Support Us

ނަތަންޔާހޫ ކެބިނެޓް ބައްދަލުވުން އަޤްޞާގެ އަޑީގައި ބާއްވަވައިފި 

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އޭނާގެ ކެބިނެޓްގެ ހަފުތާ ބައްދަލުވުން މިއަދު އަޤްޞާ މިސްކިތުގެ ދަށުގައި ކޮނެފައިވާ  ބިންގަރާހެއްގައި ބާއްވަވައިފިއެވެ.

މި ބިންގަރާސް ހަދައިފައިވަނީ އަޤްޞާ މިސްކިތުގެ ހުޅަނގު ފަރާތުގައެވެ. އޭނާ ވިދާޅުވިގޮތުގައި ކެބިނެޓްގެ ބައްދަލުވުން މި ބިންގަރާހުގައި މި ބޭއްވެވީ އިސްރާއީލުން ޤުދްސު ހިފިހިފުމަށް 56 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރެއްވުމަށާއި އެ ޒިކުރާ އައު ކުރައްވާށެވެ. މި ބައްދަލުވުމުގެ ދެތިން ގަޑިއިރު ކުރިން އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ހައްދުފަހަނަޅައިފައިވާ ޔަހޫދީ ދީނީ ވަޒީރު އީތުމާރު ބިން ޣަފީރާއި ޙައްދުފަހަނަޅައިފައިވާ ޔަހޫދީންގެ އެތައް ބަޔަކު މަސްޖިދުލްއަޤްޞާ ތެރެއަށް ވަދެ އެ މިސްކިތުގެ ޙުރްމަތް ކެނޑިއެވެ.  

މިއަދުގެ ކެބިނެޓް ޖަލްސާ ފަށްޓަވަމުން ނަތަންޔާހޫ ވިދާޅުވިއެވެ. "ހަނގުރާމައަށްފަހު މީގެ 56 ކުރިން އިސްރާއީލު ވަނީ ޤުދްސު އެއް ސަހަރަކަށް ހަދައިފައެވެ. އެހެނަސް މި ސަހަރު އެއްބައެއްވަންތަކުރުމުގެ ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ."

ނަތަންޔާހޫ ވިދާޅުވި ގޮތުގައި އޭނާ މިއަދުގެ ބައްދަލުވުން މި ތާނގައި މި ބާއްވަވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސަށް ރައްދު ދެއްވާންވެގެންނެވެ. ރައީސް ޢައްބާސް ވިދާޅުވެފައިވާ ގޮތުގައި އަޤްޞާ މިސްކިތާ ޣައިރުންނާ އެއްވެސް ގުޅުމެއްނެތެވެ.

ޖަޒީރާގެ ރިޕޯޓަރު ނަޖްވާން ސަމަރީ ބުނާގޮތުގައި މިއީ އިސްރާއީލުން ޤުދްސުގެ ޤަދީމީ ސަހަރާއި އަޤްޞާ މިސްކިތުގެ ދަށުގައި އިސްރާއީލުން ކޮނެފައިވާ ބިންގަރާސްތަކުގައި ބައްދަލުވުންތައް ބާއްވާ ފުރަތަމަ ފަހަރެއް ނޫނެވެ. އިސްރާއީލުގެ މަޢާރީފު ދުވަހު ނޫސް ބުނިގޮތުގައި އިސްރާއީލު ސަރުކާރުން 2017ގައި މިފަދަ ޖަލްސާއެއް ބާއްވައިފައިވެއެވެ.

އިސްރާއީލުން ވަނީ ބުރާޤު ބިތްކޮޅާއި ޤަދީމީ ޤުދްސުގައި ބިންގަރާސްތައް ކޮނުމަށް ޓަކައި 17 މިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކޮށްފައެވެ.   

މިއަދު ހެނދުނު އިސްރާއީލުގެ ޙައްދުފަހަނަޅައިވާ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އީތުމާރު ބިން ޣަފީރު ވަނީ ޙައްދުފަހަނަޅައިފައިވާ ޔަހޫދީ އެތައް ބަޔަކު ގޮވައިގެން އަޤްޞާ މިސްކިތަށް ވަދެފައެވެ. އެމީހުން އަޤްޞާގެ ޙުރްމަތް ކެނޑީ އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ޙިމާޔަތް ލިބިގެންނެވެ. 

މިއީ ބިން ޣަފީރު ޤައުމީ ސަލާމަތާބެހޭ ވަޒީރުކަމާ ޙަވާލުވި ފަހުން އަޤްޞާ މިސްކިތަށް ވަން ދެވަނަ ފަހަރެވެ. އޭނާއަށް ފަހު ޔަހޫދީންގެ ފައުޖުތައް މި މިސްކިތަށް ވަދެ ޖެއްސުންކުރުމުގެ ހިނގައިލުންތައް ބޭއްވިއެވެ. މިބައިމީހުން ޤުއްބަތުލް ޞަޚްރާގެ ކުރިމަތީގައި އަޤްޞާ މިސްކިތުގެ އިރުމަތީ ފަރާތުގައި ތަލްމޫދީ އަޅުކަންތައް ބޭއްވިއެވެ.

އިސްރާއީލުގެ ކެބިނެޓް ބައްދަލުވުމެއް އަޤްޞާ މިސްކިތުގެ ދަށުގައި ކޮނެފައިވާ ބިންގަރާހެއްގައި ބޭއްވި ބޭއްވުން ފަލަސްޠީނުން ދަނީ ކުށްވެރިކުރަމުންނެވެ. ޙަމާސް ބުނިގޮތުގައި މިއީ ދީނީ މުޤައްދަސް ސަހަރާ ދެކޮޅަށް އިސްރާއީލުން ދީނީ ހަނގުރާމައެއް ކުރިއަށް ގެންދާން ބޭނުންވާ ކަމުގެ ހެއްކެކެވެ. 

ފަލަސްޠީނު ސަރުކާރުން ބުނިގޮތުގައި "ބިން ޣަފީރު އަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަންވަނުމަކީ ޢުދްވާނީ ޢަމަލެކެވެ."

އިސްލާމީ ޖިހާދު ޖަމާޢަތުން ބުނިގޮތުގައި ޤުދްސަށް ދޭ ޢުދްވާނުގެ ސަބަބުން ހުރިހާ ހިސާބުޖެހުންތަކަކަށް ބަދަލު އަންނަމުންދާނެތެވެ.

ފަތަޙަ ޖަމާޢަތުން ބުނިގޮތުގައި "ބިން ޣަފީރު އަޤްޞާ މިސްކިތަށް ވަންވަނުމަކީ އެ މުޤައްދަސް މިސްކިތުގެ ޙުރްމަތަށް އަރައިގަތްއަރައިގަތުމެކެވެ.

މިޞްރާއި ތުރްކީއާއި ޤަޠަރުފަދަ އިސްލާމީ ޤައުމުތަކުން އަންނަނީ އިސްރާއީލުގެ މި ނޭއްގާނި ޢަމަލު ކުށްވެރިކުރަމުންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *