކައި ފަށައިގެން އުޅޭ މަސައްކަތެއް ކަމަށް މި ރިޕޯޓު ބުންޏެވެ. 

މި ރިޕޯޓު ބުނާގޮތުގައި ސުޢޫދީން އެދޭ ކަންތައްތަކުގެތެރޭގައި އެމެރިކާއާއެކު ދިފާޢީ މުޢާހަދާއެއްގައި ސޮއިކުރުމާއި ސުޢޫދިޔާއަށް ވިއްކަން ހަމަޖެހިފައިވާ ހަތިޔާރުގެ އެއްބަސްވުންތަކުގެ ތެރެއިން ގަނޑުކޮށްފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމާއި ސުޢޫދީން ޤާއިމުކުރާން ބޭނުންވާ މަދަނީ ނިޔުކްލިޔަރ ޕްރޮގްރާމަށް އެމެރިކާ އެއްބަސްވުން ހިމެނެއެވެ. މީގެ ބަދަލުގައި އީރާނުގެ ނިޔުކްލިޔަރ ޕްރޮގްރާމާ ދެކޮޅަށް އިސްރާއީލުން އަޅަން ބޭނުންވާ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ރުހުން ވޮޝިންގްޓަނުން ދިނުން ވެސް ވެއެވެ. 

މި ރިޕޯޓު ހާމަކުރިގޮތުގައި މި ވާހަކަދެއްކުންތަކުގައި އެމެރިކާގެ ޚާރިޖީވަޒީރު ބްލިންކެނާއި ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވާނާއި އިސްރާއީލުގެ ޖާސޫސީ އިދާރާގެ ވެރިޔާ ޑޭވިޑް ބާރުނިޔާއާއި ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނުގެ އަރިސް "އިސް މަސްއޫލުވެރީންތަކެއް" ބައިވެރިވެވަޑައިގަންނަވައެވެ. 

ނަތަންޔާހޫ އާއި ބިންސަލްމާން ބައްދަލުކުރެއްވުން

އިސްރާއިލުގެ ޖެރޫޒަލީމު ޕޯސްޓް ދުވަހު ނޫސް ބުނާގޮތުގައި ވޭތުވެދިޔަ ދެ ހަފުތާގެތެރޭގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ފޯނުން ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނާ  ދެ ފަހަރު ބައްދަލުކުރެއްވިއެވެ. މި ވާހަކަދެއްކުންތަކުގައި ބިން ސަލްމާން ފަލަސްޠީނުގެ މަސްއަލައާ ބެހޭގޮތުން ސުޢޫދީން ބޭނުންވާ ކަންތައްތަކެއް އިސްރާއީލަށް ހުށައެޅުއްވިއެވެ. 

މި ނޫސް ބުނިގޮތުގައި ނަތަންޔާހޫޔާ މުޙައްމަދު ބިން ސަލްމާނުގެ ބައްދަލުކުރެއްވުން ވިލަރެސްކުރެއްވީ ބަޙްރައިނުގެ ޚާރިޖީވަޒީރު ޢަބްދުއްލަޠީފުއްޒައްޔާނީ އެވެ. މި ނޫހުގެ މި ޚަބަރާ ބެހޭ ގޮތުން ސުޢޫދީ ޢަރަބިއްޔާއިން އެއްވެސް ކޮމެންޓެއްކޮށްފައެއް ނުވެއެވެ.  

މި ނޫސް ބުނިގޮތުގައި ސީދާ ބައްދަލުކުރެއްވުމަކަށް ނަތަންޔާހޫ އެދިވަޑައިގަތުމުން ބިން ސަލްމާން އެކަމާ ދެކޮޅުހެއްދެވިއެވެ. މި ނޫސް ބަޔާންކުރިގޮތުގައި ނަތަންޔާހޫ– ބިން ސަލްމާން ވާހަކަދެއްކުންތައް ކުރިއަކަށް ނުދެއެވެ.

މި ނޫސް މިގޮތަށް  ރިޕޯޓު ކުރިޔަސް އިސްރާއީލުގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ތަސާޙީ ހެންގްބީ ވިދާޅުވާ ގޮތުގައި ސުޢޫދީ ވަލީ ޢަހްދު ބިން ސަލްމާނާ އިސްރާއީލުގެ ބޮޑުވަޒީރު  ނަތަންޔާހޫއާ ދެމެދުގައި ވޭތުވެދިޔަ މަސްތަކުގައި އެއްވެސް ބައްދަލުވުމެއް ބޭއްވިފައެއް ނުވެއެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *