Support Us

ވާހަކަ: ހިމާޔަތް އެދެމޭ- އެޕިސޯޑް 4

ބެލްކަންޏަށް ނިކުތްއިރު ލައިގެން ހުރެވުނީ ޓީޝާޓަކާއި އެކު ކުރު ސޯޓެއްކަން ހަނދާނެއް ނެތެވެ. އަދި ޖެހިގެން ހުރި ބެލްކަނީގައި ހުރި މިކިއަލް ފެނިފައި އޭނާއަށް ލިބުނު ނުތަނަވަސްކަން ފިލައި ދިޔައެވެ. އެކޮޅުން އޭނާ ފެނިލުމާއި އެކު އަތް ހިއްލާލާފައި ހަނާއަޅައިލީ ވަރަށް ގާތް އެކުވެރިއެއް ފަދައިންނެވެ. މިފަހަރު މާޔާ ފިޔަވަޅުތައް ހުރީ މިކިއަލް އާއި ދިމާލަށެވެ. ދެ ބެލްކަނި ވަކިކޮށްލަން ޖަހާފައި ހުރި ހިމަ ރެއިލިންގައި އޭނާގެ ފައި ޖެހުމުން އެއީ އާދެވޭނެ އެންމެ ކައިރިކަން އިހްސާސްވިއެވެ. އަނެއްކޮޅުން ހިނިތުންވެލައިގެން ހުރެ މިކިއަލް އައިސް ހުރީ އެހާމެ ކައިރީގައެވެ. އޭނާ ޖަހައިގެން ހުރި ސެންޓްގެ ވަސް މާޔާގެ ނޯށުގައި ޖެހުނެވެ.

މިކިއަލް އިސްވެ ވާހަކަ ދައްކަން ފެށިއެވެ. މާޔާ އަދި މި ފެނުނީ އަލަށް ކަމުގައި އޭނާ ބުންޏެވެ. އޭނާ ޝީތު ދަންނަކަމުގައި ބުންޏެވެ. ޖެހިޖެހިގެން ހުރި ދެ އެޕާރޓްމެންޓްގައި ދިރިއުޅޭއިރު ދެބައިމީހުން ތިބޭނީ ދަސްވެފައިތާއެވެ. މާޔާ އަކީ ޝީތުގެ އާއިލާ ކުއްޖެއްތޯ މިކިއަލް އެއްސެވެ. މާޔާ އަމިއްލަ ތަޢާރަފް ދިނެވެ. އޭނާ އާއި ޝީތުގެ ގުޅުން ކިޔައިދިނެވެ.

"ދޮންބައްޕަ ރަނގަޅުތަ؟" މިކިއަލް ބޯ ދިއްކޮށްފައި ބަލައިލި ގޮތުން ހީވަނީ ގޭތެރެއިން މީހަކު ނުކުންނާނެކަމުގެ ބިރު އޮތްހެންނެވެ. "އެއީ ވަރަށް ކޫލް މީހެއް،" މާޔާއަށް ޔޫނުސް ސިފަކުރެވުނީ އެހެންނެވެ. އެކަމަކު އެއާއި ވިދިގެން އެއީ މިކިއަލް ކީއްވެގެން ކުރި ސުވާލެއްތޯ އަހާލެވުނެވެ.

"އާންމުކޮށް ދޮންބައްޕަމެން… ދެން އެނގެއެއްނު މިބުނި އެއްޗެއް ދޯ؟" މިކިއަލްގެ ދެއަތަށް ގެނައި ހަރަކާތާއި މޫނުމަތިން ދެއްކި ހިނިތުންވުމުން ހިތުގައި އޮތް އެއްޗެއް ބުނަން ނުކެރިގެން އުޅޭކަން އެނގެއެވެ. މާޔާ ހީލިއެވެ. ޒަމާނުންސުރެ ދޮންމަންމަ ނޫނީ ދޮންބައްޕަ އާއި މެދު މީހުން ދެކެނީ ވަރަށް ތަފާތުގޮތަކަށެވެ. އެމީހުން ކިތަންމެ ރަނގަޅަކަށް ދޮންދަރިންނަށް ކަންތައް ކޮށްދިނަސް އެތަން ފެންނަނީ މަދު މީހަކަށެވެ.

****

މިކިއަލް އާއި ވާހަކަ ދައްކަން ހުރެފައި މާޔާ އެތެރެއަށް ވަނީ ރޭގަނޑުގެ ދެބައިކުޅަ އެއްބައި ފާއިތުވި ފަހުންނެވެ. މިއީ ފިރިހެނަކާއި އެކަނި ހުރެ ވާހަކަ ދެއްކުނު ފުރަތަމަ ފަހަރެވެ. އޭނާގެ މަންމަ ހުރިނަމަ އެދޮރު ހުޅުވުމުގެ އިޒުނަވެސް ނުދޭނެއެވެ. ފުރަތަމަ ފަހަރަށް މަންމަ އޭނާގެ ގާތުގައި ނެތްކަން އެއީ ނަޞީބޭ ހިތަށް އެރިއެވެ.

މިކިއަލްގެ މަތިން ހަނދާންކޮށްކޮށް އޮއްވާ ނިދުނީ ކޮން އިރަކުކަމެއް ނޭނގެއެވެ. އޭރުވެސް ޝީތު އެކޮޓަރިއަށް ނުވަންނަކަން އެނގެއެވެ. ހެނދުނު ހޭލެވުނީ ފޯނު ރިންގުވާވަރުން އުދަނގޫވެގެންނެވެ. ލޯހުޅުވާލެވުނީ ގަދަކަމުންނެވެ. ހީވަނީ ނިދީގެ އަރާމު އިހްސާސްވިތަނާއި ހޭލަންޖެހުނުހެންނެވެ.

ޝަރުމީލާ ގުޅީ މާޔާ ކޮބައިތޯ ބަލާށެވެ. މަންމައަށް ޖަވާބު ދީފައި ފޯނު ބޭއްވި ވަގުތަކީ ފެންވަރައިގެން ޝީތު ނިކުންވަގުތެވެ. އޭނާއަށްވުރެ ފަހުން ނިދިކަމުގައިވިއަސް ޝީތު އެހުރީ އެންމެ ކުރިން ހޭލައިގެންނެވެ. އިސްތަށިގަނޑު ހިއްކަން މޭޒުދޮށުގައި ޝީތު އިށީނދެފައި މާޔާ ކައިރީ ސައިބޯން ދާން ހިނގާށޭ ބުނެލިއެވެ. ރޭގައިވީ ކަންތައްތަކަށްފަހުވެސް ޝީތުގެ ހިތުގައި ރުޅިވެރިކަމެއް ނެތެވެ.

"ރޭގައި އަހަންނަށް ފެނުނު ކަންތައްތަކަކީ ސިއްރެއް، އައި ޕްރޮމިސ،." ޝީތު އާއި މޫނު ހަމަކޮށްލަމުން މާޔާ ބުނެލިއެވެ. އެއަޑަށް ޝީތު ބަލަން އިނދެފައި ހިނިތުންވެލިއެވެ.

"ވައި ސޯ ސީރިއަސް؟" ޝީތުގެ މޫނުމަތިން އޭނާ ކުރީ މާބޮޑު ކަމެއް ނޫންކަން އެނގެއެވެ.

"މާޔާ ބުނުމަކުން ވާނެ އެއްވެސް ކަމެއް ނޯންނާނެ، އެންމެންނަށްވެސް އެނގޭނެ އެއީ ދެމީހުންގެ މެދުގައި ހިނގާނެ ކަންތައްކަން، އަހަންނަށް އެނގޭ މާޔާވެސް ހުންނާނީ އެކަން ތަޖުރިބާކޮށްފައިކަން،" ޝީތު ސިފަކޮށްދިން ދުނިޔެ އަކީ މާޔާއަށް އާ ދުނިޔެއެކެވެ. އެއި ގޯސްކަމެއް ނޫންކަން ދޭހަވާ ގޮތަކަށް ޝީތު ސިފަކުރީ އެއީ އޭނާ ކުރާ ކަމަކަށް ވާތީއެވެ. އެކަމަކު މާޔާއަށް އެއީ ހަލާލް ކަމެއް ނޫންކަން އެނގެއެވެ.

"ނޫން، އަހަރެން ނުކުރަން އެކަހަލަ ފާފައެއް،" މާޔާގެ ނަފްސަކީ ތާހިރު ނަފްސެކެވެ. އިއްފަތްތެރިކަމާއި އޭނާގެ ރީތިކަން ރައްކާކޮށްފައިވަނީ ކައިވެނިކުރެވޭ ފިރިހެނަކަށެވެ.

"ޔޫ އާ ޑަމް،" ޝީތު އަށް ހެވުނެވެ. ޒުވާންކަމުގެ އުފަލަކީ ކޮން އެއްޗެއްކަން ނޭނގޭހާ ގަމާރު މީހަކަށް މާޔާ ވެދާނެކަމަށް އޭނާ ހިއެއް ނުކުރެއެވެ. މާޔާ އަކީ ވަރަށް ރީތި އަންހެން ކުއްޖެކެވެ. މޭކަޕަކާއި ނުލައިވެސް އޭނާގެ ގުދުރަތީ ރީތިކަމަކީ އެ ދަލުގައި ކިތަންމެ ފިރިހެނަކުވެސް ބަނދެލެވޭވަރުގެ އެއްޗަކަށް ވާނެއެވެ.

މާޔާ ހިތުގައި ޖެހުނެވެ. ޝީތު އޭނާ ސިފަކުރީ އެހެން އެންމެންނެކޭ އެއްފަދައިން ތަހުޒީބުގެ އެއްވެސް ކުލައެއް ނުދަންނަ މީހެއް ފަދައިންނެވެ. އޭނާ ތެދުވެގެން ގޮސް އަމަލާރިން ހެދުމެއް ނެގިތަނާއި ޝީތު އެހި ސުވާލަކުން އޭނާއަށް ބަލައިލެވުނެވެ.

"ޑޯންޓް ޔޫ ހޭވް އަ ބޯއިފްރެންޑް؟"

ހަމައެކަނި  ބޯޖަހާލުމަށްފަހު މާޔާ އަވަސްވެގަތީ އެތަނުން ދާށެވެ. އެ އުމުރުގައި ކުއްޖަކާއި ރައްޓެހިނުވެ ހުރުމަކީވެސް އޭނާގެ ނާކާމިޔާބު ކަމެވެ.

"މިކިއަލް ވިލް ބީ ގުޑް ޗޮއިސް،" ނަގަން އުޅުނު ފިޔަވަޅު ހުއްޓާލާފައި މާޔާ އެނބުރުނެވެ. ޝީތު ހިނިތުންވެލައިގެން ހުއްޓެވެ. މިކިއަލްގެ ނަން އަހާފައި އޭނާ ހީބިހި ނަގައިގަތެވެ. ހީވަނީ ޝީތުއަށް އޭނާގެ ހިތް އެނގޭހެންނެވެ.

"ނޫން،" މާޔާއަށް އިންކާރުކުރެވުނެވެ. މީހަކު ރީތިވުމާއި ލޯބިވުމަކީ ދެކަމެކެވެ. މިކިއަލް އޭނަ އާއި ވާހަކަ ދެއްކުމަކީ އޭނާ ދެކެ ގަޔާވުންކަމުގައި ނުވެދާނެއެވެ.

"އޭނަ މާޔާ ދެކެ ލޯބިވެޔޭ ބުނެފިއްޔާ ކީކޭ ބުނާނީ؟" ޝީތު އައިސް މާޔާގެ އަތުގައި ހިފެހެއްޓިއެވެ. ދެބުމަ އަރުވައިލީ އޭނާ ކުރި ސުވާލުގެ ޖަވާބަކީ ކޮބައިތޯ އަހާފަދައިންނެވެ. މާޔާއަށް ޝީތު ވިސްނައިދޭން ފެށީ އޭނާގެ އެކަނިވެރިކަން ބަދަލުކުރެވޭނެ ގޮތްތަކެވެ. އަދި ލޯބިވެރިއަކު ހުރުމުގެ މުހިއްމުކަމެވެ. އަމިއްލަ މިނިވަންކަމުގެ އުފާވެރިކަމުގެ ވާހަކައެވެ. މިކިއަލްގެ ރީތިވާހަކަވެސް އޭނާ ދެއްކިއެވެ. މާޔާ އަމިއްލައަށް އެއްބަސްވާ ވަރުކުރުވިއެވެ. ޝީތު ކޮށަމުން ދިޔަ މަގު މާޔާއަށް ފެނުނެވެ. ޝީތު ދެއްކި ކުލަތަކުންނެވެ. އެހުރިހާ ކަމަކަށް އޭނާއަށް ގަޔާވެވުނެވެ. އޭނާ ބަލާ ސީރީޒްތަކުން މަދުން ނަމަވެސް އެފަދަ މަންޒަރުތައް ހުރީ ފެނިފައެވެ.

** **

މިއަދު ޝާއިފް އެގެއަކަށް ނާދެއެވެ. ޝީތު އާއި މާޔާއަށް ވަގުތު ލިބުނެވެ. މިކިއަލްމެންނާއި އެކު ކޮފީ ބޯން ބެލްކަނީގައި ކިތަންމެ އިރަކުވެސް ތިބެވުނެވެ. މިކިއަލް ފަދައިން ރާމީން އަކީވެސް ހިތްހެޔޮ ޒުވާނެކެވެ. ރޭގަނޑު ބާބަކިއުއެއް ބާއްވަން ޚިޔާލު ދިނީ ޝީތެވެ. އެގެއަށް ވަންނަން އެމީހުންނަށް ދައުވަތު ދިނެވެ.

ޓެރަސްގައި ބާބަކިއު ކުރިއަށް ދިޔައިރު އެންމެ ފާހަގަވީ ރާމީންގެ ކެއްކުމުގެ ހުނަރުވެރިކަމެވެ. މިކިއަލް އާއި ރާމިން ކެއުން ތައްޔާރުކުރަނީ އަމިއްލައަށެވެ. އެހެންވެ ކެއްކުމަކީ އެމީހުންނަށް މާބުރަކަމަކަށް ނުވިއެވެ. ސަޓަނިގަނޑެއް ހަދައިގެން މާޔާ އައިއިރު ޝީތު ހުރީ މިކިއަލް އާއި އެކު ވާހަކަ ދައްކާށެވެ. ރާމިން އާއި އެހީވާން މާޔާ މަޑުކޮށްލައިގެން ހުރިއިރު ދޭތެރެއަކުން އެދިމާލަށް ބެލެވެއެވެ. އެދެމީހުން މެދުނުކެނޑި ދައްކަމުން ދިޔައީ ކޮން ވާހަކައެއް ކަމެއްވެސް ނޭނގެއެވެ. ބައެއްފަހަރު ޝީތުގެ އަތް ގެންގޮސް މިކިއަލްގެ ކޮނޑުގައި ބާއްވައި ހަދައެވެ. އެއިން އެއްވެސް ފަހަރަކު މިކިއަލް ނުރުހުންވާތަނެއް ނުފެނުނެވެ.

"މާޔާ؟" މާޔާ ސިހުނީ އޭނާގެ ކޮނޑުގައި ރާމިން ޖަހައިލީމައެވެ. އޭނާއަށް ބަލަން ހުރެވުނީ މިކިއަލް އާއި ދިމާލަށްކަން އެނގުމުން ލަދުގަންނަ ގޮތްވިއެވެ. ރާމިން ހިނިއައިސް ހުރެ އެދުނީ ސަޓަނިކޮޅެއް އަޅައިދިނުމަށެވެ. ކުކުޅުފައިތަކުގައި ސަޓަނި އުނގުޅައި ފިހަން އަޅާފައި މާޔާ ގޮސް ނެގީ އެނާގެ ފޯނެވެ. ގިނި މަޑުވަމުން ދިޔަ ނާށިތަކުގައި ހުޅުހިފާފައިވާލެއް ރީތިކަމުން އޭނާގެ ފޯނުގައި އެ ތަސްވީރުތަކެއްގެ ސިފައިގައި ރައްކާކުރަމުން ދިޔައެވެ. މިވަގުތު އޭނާގެ ހިތެކޭ އެ އަލިފާނެކޭ ތަފާތެއް ނެތެވެ. ޝީތު އާއި މިކިއަލް ތިބިތަންފެނި އޭނާގެ ހިތުގައި އަނދަމުން ދަނީ ހަސަދަވެރިކަން ނޫންކަމެއް ނޭނގެއެވެ.

މުޅި ޓެރަސްގައި ހިފައިލީ ފިހެމުން ދިޔަ ކުކުޅުތަކުގެ މީރުވަހެވެ. މިކިއަލް ތިރިއަށް ފޭބީ އޯޑަރުކޮށްގެން ގެނައި ފަރާޓާތައް ބަލައެވެ. އެވަގުތު ޝީތު އައިސް އޭނާގެ އަތުގައި ހިފާ ތަންކޮޅެއް ދުރަށް ޖައްސާލިއެވެ.

"އަހަރެން އަހައިފިން މިކިއަލްގެ ކައިރީ، ހީ ލައިކްސް ޔޫ، އަހަރެން ކުރިންވެސް ބުނީމެއްނު،" ޝީތު ދައްކަމުން ދިޔަ ވާހަކަތައް އަހާފައި މާޔާއަށް ބަޔާންނުކުރެވޭ ފަދަ އުފާވެރިކަމެއް ލިބުނެވެ. ހުރިހާ ކަމެއްގެ މަތިން އޭނާ ހަނދާންނެތުނެވެ.

"މިރޭ އޭނަ އަހައިފިއްޔާ ނޫނެކޭ ނުބުނައްޗޭ. ފުރުޞަތަކީ އަބަދު ލިބޭ އެއްޗެއް ނޫން،" ޝީތު ދެއަތުން މާޔާގެ ކޮލުގައި އަތް ޖައްސާލިއެވެ. މާޔާ އަމިއްލަ ނަފްސާއި މެދު ވިސްނާވަރަށްވުރެ ބޮޑަށް ޝީތު އޭނަ އާއި މެދުވިސްނާކަން އެނގެއެވެ.

މިކިއަލް އައިތަން ފެނި ޝީތު ގޮސް ހުއްޓުނީ ރާމީންގެ ކައިރީގައެވެ. މާޔާއަށް ބަލާލާފައި ޝީތު އިޝާރަތްކޮށްލީ މިކިއަލްގެ ކައިރިއަށް ދިއުމަށެވެ. މިކިއަލް ގެނައި ފަރާޓާތައް ބަހައްޓާފައި އޭނާ އައިސް ހުއްޓުނީ ޝީތުގެ ކައިރީގައެވެ.

މިކިއަލްގެ ޖީބުން ހުދުކުލައިގެ ފިނިފެންމަލެއް ނެގިއެވެ. މާޔާ ބަލަން ހުއްޓާ ފިނިފެންމާ ޝީތުއަށް ދިއްކޮށްލުމުން ހީވީ އޭނާގެ މޫނުމަތީ ބާރު އެތިފަހަރެއް ޖެހިހެންނެވެ.

"ދިސް އިޒް ފޮރ މޯސްޓް ބިއުޓިފުލް ގާރލް،" ޝީތު އާއި މިކިއަލް މުޚާތަބުކުރީ މާޔާ އުއްމީދުކުރި ގޮތަކަށް ނޫނެވެ. ޝީތު ހީލާފައި އެ ފިނިފެންމަލުގައި ހިފިއެވެ. އޭނާގެ މޫނަށް ޝީތު ބަލައިލީ ހިނިތުންވެލައިގެން ހުރެއެވެ. މިކިއަލްއަށް ޝުކުރު އަދާކުރީ ކަރާ ކަރު ޖައްސާ ބައްދާލާފައެވެ.

އެތަނުން ދުވެފައި ދާން މާޔާ ބޭނުންވިއެވެ. އެކަމަކު ބިމުގައި ހަރުކޮށްފައި ހުރި ބުދެއްފަދައިން އޭނާއަށް ހުރެވުނެވެ. ފަޅި ސިކުންތެއްގެ ތެރޭގައި މީހަކު ބަދަލުވެދާނެ ކަމަށް އޭނާ ހިޔެއް ނުކުރެއެވެ. މިކިއަލް ގަޔާވަނީ އޭނާ އާއި ކަން ބުނީ ޝީތު އަމިއްލައަށެވެ. އަދި މިކިއަލް އާއި މެދު އެހިތުގައި ލޯބީގެ އިހްސާސް އުފެދުނީ ޝީތު ދެއްކި ވާހަކަތަކުންނެވެ.

ޝީތު ދުރަށް ޖެހިލުމުން މިކިއަލް އެނބުރުނީ މާޔާ އާއި ދިމާލަށެވެ. މިފަހަރު މިކިއަލްގެ ޖީބުން ނެގީ ރަތްކުލައިގެ ފިނިފެންމަލެވެ.

"ދިސް އިޒް ސިމްބަލް އޮފް ލަވް،" މިކިއަލްގެ އަޑު ބަރުވެގެން ދިޔަކަން ފާހަގަވިއެވެ.

"މިއީ އަހަރެން އެންމެ ލޯބިވާ އަންހެން ކުއްޖާއަށް، ވިލް ޔޫ ބީ މައިން؟" މިކިއަލް ތިރިވެފައި ކަކޫޖަހައިލިގޮތުން ހީވަނީ ލޯކުރިމަތިން ފެނުނީ ފިލްމެއްގެ މަންޒަރުހެންނެވެ. ޝީތު ހަޅެއްލަވައިގެންފައި އަތްޖަހަންފެށިއެވެ. މާޔާ އާއި ދިމާލަށް ރާމީން ބަލައިލީ ހިނިތުންވެފައެވެ. އެ ފިނިފެންމަލުގައި ހިފަން އަތް ނެގިއިރު މާޔާގެ އަތް ތުރުތުރުއަޅާކަން އެނގެއެވެ. އޭނާގެ އަރުތެރެ ފިނިވެގެން ދިޔައެވެ. ބަސްބުނާ ވަރަށްވުރެ އޭނާ ހުރީ ފިނިވެފައެވެ. ހަމައެކަނި ބޯޖަހާލެވުނީ އެހެންވެއެވެ.

ފިނިފެންމަލުގައި ހިފާފައި މާޔާއަށް ދުއްވައިގަނެވުނީ ޝީތުގެ ގައިގައި ބައްދާލާށެވެ. އޭނާއަށް އުފަލުން ގޮސް ރޮވުނީ ޝީތުގެ ކޮނޑުގައި މޫނު ޖައްސާލި ހިސާބުންނެވެ. މިކިއަލް ކައިރީ އޭނާގެ ވާހަކަ ދައްކައި މި ގުޅުމަށް ނަމެއް ދެވޭވަރުވީ ޝީތުގެ މަސައްކަތުންނެވެ. ބާބަކިއު ހަދަން ޝީތު ބުނީ ހަމަޖެހިލައިގެން ވާހަކަ ދައްކަން ފުރުޞަތު ހޯދައިދޭންވެގެންނެވެ. މާޔާ އާއި މެދު ޝީތު ހިތްބުރަ ކަމެއް އަދި ހަސަދަވެރިކަމެއް ނުގެންގުޅެއެވެ. އެކަމަކު އިރުކޮޅުކޮޅާ އޭނާގެ ހިތް ކައްސާލަނީ ކީއްވެކަމެއް ނޭނގެއެވެ.

އަތުގައި އޮތް ފިނިފެންމަލަށް މާޔާ ބަލައިލިއެވެ. ރަތްކުލައަކީ ލޯބީގެ ކުލައޭ މިކިއަލް ބުންޏެވެ. އެއީ ތެދެކެވެ. ފިލްމުތަކުގައިވެސް އަންހެން ކުދިންނަށް ދެނީ ރަތް ފިނިފެންމަލެވެ. ޝީތުއަށް ފިނިފެންމަލެއް ދިނީ އެމީހުންގެ މެދުގައި އޮތް އެކުވެރިކަމުގެ ސަބަބުންކަމުގައި ވެދާނެއެވެ.

** **

މިކިއަލް އާއި އެކު ވަކިން ވާހަކަ ދައްކާލަން ލިބުނީ ރާމީންއަށް އޮފީސްކަމަކު ދާންޖެހުމުންނެވެ. ޝީތުއަށް ފޯނެއް އައިސްގެން އެބަ އަންނަމޭ ކިޔާފައި ދިޔަފަހުން ގަޑިއިރެއްހާއިރު ވީއިރުވެސް ދައްކައިވެސް ނުލިއެވެ. ފުރަތަމަ ބައްދަލުވުމުގައި ދެމީހުންގެ ތަޢާރަފް ފިޔަވައި މާބޮޑު ވާހަކަތަކެއް ނުދެކެވުނެވެ. ދެމީހުންގެ މެދުގައި އޮތީ ހިމޭންކަމެވެ.

މިކިއަލް އުފަންވީ ލ.ގަމަށެވެ. އުޅެބޮޑުވީ މާލޭގައެވެ. ކިޔެވުމުގެ ހުރިހާ އަހަރެއް ހޭދަކުރީ މާލޭގައި މައިންބަފައިންނާއި ވަކިންނެވެ. އެކަނި އުޅެން ދަސްވެފައިވަނީ އެހެންވެއެވެ. ގިނަ ފަހަރު އުޅެންޖެހުނީ ވަރަށް ހާލުގައެވެ. އެކަމަކު ކެއްކުރީ އެނބުރި ރަށަށް ގޮސްގެން ވަކި ހެވެއް ނުވާނެތީއެވެ.

ރާމިން އަކީ ދެބެން ދެދަރި ކުއްޖެކެވެ. ވަޒީފާއެއް ހަމަޖެހުނުފަހުން ދެމީހުންވެގެން ކުއްޔަށް ތަނެއް ހިފައިގެން ބަދަލުވިއެވެ. މިހާރު މިކިއަލް ހުރީ ޒިންމާދާރު ވަޒީފާއެއްގައެވެ.

** **

ހަތަރު ފަސްދުވަސް ފާއިތުވީ ލޯމަރާފައި ލޯ ހުޅުވާލާ އަވަހަށެވެ. ޝަރުމީލާ އާއި ޔޫނުސް އެނބުރި އަންނަން އޮތީ އެދުވަހުގެ ހަވީރެވެ. މާޔާ ރީތިވާން ހުއްޓާ ޝީތު އައިސް އަހައިލީ އޭނާ ހިތަށް ނުވެސް އަރާ ސުވާލެކެވެ.

"މަންމަ ކައިރީ ބުނެފިންތަ މިކިއަލް އާއި ބެހޭގޮތުން؟"

އޭނާއަށް މަންމަ ކައިރީ އެއްވެސް ވާހަކައެއް ބުނާކަށް ނުކެރޭނެއެވެ. ކިޔަވައި ނިމުމުގެކުރިން އެއްވެސް މީހަކާއި ރައްޓހިނުވާން މަންމަ އޮތީ ވައުދުކުރުވާފައެވެ. އަދި މިކިއަލް ކަހަލަ މީހަކު މަންމައަށް ކަމުދާނެކަމެއްވެސް ނޭނގެއެވެ.

"އަހަރެން މިކިއަލް ކައިރީ ބުނިން ކިޔަވައިނިމެންދެން މި ގުޅުން ސިއްރުކުރަން." މާޔާ ޚިޔާލުކުރީ ވަގުތު ޖެހެންދެން އެކަން ސިއްރުކުރާށެވެ. އެއީ އެންމެންގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތެވެ. އޭނާ ޝީތު ކައިރިން އެދުނީ އެކަން ސިއްރުކޮށްދިނުމަށެވެ.

ޝަރުމީލާ އާއި ޔޫނުސް އާއިރު ދެމިހުންނަށްވެސް ބައިވަރު ހަދިޔާ ގެނެސްދިނެވެ. ދެދަރިންނަށް ތަފާތުނުކޮށެވެ. އޭގެތެރެއިން އެންމެ ކަމުދިޔައީ އަތުގައި އަޅަން ގެނައި ކެވެލިކޮޅެވެ. ޑިޒައިން އެއްގޮތްވިއަސް އެކުއްޖެއްގެ ނަން ފެށޭ އަކުރު ޖަހާފައި އިނެވެ.

ޖެހިގެން އައި ދުވަހު ޝަރުމީލާ އޮފީހަށް ނިކުތެވެ. އެކަމަކު ޔޫނުސް ހުރީ ގޭގައެވެ. މާޔާ ކޮލެޖުން އައިސް ވަންތަނާއި ޔޫނުސް ގޮވާފައި ގެންދިޔައީ އޭނާއަށް ހަދައިދެމުން ދިޔަ ކޮޓަރި ދައްކާށެވެ. މިހަފްތާ ނިމުމުގެކުރިން އޭނާއަށް ވަކިން ބަދަލުވެވޭނެ ވާހަކަ ބުންޏެވެ. އެކޮޓަރި އަކީ ގޭގެ އެންމެ ބިއްދޮށަށް ހުންނަ ކޮޓަރިއެވެ. އެއްވެސްފަރާތަކުން ބެލްކަންޏަށް ނިކުމެވޭނެ ގޮތެއް ނުހުރެއެވެ. އެތަނަށް ބަދަލުވުމަށްފަހު މިކިއަލް އާއި ބައްދަލުވުން ނިމުނީބާއޭ އޭނާ ހިތަށް އެރިއެވެ.

ޔޫނުސް ކިޔައިދެމުން ދިޔައީ އެކޮޓަރީގެ ޑިޒައިން ހުންނާނެ ގޮތެވެ. ވަކި ކުލައެއް ލާން ބޭނުންތޯ މާޔާ ކުރެ އަހައިލިއިރު އޭނާގެ އަތުން ހުރީ މާޔާގެ އުނަގަނޑާއި ދިމާލުގައި ހިފަހައްޓާލެވިފައެވެ. މާޔާއަށް ސިހިފައި ޔޫނުސްގެ މޫނަށް ބަލާލެވުނެވެ. އޭނާ ދުރަށް ޖެހިލަން މަސައްކަތްކުރިއެވެ. އެކަމަކު އަނެއްކާވެސް ޔޫނުސް އޭނާ ގެނެސް ގަޔާއި ކައިރިކޮށްލިއެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
611141
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *