Support Us

ދެވަނަ ބުރުގައި ޔަޤީންކަން އެބައޮތް: އުރްދުޣާން

މޭ 28ގައި ބޭއްވޭ ތުރްކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތުރްކީގެ ރައްޔިތުން އޭނާ ވަރަށް ފުރިހަމަ އަޣްލަބިއްޔަތަކުން ހޮވާނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ވިދާޅުވެއްޖެއެވެ.

ރައީސް އުރްދުޣާން މި ބަޔާން ދެއްވީ އިސްތަންބޯލުގައި މުވާޞަލާތާބެހޭ ދާއިރާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވަމުންނެވެ. މި ބައްދަލުވުން އޮތީ އިސްތަންބޯލުގެ މަޝްހޫރު ގަލްފް ސިންތާ މާލަމުގައެވެ.

އުރްދުޣާން ވިދާޅުވި ގޮތުގައި ތުރްކީގެ ރައްޔިތުންނަށް ވޯޓުލާންވީ ކާކަށް ކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެމީހުންނަށް އިތުރަށް ކިޔާދޭކަށް ނުޖެހޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ތުރްކީގެ ބަރްލަމާނުގެ 600 ގޮނޑީގެ ތެރެއިން އޭނާގެ ކޯލިޝަނަށް ވަނީ 322 ގޮނޑީގެ އަޣުލަބިއްޔަތެއް ދީފައެވެ. ރައްޔިތުންގެ އިތުބާރު އޭނާގެ ކޯލިޝަނަށް އޮތް މިންވަރު މި ކަމުން އެނގެއެވެ.

ރައީސް އުރްދުޣާން ވިދާޅުވިއެވެ. "ﷲގެ އިޒުނަފުޅާ ލައިގެން އަޅުގަނޑުގެ ރައްޔިތުން އަޅުގަނޑަށް ފުރިހަމައަށް ތާއީދުކުރާނެކަމުގެ ޔަޤީންކަން އެބައޮތެވެ. އިތުރު ފަސް އަހަރުގެ ދައުރަކަށް އަޅުގަނޑު ހޮވާނެކަމާމެދު ޝައްކެއް ނުކުރަމެވެ."

ތުރްކީގައި މި ދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އުރްދުޣާނަށް 49.51% ވޯޓު ލިބިވަޑައިގަތްފައި ވެއެވެ. އޭނާއާ އެންމެ ބޮޑަށް ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓް ކަމާލް ކްލެޖްދާރު އޫޣުލޫއަށް ލިބިވަޑައިގަތްފައި ވަނީ 44.92% ވޯޓެވެ. ތިން ވަނަ ކެންޑިޑޭޓް ސިނާނު އޫޣާނަށް ލިބިވަޑައިގަތްފައި ވަނީ 5.17% ވޯޓެވެ. އެންމެފަހު ވަގުތުގައި ނަންފުޅު އަނބުރާގެންދެވި މުޙައްރަމު އިންޖާއަށް 0.44% ވޯޓު ލިބިވަޑައިގަތްފައި ވެއެވެ.

ތުރްކީގެ އިންތިޚާބުތަކާ ބެހޭ އެންމެ މަތީ މަޖިލީހުން މިހާރު ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މި މަހު 28 ގައި ބޭއްވުމަށް ކަނޑައަޅައި އިޢުލާންކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *