އިސްރާއީލު ސިފައިން މިއަދު ހެނދުނު ހުޅަނގު އައްސޭރިއާއި ހިފައިފައިވާ ޤުދްސުގެ އަވަށްތަކަށް އަރައި ފަލަސްޠީނުގެ 12 މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނެއެވެ. މިކަމާ ފަރަލިކޮށް އެއް ވަގުތެއްގައި ޔަހޫދީ ވަޒަންވެރީންތަކެއް މިއަދު ހެނދުނު އަޤްޞާ މިސްކިތަށް ވަނެވެ. އެމީހުން މި މިސްކިތަށް މިއަދުވެސް ވަނީ އިސްރާއީލުގެ ޙިމާޔަތާއި ރައްކައުތެރިކަމާއެކުގައެވެ.
އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ރަށްތަކަށް އެރުމުގެ ސަބަބުން ރާމަﷲއާއި ނާބްލުސްއާއި ޠަލްކަރަމާއި ޖަނީން ސަހަރުގައި އިސްރާއީލު ސިފައިންނާ ފަލަސްޠީނުގެ ޒުވާނުންނާ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގިއެވެ މި މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި އިސްރާއީލު ސިފައިން ރަބަރު ވަޒަނާއި ޙަޤީޤީ ވަޒަންވެސް ބޭނުންކުރިއެވެ.
އަޤްޞާއަށް ވަނުން
ހިފައިފައިވާ ޤުދުސްގައި ޙައްދުފަހަނަޅައިފައިވާ ޔަހޫދީންގެ އެތައް ބަޔަކު މިއަދު ހެނދުނު އަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަނެވެ. މިމީހުން ވަނީ މަޣާރިބާ ދޮރުކޮޅުންނެވެ. ފަލަސްޠީނު މީހަކު ޙަމަލާއެއް ދީފާނެތީ ހައްދުފަހަނަޅައިވާ ޔަހޫދީން އަޤްޞާ މިސްކިތަށް ވަނީ އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ ރައްކައުތެރިކަމާއި ޙިމާޔަތް ލިބިގެންނެވެ. ޔަހޫދީން އަޤްޞާއަށް ވަންނަވަނުން މަނާކުރުމަށް ޓަކައި ޤުދްސުގެ ޒުވާނުން މާދަމާ ތެދުވުމަށް ދަނީ ގޮވައިލެވެމުންނެވެ.
ޤުދްސުގެ އިސްލާމީ އައުޤާފާ ބެހޭ އިދާރާ ބުނާގޮތުގައި ޔަހޫދީން އަޤްޞާ މިސްކިތަށް ވަދެ އެ ތާނގައި ޖެއްސުންކުރުމުގެ ހިނގައިލުންތަކާއި ތަލްމޫދީ އަޅުކަންތައް ވަނީ ބާއްވައިފައެވެ.
މާދަމާއަކީ ޔަހޫދީންގެ ޝޫފޫ ޢޫތު (ހަފުތާ ޢީދު) ނަމަކަށް ކިޔާ ޢީދު ދުވަހެވެ. މި ދުވަހު އެމީހުން އަޤްޞާ މިސްކިތަށް ވަދެ އެތަން މުޑުދާރުކުރާނެކަމަށް ވަނީ ބުނެފައެވެ.
ފަހަކަށް އައިސް ހުކުރުދުވަހާއި ހޮނިހިރުދުވަސްނޫން ދުވަސްތަކުގައި ޙައްދުފަހަނަޅައިފައިވާ ޔަހޫދީން ދަނީ އަޤްޞާ މިސްކިތުގެ ޙުރްމަތްކަނޑަމުންނެވެ. މި ކަން ކުރަނީ އިސްރާއީލު ސަރުކާރުގައި ތިއްބެވި ޙައްދުފަހަނަޅައިފައިވާ ހައެއްކަ ވަޒީރުންގެ ހިތްވަރުލިބިގެންނެވެ. އެމީހުންނަށް އިސްރާއީލު ފުލުހުންގެ ޙިމާޔަތާއި ރައްކައުތެރިކަން ލިބިގެންނެވެ.



advertisment