Support Us

އެންމެ ޝަރަފްވެރި ވަނަތައް ޙާޞިލްކުރި ދަރިވަރުންނަށް އިނާމާއި ޓްރޮފީ ދެއްވައިފި

ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުގެ އެންމެ ޝަރަފްވެރި ވަނަތައް ޙާޞިލް ކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިނާމާއި ޓްރޮފީ ޙަވާލުކޮށްދެއްވައިފިއެވެ.

ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާތައް ހޯދާ ދަރިވަރުންނަށް އިނާމް ދިނުމަށް ބާއްވާ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ބުދަ ދުވަހުގެ ރެއާއި ރޭވެސް ވަނީ ދަރުބާރުގޭގައި ބާއްވައިފައެވެ.

ރޭގެ ޖަލްސާގައި ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން ވަކިވަކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނަ ނަތީޖާ ހޯދި ހަތަރު ދަރިވަރުންނަށާއި، 2021-2022 ވަނަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެއްވަނަ ހޯދި ނުވަ ދަރިވަރަކަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.

މި ޖަލްސާގައި، ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން ދެ ވަނަ ހޯދި 16 ދަރިވަރުންނަށާއި، ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުގެ އެކިއެކި މާއްދާތަކުން މުޅި ދުނިޔެއިން ދެ ވަނަ އިން 10 ވަނައާ ދެމެދުގެ ވަނަތައް ހޯދި ތިން ދަރިވަރުންނަށް ޓްރޮފީއާއި ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދެވެ.

ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން ތިން ވަނަ ހޯދި 45 ދަރިވަރުންނަށް މިރޭގެ ޖަލްސާގައި އިނާމު ޙަވާލުކޮށްދެއްވީ ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމެވެ.

މިދިޔަ ދިރާސީ އަހަރު ޘާނަވީ އިމްތިޙާން ފުރިހަމަކުރި 6،360 ދަރިވަރުންގެ ތެރެއިން، 844 ދަރިވަރުން އެންމެ ރަނގަޅު 10 ވަނައިގެ ތެރޭގައި ހިމެނެއެވެ. އަދި މީގެ ތެރޭގައި ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން މުޅި ދުނިޔޭގެ އެންމެ ގަދަ 10 ވަނައިގައި ހިމެނުނު 11 ދަރިވަރަކާއި، ހައި އެޗީވްމެންޓް ޙާޞިލުކުރި ހަ ދަރިވަރަކު ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *