Support Us

ތަޢުލީމީ ދާއިރާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރޭ: ރައީސް

ތަޢުލީމީ ދާއިރާގެ އިންސާނީ ވަޞީލަތްތަކާއި ޢުމްރާނީ ވަޞީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 2021–2022 ވަނަ އަހަރު ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސާނަވީ އަދި މަތީ ތަޢުލީމަށް ކުރިމަތިލާ ދަރިވަރުން، އެދަރިވަރުންގެ ޤާބިލުކަމާ އެންމެ އެކަށޭނަ ރޮނގަކުން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމަށް އަމާޒުހިފުމަށް ވެސް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރިވަރުންގެ ކިބައިގައި ހުރި ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް، ޤައުމީ ޚިދުމަތަށް ނުކުތުމަކީ، ކޮންމެ ދަރިވަރެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ތަޢުލީމީ ގޮތުން ކިތަންމެ މައްޗަކަށް ދަތުރުކުރަން ބޭނުންވިޔަސް، އެ ފުރުޞަތު ކޮންމެ ދަރިވަރަކަށްވެސް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް، މިހާރު ފަހިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމު ތަރައްޤީކޮށް ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރެވޭނީ، ޒަމާނީ ތަޢުލީމާއި ތަރުބަވީ އަޚްލާޤުގެ މާޙައުލަކަށް ސްކޫލްތައް ހަދައިގެންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއާ ވަޞީލަތްތަކާއި އަދި އިންސާނީ ވަޞީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރިޔަށްދާކަން ފާހަގަކުރައްވާފައެވެ.

ހަމަ އެހެންމެ، ސްކޫލްތަކުގެ ކިޔެވުން ހަރުދަނާކުރުމަށް ސްކޫލްތަކުގެ ރިވިއު އެނަލިސިސްއެއް ހަދައި އޭގެ ތެރެއިން އެންމެ އެހީތެރިކަން ބޭނުންވާ ސްކޫލްތަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުން އަންނަ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުގެ ވަކިވަކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށާއި އަދި ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެއް ވަނަ ހޯދި ދަރިވަރުންނަށް ޓޮރޮފީއާ ހަނދާނީ ލިއުން، މި ރަސްމިއްޔާތުގައި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން ދެ ވަނަ ހޯދި ދަރިވަރުންނާއި އެކިއެކި މާއްދާތަކުން މުޅި ދުނިޔެއިން ދެވަނައިން 10ވަނައާ ދެމެދުގެ ވަނަތައް ހޯދި ދަރިވަރުންނަށް ޓޮރޮފީއާއި ހަނދާނީ ލިއުން، ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން ތިން ވަނަ ހޯދި ދަރިވަރުންނަށް ޓޮރޮފީއާއި ހަނދާނީ ލިއުން، ހަވާލުކޮށްދެއްވީ ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމެވެ.

މިދިޔަ ދިރާސީ އަހަރު ސާނަވީ އިމްތިޙާން ފުރިހަމަކުރި 6360 ދަރިވަރުންގެ ތެރެއިން، 844 ދަރިވަރުން އެންމެ ރަނގަޅު 10 ވަނައިގެ ތެރޭގައި ހިމެނެއެވެ. އަދި މީގެ ތެރޭގައި ސާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން މުޅި ދުނިޔޭގެ އެންމެ ގަދަ 10 ވަނައިގައި ހިމެނުނު 11 ދަރިވަރަކާއި ހައި އެޗީވްމެންޓް ޙާޞިލުކުރާ ހަ ދަރިވަރަކު ހިމެނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *