Support Us

ދެ ވަނަ ބުރުގެ ފުރްޞަތު އުރްދުޣާނަށް ބޮޑު

ތުރްކީގައި ވެރިކަންކުރާ ޢަދާލަތު ޕާޓީއަށް ތުރްކީގެ ބަރްލަމާނުގައި އަޣުލަބިއްޔަތު ލިބުމުން އެއީ ތާރީޚީގޮތުން ބަލާއިރު ވަރަށް ނާދިރު ކާމިޔާބީއެކެވެ. ތުރްކީގެ ވެރިކަމުގައި މި ޕާޓީ އޮންނަތާ 21 އަހަރުވެއްޖެއެވެ. އެހެންކަމުން މިއަދު ލޯތަކުން ކަޅިއަޅަމުން ދަނީ ތުރްކީގެ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރަށެވެ.

ތުރްކީގެ ބަރްލަމާނީ އިންތިޚާބުގައި ޢަދާލަތު ޕާޓީއަށް އަޣުލަބިއްޔަތު ލިބުމުން މި ކަމުގެ އަސަރު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުރާނެކަމަށް ދާރިސުން ވިދާޅުވެއެވެ. މި ކަމުގެ ސަބަބުން އުރްދުޣާންގެ ތިލަފަތް ބުރަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ތުރްކީގައި ވެރިކަންކުރާ ޢަދާލަތު ޕާޓީ އުފެއްދުނީ އޮގަސްޓް 2001 ގައެވެ. އެ ހިސާބުން ފެށިގެން ބޭއްވި ހަ އިންތިޚާބު ޢަދާލަތުން ވަނީ ކާމިޔާބުކޮށްފައެވެ. މި ހުރިހާ އިންތިޚާބުތަކެއްގައި ވެސް އެ ޕާޓީއަށް ވަނީ ބަރްލަމާނުގެ އަޣްލަބިއްޔަތު ލިބިފައެވެ.

ތުރްކީ ބަރްލަމާނީ އިންތިޚާބުގެ ނަތީޖާ

  • ޢަދާލަތަށް 267 ގޮނޑި
  • އިދިކޮޅު ޖުމްހޫރީ ޕާޓީއަށް 130 ގޮނޑި
  • ޤައުމިއްޔަތު ޕާޓީއަށް 50 ގޮނޑި
  • ޖައްޔިދު ޕާޓީއަށް 45 ގޮނޑި
  • ވާތުފިޔައިގެ ފެހި ޕާޓީއަށް (ކުރްދީ ޕާޓީއެއް) 61 ގޮނޑި 
  • ޑިމޮކްރެޓިކް ތަރައްޤީ ޕާޓީއަށް 14 ގޮނޑި
  • އައު ރަފާހު ޕާޓީއަށް 5 ގޮނޑި
  • މުސްތަޤްބަލް ޕާޓީއަށް 10 ގޮނޑި
  • ސަޢާދާ ޕާޓީއަށް 10 ގޮނޑި
  • ކުރްދީ ލޭބަރ ޕާޓީއަށް 4 ގޮނޑި
  • ޑިމޮކްރެޓިކް ޕާޓީއަށް 3 ގޮނޑި
  • ތަޣުޔީރު ޕާޓީއަށް 1 ގޮނޑި  

ބަރްލަމާނާއި ރިޔާސަތު

ތުރްކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރިޔާސީ އޮފީހުގެ ތަރްޖަމާން އިބްރާހީމު ޤާލުން ވިދާޅުވާގޮތުގައި ބަރްލަމާނުގެ އިންތިޚާބުގައި ރައީސް އުރްދުޣާނަށް ލިބިވަޑައިގެން ކާމިޔާބީއަށްފަހު އޭނާއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެކަމާ މެދު މިހާރު އެއްވެސް ޝައްކެއް ނެތެވެ. އޭނާ ވިދާޅުވިގޮތުގައި ވާދަވެރި އިދިކޮޅު ކަމާލް ކްލެޖްދާރަށްވުރެ ރައީސް އުރްދުޣާނަށް 2.6 މިލއަން ވޯޓު އިތުރަށް ލިބިވަޑައިގެންފައި ވެއެވެ.

ޤާލުން ތުރްކީގެ "ޚަބަރު" ޓީވީ ޗެނެލަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ދެވަނަ ބުރު ރައީސް އުރްދުޣާނަށް ކާމިޔާބު ކުރައްވަން މާ ފަސޭހަފުޅުވާނެއެވެ. ދެ ބޭފުޅުންގެ ދެމެދުގައި ފަސް ޕޮއިންޓުގެ ތަފާތެއް ވެއެވެ. އެއީ 2.5 މިލިއަން ވޯޓެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ލިބުނު ވޯޓުތައް ރައްކައުތެރިކުރެވިއްޖެނަމަ އަޅުގަނޑުމެންނަށް އިންތިޚާބު ކާމިޔާބު ކުރެވޭނެއެވެ. އަޅުގަނޑުމެންނަށް ލަފާކުރެވޭގޮތުގައި ރައީސް އުރްދުޣާނަށް ދެވަނަ ބުރުގައި އިތުރު ވޯޓު ލިބިވަޑައިގަންނަވާނެއެވެ."

ޤައުމީ ޙަރަކާތް ޕާޓީގެ ނައިބު ރައީސް ސަމީޙު ޔެލްޗެން ވިދާޅުވި ގޮތުގައި ވެރިކަންކުރާ ރައްޔިތުންގެ ކޯލިޝަނުން ބަރްލަމާނުގައި ހޯދައިފައިވާ އަޣުލަބިއްޔަތުގެ ސަބަބުން 28 މޭގައި ބޭއްވޭ ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ރައީސް އުރްދުޣާނަށް ކާމިޔާބު ކުރެއްވޭނެ ކަމަށް ނިމުތު ކުރެވެއެވެ.

ޔެލްޗެން ވިދާޅުވި ގޮތުގައި އޭނާގެ ޕާޓީއަށް މި އިންތިޚާބުގައި ލިބުނު 10% ވޯޓުގެ ސަބަބުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ސިނާން އޫޣާނަށް ވޯޓުދިން ގިނަ ބައެއްގެ ތާއީދު ދެވަނަ ބުރުގައި ރައީސް އުރްދުޣާނަށް ލިބިވަޑައުގަންނާނެކަން ކަށަވަރެވެ.

ހަމަޖެހުން އޮންނަން ޖެހޭނެކަމުގެ ވިސްނުން

ތުރްކީގެ ދާރިސެއް ކަމުގައިވާ ބާޤީ ލާލީ އޫޣުލޫ ވިދާޅުވާ ގޮތުގައި ތުރްކީގެ ވޯޓަރުން ވޯޓުދޭއިރު ވިސްނާކަމެއް އޮވެއެވެ. މި ދިޔަ ސައްތައިގެ ނުވަ ދިހައިގެ އަހަރުތަކުގެ ތެރޭގައި ތުރްކީ ދެކެފައިވާ ސިޔާސީ ހަމަނުޖެހުމެއް ޤައުމުގައި އޮންނާކަށް ވޯޓަރުން ނޭދެއެވެ. ވޯޓަރުން ބޭނުންވަނީ ހަމަޖެހުން ލިބިފައިވާ ސަރުކާރެއް ބާއްވައިގެން ޤައުމު ތަރައްޤީ ކުރުމަށެވެ. ވެރިކަމާ ހެދި އަރާރުންވާ އެތައް ބަޔަކަށް ވެރިކަން ދީފިނަމަ ޤައުމު ކުރިއަކަށް ނުދާނެއެވެ. ޤައުމުގެ ކުރިއެރުމަށް ޓަކައި މަސައްކަތް ކުރާނެ ވަގުތެއް ނުލިބޭނެއެވެ. ތުރްކީގެ ރައްޔިތުން ވެރިކަމުގެ ބާރު ވާދަވެރި ޕާޓީތަކުގެ އަތްމައްޗަށް ދޫކޮށްލާން ބޭނުން ނުވަނީ މި ޕާޓީތަކުގެ މެދުގައި ހިނގާ އަރާރުންތަކުގެ ސަބަބުން ޤައުމުގެ ތަރައްޤީގެ ދުވެއްޔަށް ހުއްޓުން އަތުވެދާނެތީއެވެ.

ލާލީ އޫޣުލޫ ވިދާޅުވާ ގޮތުގައި ރައީސް އުރްދުޣާނަށް ދެވަނަ ބުރުގައި ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވެނީ މިހެންވެގެންނެވެ. ވެރިކަމުގައި އަރާރުން އުފެދި ޤައުމުގައި ހަމަނުޖެހުން އުފެދެން ތުރްކީގެ ރައްޔިތުން ބޭނުންނުވާތީއެވެ.

އޭނާ ވިދާޅުވާ ގޮތުގައި ޢާދާލަތު ޕާޓީއަށާއި ވެރިކަން ކުރާ ކޯލިޝަނަށް ބަރްލަމާނުގައި މުޠުލަޤު އަޣްލަބިއްޔަތު ލިބިފައިވާތީ ސިނާނު އޫޣާންގެ "ކާފަ" ޕާޓީގެ ބައެއް މެންބަރުން ޢަދާލަތަށް ތާއީދު ކުރައްވާނެއެވެ. މި ކަމުގެ ސަބަބުން އެބޭބޭފުޅުންގެ ދާއިރާތަކުން ރައީސް އުރްދުޣާނަށް ތާއީދު ލިބިގެންދާނެއެވެ.

އިދިކޮޅުން އުންމީދު ކަނޑައެއްނުލާ

އިދިކޮޅު ލިޔުންތެރިއެއް ކަމުގައިވާ މުރާދު ޞާބޫންޖީ ވިދާޅުވާ ގޮތުގައި ޢަދާލަތަށް ލިބުނު ކާމިޔާބީއަކީ އެ ޕާޓީން އުންމީދުކުރި ކާމިޔާބީއަށްވުރެ މާ ކުޑަ ކާމިޔާބެކެވެ. ވޭތުވެ ދިޔަ އިންތިޚާބުގައި އެ ޕާޓީއަށް ވަނީ 6% ވޯޓު ގެއްލިފައެވެ. މިއިން އެނގެނީ ބަދަލުގެނެވިދާނެކަމެވެ .އޭނާ ވިދާޅުވިގޮތުގައި މިކަން ކުރެވޭނީ ސިނާނު އޫޣާން ޕާޓީއަށް ވޯޓުދިން އެންމެން އިދިކޮޅު ޒަޢީމު ކަމާލް ކްލެޖްދާރު އޫޣުލޫއަށް ވޯޓުދީގެންނެވެ. އޭނާ ވިދާޅުވިގޮތުގައި އިންތިޚާބީ ބޮޑެތި ހިނގައިލުންތަކާއި ޙަމަލާތައް ނުބާއްވަވާ ދެ މިލިއަން 800 ހާސް ވޯޓު އޭނާ ވަނީ ހޯއްދަވައިފައެވެ. މި ވޯޓުތައް އިދިކޮޅު ކޯލިޝަނަށް ލިބިއްޖެނަމަ 13 ވަނަ ރައީސަކަށް ކްލެޖްދާރު އިންތިޚާބުވެގެންދާނެއެވެ.

ބަރްލަމާނުގެ އަހައްމިއްޔަތު

ތުރްކީގެ ރިޔާސީ ނިޒާމު ބުނާގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ޤާނޫނުތައް ހެދިދާނެއެވެ. ހަމަ އެފަދައިން ޤާނޫނުތައް ހެދުމުގެ ބާރު ބަރްލަމާނަށް ވެސް ލިބގެންވެއެވެ. މި ޙާލަތުގައި ބަރްލަމާނުގެ ޤާނޫނު ރައީސުލް ޖުމްހޫރިއްޔާގެ ޤާނޫނަށްވުރެ ބާރުގަދަވާނެއެވެ. އަދި މި ޤާނޫނު ގެޒެޓު ކުރުން ރައީސުލްޖުމްހޫރިއްޔާއަށް މަޖްބޫރުވާނެއެވެ.

ހަމައެފަދައިން ރައީސުލްޖުމްހޫރިއްޔާއަށް ކުއްލި ޙާލަތުވެސް އިޢުލާން ކުރެވޭނެއެވެ. އެހެނަސް ބަރްލަމާނުން މި ޤަރާރު ބަލައިގަންނަން ޖެހޭނެއެވެ. އެހެން ކަމުން ރައީސަށް ލިބިފައިވާ މި ބާރަށް ހުރަސްއެޅުމުގެ ބާރު ބަރްލަމާނަށް ލިބިގެންވެއެވެ.

ބަރްލަމާނުގެ 600 މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ޤާނޫނުއަސާސީއަށް ބަދަލު ގެނެވިދާނެއެވެ. އިދިކޮޅު ޕާޓީތަކަށް އަޣްލަބިއްޔަތު ލިބިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާގެ ހުރިހާ ޤާރާރުތަކަކަށް ހުރަސްއެޅުމުގެ ބާރު ބަރްލަމާނަށް ލިބިގެން ވެއެވެ. އެހެންކަމުން އުރްދުޣާން ނޫން ބޭފުޅަކު ރައީސްކަމަށް ވަޑައިގަތްފިނަމަ އޭނާއަށް ވެރިކަން ކުރައްވަން ވަރަށް ދަތިފުޅު ވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *