ރާއްޖެއާ ސިޔާސީ ގުޅުން ނެތް ގައުމަކަށް ސަފީރަކު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ނަމެއް ފޮނުއްވައިފިއެވެ.
އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ އަމީންއާންމު އިއްވެވި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި އޮތީ "ރިޕަބްލިކް އޮފް ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް ހ. ފިލިގަސްދޮށުގެ، އަލްފާޟިލާ ހުދާ އަލީ ޝަރީފު އައްޔަންކުރުމަށް ގަސްދުކުރާތީ މި ބޭފުޅާ ސަފީރުކަމަށް ހަމަޖެއްސެވުމާމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދަވައިދެއްވައި، އެ މަޖިލީހުން ނިންމެވި ގޮތް އަންގަވައިދެއްވުން އެދެމެވެ." މިހެންނެވެ.
"ރިޕަބްލިކް އޮފް ޗައިނާ" އަކީ ތައިވާނެވެ. ތައިވާނަކީ ރާއްޖެއާ ސިޔާސީ ގުޅުން އޮންނަ 183 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެއް ނޫނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ "ރިޕަބްލިކް އޮފް ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މ. ބީނާފުށި، އަލްފާޟިލާ އައިޝަތު އަޒީމާގެ ބަދަލުގައި" އެ މަގާމަށް ހުދާ އައްޔަންކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. ނަމަވެސް އަޒީމާ ހުންނެވީ ރިޕަބްލިކް އޮފް ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެއް ނޫނެވެ. އޭނާ ހުންނެވީ "ޕީޕަޕްލްސް ރިޕަބްލިކް އޮފް ޗައިނާ"އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ.
އެހެންކަމުން ހުދާ ހަމަޖައްސަވަން މި އުޅުއްވަނީ "ޕީޕަޕްލްސް ރިޕަބްލިކް އޮފް ޗައިނާ"ގެ ސަފީރުގެ މަގާމަށް ކަމަށް ބެލެވެއެވެ.
މި ސިޓީ މަޖިލީހަށް އިއްވެވުމުން ރިޔާސަތުން ނިންމެވީ، މަޖުލީހުގެ ގަވައިދުގައި ހަމަޖެހިފައިވާ ގޮތަށް، އެ މައްސަލަ ދިރާސާކުރުމަށް، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވުމަށެވެ.




advertisment