ތުރްކީއަށް އައި ބާރުގަދަ ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ހަޠާއި ސަރަޙައްދުގައި އަލަށް ބިނާކުރި 300 އެނދުގެ ހަސްފަތާލު ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ރޭ ހުޅުއްވައިދެއްވައިފިއެވެ. ރައީސް އުރްދުޣާނުގެ ސަރުކާރުން އެ މަސައްކަތް މި ވަނީ 60 ދުވަހުގެ ތެރޭގައި ނިންމައިލައިފައެވެ.
މި ހަސްފަތާލު ހުޅުއްވައި ދެއްވަމުން އޭނާ ވިދާޅުވިއެވެ. "ސަރުކާރުން ރައްޔިތުންނަށް ކަމަކަށް ވާއުދުވެއްޖެނަމަ އެ ވަޢުދެއް ފުއްދާނެއެވެ."
މި އައު ހަސްފަތާލުގެ ބިންގާ އެޅީ 24 މާރިޗުގައެވެ. އިދިކޮޅު ޖަމާޢަތްތަކުން އެ ހަސްފަތާލު ދެ އަހަރު ދުވަހުގެ ތެރޭގައި ނޫނީ ނުނިމޭނެ ކަމަށް ބުނަމުން ދަނިކޮށް ރައީސް އުރްދުޣާނުގެ ސަރުކާރުން އެ މަސައްކަތް މި ވަނީ 60 ދުވަހުގެ ތެރޭގައި ނިންމައިލައިފައެވެ.
މި ހަސްފަތާލުގައި 300 އެނދާއި 12 އޮޕަރޭޝަން ތިއޭޓަރާއި 80 އައިސީޔޫ ކޮޓަރި ހުރެއެވެ. ހަސްފަތާލު ބިނާކޮށްފައި ވަނީ ބޯ އެކަތައިންނެވެ.
ރައީސް އުރްދުޣާން މި ހަސްފަތާލު ކުރިމަތީގައި ހުންނަވާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ވަޢުދުވި ކަންތައް މި ހުރީ ކޮށްފައެވެ. އެހެނަސް ޙަޤީޤަތް އޮޅުވައިލަން އުޅޭ މީހުންނަށް ޙަޤީޤަތް ފެނުމުން މިހާރު އެ ތިބީ އަނގަބަންދުވެފައެވެ."
އިދިކޮޅު ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވައިލަމުންނެވެ. ސަރުކާރުން އެ ބުނާ ހަސްފަތާލަކީ ބޭރުފުށުން ފެންނަ އޮނިގަނޑެކެވެ. އެތެރޭގައި އެއްޗެއް ނެތެވެ.
ތުރްކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މި މަހު 28 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ ރައީސް އުރްދުޣާނާއި އިދިކޮޅު ކޯލިޝަން ޒަޢީމު ކަމާލް ކްލެޖްދާރު އޫޣުލޫ އެވެ. ފުރަތަމަ ބުރުގައި އުރްދުޣާނަށް 49.54% ވޯޓު ލިބިވަޑައިގަތްއިރު އިދިކޮޅު ޒަޢީމު ކްލެޖްދާރު އޫޣުލޫއަށް ލިބިވަޑައިގަތްފައި ވަނީ 44.88% ވޯޓެވެ.



advertisment