Support Us

އިސްރާއީލު ސިފައިންގެ ބޮޑު ފައުޖެއް ނާބްލުސް ސަހަރަށް އަރައިފި

އިސްރާއީލު ސިފައިންގެ ބޮޑު ފައުޖެއް މިއަދު ހެނދުނު ހުޅަނގު އައްސޭރީގެ ނާބްލުސް ސަހަރަށް އަރައިފިއެވެ.

ޖަޒީރާ ބުނާގޮތުގައި އިސްރާއީލު ސިފައިން ނާބްލުސްގެ ބައު ސަހަރު ވަނީ ޙިޞާރުކޮށްފައެވެ. ފަލަސްޠީނުގެ ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުގައި އިސްރާއީލު ސިފައިންނާ ފަލަސްޠީނީންނާ ދެމެދުގައި ކުރިމަތިލުންތަކެއް ވަނީ ހިނގައިފައެވެ.

އަނެއްކޮޅުން ބަލާއިރު އިސްރާއީލު ސިފައިން ވަނީ ޤުދުސުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ފަލަސްޠީނުގެ ޒުވާނުން ފަތިސް ނަމާދަށް އަޤްޞާ މިސްކިތަށް ދިޔުން ވަނީ މަނާކޮށްފައެވެ.މިއަދު ބާއްވަން ހަމަޖެހިފައިވާ ދިދައިގެ ހިނގައިލުމަށް ޓަކައި ޤުދްސުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ދިދައިގެ ހިނގައިލުމަކީ އިސްރާއީލުން އިރުމަތީ ޤުދުސް ހިފިހިފުން ފާހަގަކުރުމަށް ޓަކައި ހައްދުފަހަނަޅައިފައިވާ ޔަހޫދީ ޖަމާޢަތްތަކުން އިންތިޒާމުކޮށްގެން ބާއްވާ ހިނގައިލުމެކެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހާމަކުރެއްވި ގޮތުގައި ކުރިން ހަމަޖެހިފައިވާ މަގުތަކުގައި މި ހިނގައިލުން ކުރިއަށް ދާނެއެވެ.

އިސްރާއީލުގެ ޗެނެލް 13 ބުނާގޮތުގައި މި ހިނގައިލުމުގައި އިސްރާއީލުގެ ހަތަރު ވަޒީރަކު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެއީ ޤައުމީ ސަލާމަތާ  ބެހޭ ވަޒީރު އީތުމާރާއި މާލީ ވަޒީރު ސްމުތުރިޗާއި މުވާޞަލާތާ ބެހޭ ވަޒީރު މެރީ ރިގޭވާއި ނަޤަބު ސަރަޙައްދު ތަރައްޤީކުރުމާބެހޭ ވަޒީރު އިސްޙާޤު ވެސަރލާވެވެ.

މި ހިނގައިލުން އިންތިޒާމުކުރާ ހަރުކަށި ވަޒީރު އީތުމާރު ވިދާޅުވާ ގޮތުގައި "ދިދައިގެ ހިނގައިލުމަކީ ޢީދު ފާހަގަކުރުމެވެ. އެއީ ޔަހޫދީން އަޤްޞާއަށް ވަނުމަށް ބޭއްވޭ ހިނގައިލުމެކެވެ. އެއްވެސް ފަރާތަކަށް މި ކަމަށް ހުރަހެއް ނޭޅޭނެއެވެ. މިއީ އަހުރެމެން މުޅި ދުނިޔެއަށް ދޭ މެސެޖެކެވެ."

އިސްރާއީލުގެ ޔަހޫދީ ހަރުކަށި ޖަމާޢަތްތަކުން މިއަދުގެ ހިނގައިމުގެ ބައިވެރީންނަށް ވަނީ އަޤްޞާއަށް ވަދެގަތުމަށް ގޮވައިލައިފައެވެ.

އިސްރާއީލު ފުލުހުން ބުނާގޮތުގައި މިއަދުގެ ހިނގައިލުން ބޭއްވޭނީ ދެ މަގަކުން ލައިފައެވެ. އެއްބަޔަކު މި ހިނގައިލުން ފަށާނީ ހުޅަނގު ޤުދުސްގެ ޚަލީލު ދޮރޯށީންނެވެ. މި ބައިމީހުންގެ ހިނގައިލުން ނިންމައިލުމަށް ހަމަޖެހިފައިވަނީ ބުރާޤު ބިތްކޮޅާ ހަމައިންނެވެ. ހިނގައިލުން ފެށުމަށް ހަމަޖެހިފައިވާ ދެވަނަ މަގަކީ ހުޅަނގު ޤުދުސުގެ ޢާމޫދު ދޮރޯށީންނެވެ. މި މީހުންވެސް ހިނގައިލުން ނިންމައިލާނީ ބުރާޤު ބިތްކޮޅާ ހަމައިންނެވެ.

އިސްރާއީލު ސިފައިން ހުޅަނގު އައްސޭރިއަށް އެރުން

ފަލަސްޠީނުގެ ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުގައި އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ނަބްލުސް އަށް އަރައި މި ސަހަރުގެ ބައެއް ގެތަކަށް ކަރުނަ ގޭސް ބޮންތައް އުކިއެވެ. އެއަށްފަހު އިސްރާއީލު ސިފައިން ފަލަސްޠީނު މީހުން މައިތިރިކުރުމަށް ޓަކައި ރަބަރު ވަޒަން ވެސް ބޭނުންކުރިއެވެ. ފަލަސްޠީނުގެ ރެޑް ކްރެސެންޓް ބުނާގޮތުގައި މި ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ އެތައް ބަޔަކު ޒަޚަމުވިއެވެ.

އިސްރާއީލު ސިފައިން ނާބްލުސްގެ އިތުރަށް ހުޅަނގު އައްސޭރީގެ އެތައް ރަށްތަކަކަށް ވެސް މިއަދު އެރިއެވެ. މި ރަށްތަކުގެތެރޭގައި ރާމަﷲގެ ހުޅަނގުގައި އޮންނަ ބައިތު ޢޫރުއް ތަޙްތާއާއި ރާމަﷲގެ އިރުމަތީގައި އޮންނަ ބުރްޤާއަށާއި ނާބްލުސްގެ އުތުރުގައި އޮންނަ ބައިތު އިމްރީން ވެއެވެ. މި ރަށުން އިސްރާއީލުގެ ޒުވާނަކު ހައްޔަރު ކުރިއެވެ. މީގެއިތުރަށް އިސްރާއީލު ސިފައިން ބައިތު ލަޙްމުގެ މަރާޙު ރިޔާޙަށް އަރައި ފަލަސްޠީނުގެ އިތުރު މީހަކު ހައްޔަރު ކުރިއެވެ.

ފަލަސްޠީނުގެ އިންޒާރުތައް

އިސްރާއީލުގެ މި ޖެއްސުންކުރުންތަކާ ވިދިގެން ފަލަސްޠީނުގެ ޖިހާދީ ޖަމާޢަތްތަކުން ދަނީ އިސްރާއީލަށް އިންޒާރުތައް ދެމުންނެވެ. ޙަމާސް ޙަރަކާތުގެ އިސްވާރެއް ކަމުގައިވާ މުޝީރުލް މިޞްރީ ޤުދުސްގެ ރައްޔިތުންނަށް ޔަހޫދީ މި ހިނގައިލުމާ ދެކޮޅަށް ތެދުވުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އަޤްޞާ ޙިމާޔަތްކުރުމަށް ޓަކައި ފަލަސްޠީނުގެ ޖިހާދީ ޙަރަކާތްތައް ތެދުވުމަށް އޮތީ ތައްޔާރުވެގެންނެވެ.

ޙަމާސްގެ ސިޔާސީ އޮފީހުގެ މެންބަރެއްކަމުގައިވާ ޞަލާޙުލް ބުރޮޑްވޭލް ވިދާޅުވާގޮތުގައި "ޞިހްޔޫނީ ދިދައިގެ ހިނގައިލުމަށް ރައްދު ނުދީ ޙަމާސް މަޑަކުން ނޯންނާނެތެވެ."

ފަލަސްޠީނު ސަރުކާރުގެ ރިޔާސީ ތަރްޖަމާން ނަބީލް އަބޫ ރުދައިނާ ސިފަކުރެއްވި ގޮތުގައި އިސްރާއީލުގެ މި ހިނގައިލުމަކީ ޖެއްސުންކުރުމުގެ ޢަމަލެކެވެ. އޭނާ ވިދާޅުވިގޮތުގައި ޙައްދުފަހަނަޅައިފައިވާ ޔަހޫދީ ޖަމާޢަތްތަކުން އަޤްޞާ މިސްކިތަށް ވަނުމަށް ގޮވައިލުމަކީ ސަރަޙައްދުގައި ހުޅު ރޯވެގެން ހިނގައިދާނެ ކަމެކެވެ. ފަލަސްޠީނުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާން ބުނާގޮތުގައި މި ހިނގައިލުންތައް ޤުދުސްގައި ބޭއްވޭ ބޭއްވުމުން އެނގެނީ ޤުދުސަކީ ހިފައިފައިވާ ބިމެއްކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *