Support Us

ރަޝިޔާއާއި ޗައިނާއާއެކު އިމާރާތުން ބަދަހިކުރަމުންދާ ގުޅުން

މިދިޔަ އަހަރުގެ ފެބްރުވަރީ މަހު ފެށި ޔުކްރޭން ހަނގުރާމައިގެ ސަބަބުން އިމާރާތާއި ރަޝިޔާ އަދި އިމާރާތާއި ޗައިނާއާ ދެމެދުގައި ގުޅުންތައް ބަދަހިވުމަށް ދޮރު ހުޅުވިގެން ގޮސްފައިވާ ކަމަށް އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލުގެ ރިޕޯޓެއް ބުނެފިއެވެ.

އިއްޔެ ޝާއިޢުކުރި މި ރިޕޯޓު ބުނާ ގޮތުގައި މި ކަމުގެ ސަބަބުން އިމާރާތުގެ ރައީސް ޝައިޚު މުޙައްމަދު ބިން ޒާއިދާއި އެމެރިކާއާ ދެމެދުގައި އޮތް ގުޅުން "އިމްތިޙާނަކަށް" ވެއްޓިގެން ހިގަނއްޖެ އެވެ.

ޚާއްޞަ ބަސްދީގަތުންތަކެއްގައި އިމާރާތުގެ އިސް މަސްއޫލުވެރީންތަކެއް ވިދާޅުވެފައިވާ ގޮތުގައި އިމާރާތާއި އެމެރިކާއާ ދެމެދުގައިވާ ބަދަހި ގުޅުމަކީ މޮސްކޯއާއެކު ނުވަތަ ބޭޖިންގާއެކު ގުޅުން ޤާއިމުކުރުމަށް ހުރަސްއަޅާނެ ކަމެއްނޫނެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި މި ފަދަ ގުޅުންތަކުން އެމެރިކާއަށް ލިބޭނީ ފައިދާއެވެ.

އެމެރިކާ އިމާރާތު ގުޅުން ނުތަނަވަސްވުން

އެމެރިކާގެ ރައީސް ޖޯ ބައިޑްންގެ އިދާރާގެ އިސް މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި ފަހަކަށް އައިސް އިމާރާތާއި ޗައިނާ އަދި އިމާރާތާއި ރަޝިޔާ ގުޅުން ބަދަހިވުމުގެ ސަބަބުން އެމެރިކާ– އިމާރާތު ގުޅުމަށް ވަނީ ނުބައި އަސަރުތަކެއް ކޮށްފައެވެ. އެމެރިކާގެ އިދާރިއްޔަތުގެ މަސއޫލުވެރީން އިންޒާރުކުރައްވާ ގޮތުގައި ޢަސްކަރީ އަދި ޖާސޫސީ ދާއިރާގައި އިމާރާތު– ރަޝިޔާ ގުޅުމާއި އިމާރާތު- ޗައިނާ ގުޅުން ބަދަހިވަމުން ދިޔުމަކީ އެމެރިކާ އިމާރާތު ގުޅުމަށް ނުބައި އަސަރުތައް ފޯރުވާނެ ކަމެކެވެ.

އިމާރާތުގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި ޝައިޚު މުޙައްމަދު ބިން ޒާއިދު ޗައިނާއާއި ރަޝިޔާއާއެކު ގުޅުއްވަމުން ގެންދަވަނީ އިސްވެ އެމެރިކާއާއެކު މަޝްވަރާ ކުރައްވައިގެންނެވެ. ބިން ޒާއިދު ރަޝިޔާއަށް ޒިޔާރަތްކުރެއްވުމުގެ ކުރިން އެމެރިކާއާއި އދގެ މަސްއޫލުވެރީންނާއެކު މަޝްވަރާކުރެއްވިއެވެ. އަދި ބިން ޒާއިދު ރަޝިޔާ ދަތުރުފުޅަށްފަހު ޔުކްރޭންގެ ރައީސް ޒިލެންސްކީއާ ފޯނުން ބައްދަލު ކުރެއްވިއެވެ.

އެމެރިކާގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި އިމާރާތު– ޗައިނާ ގުޅުންތައް ހަރުދަނާވަމުންދިޔުމުގެ ސަބަބުން އެމެރިކާއިން އިމާރާތަށް ވިއްކަން ހަމަޖެހިފައިވާ އެފް35 މަތިންދަބޯޓުގެ އެއްބަސްވުމަށާއި އިމާރާތުގައި ފަސްވަނަ ޖީލުގެ މޯބައިލް ވިއުގަ ބިނާކުރުމުގެ މަސައްކަތުގައި ޗައިނާގެ ވާވޭ ކުންފުނީގެ ފަންނިއްޔަތު ހޯދަމުން ދާތީ އެމެރިކާ- އިމާރާތާގެ ގުޅުމަށް ވަނީ ނުބައި ހިޔަނިތަކެއް އެޅިފައެވެ.

އެމެރިކާގެ އިންޒާރު އިމާރާތަށް

އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ރޫސީވިލާތާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ގިރާކޮށް ދިޔުމުގައި އިމާރާތުން މޮސްކޯއަށް އެހީވަމުންދާ ކަމަށް ވޮޝިންޓަނުން ތުހްމަތު ކުރެއެވެ. ރަޝިޔާގެ ވިޔަފާރިވެރިންނަށް އިމާރާތުން ޢިމާރާތްތައް ގަތުމަށާއި މުދާތައް ފޮރުވުމަށާއި ތެލުގެ ވިޔަފާރި ކުރުމަށް ޓަކައި އިމާރާތުގެ އެހީ ވަނީ ލިބިފައެވެ.

ރޫސީ ސައުދާގަރުންނާއި މަހުޖަނުންގެ ސަބަބުން އިމާރާތުގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބެމުންދެއެވެ. އެމެރިކާއާއި އެމެރިކާގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި އިމާރާތުގެ ރައީސް ޝައިޚު މުޙައްމަދު ގެންގުޅުއްވަނީ ވަރަށް މިނިވަން ޚާރިޖީ ސިޔާސަތެކެވެ. އޭނާ ވިދާޅުވާ ގޮތުގައި އެމެރިކާގެ ހަތަރު ރިޔާސީ ދައުރުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތު އޮތީ އެކި އަތަށް ކިރިލަކިރިލައެވެ.

މެދުއިރުމަތީގެ މަސްއަލަތައް ދިރާސާކުރައްވާ ދީނާ އިސްފަންދްރިޔާނީ ވިދާޅުވިއެވެ. "ގުޅުމުގެ ބަހުރުވަ ބަދަލުވެއްޖެއެވެ. ވޮޝިންގްޓަނުން އިމާރާތަށް ފޯނުކޮށްލައިފައި މިވެނި ކަމެއް ކުރޭ މިވެނި ކަމެއް ނުކުރޭ ބުނުމުން އެއާ އެއްގޮތަށް އަބޫ ޡަބްއި ބޯލެނބި ދުވަސް މާޒިވެ ހިނގައްޖެއެވެ." މީގެ އިތުރަށް "އެމެރިކާއިން ބުނާ ކަންތައް ބުނާގޮތަށް ނުކުރާތީ އިމާރާތުން އެދޭ ކަންތައްތަކަށް އެމެރިކާއިން ނޫނެކޭ ބުނާ ޙާލަތުތައް ވެސް އަތުވެއްޖެއެވެ."

އިތުބާރު ގެއްލުން

އިމާރާތުގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި 2019 ގައި ސުޢޫދީ ޢަރަބިއްޔާގެ ތެޔޮ ދަނޑުތަކަށް ދިން ވައިގެ ޙަމަލާއާއި ގަލްފްގައި ދަތުރުކުރަމުންދިޔަ ތެޔޮބޯޓުފަހަރަށް ދިން ޙަމަލާތަކާ ވިދިގެން އެމެރިކާއަށް އިތުބާރު ނުކުރެވޭނެކަން އަބޫޡަބްއިއަށް އެނގިއްޖެއެވެ. އެމެރިކާއިން ކަށަވެތިވެފައިވާ ގޮތަށް ޢަމަލުނުކުރާ ކަމަށް އިމާރާތުން ތުހްމަތު ކުރުއެވެ.

އިމާރާތުގެ ޞިނާޢަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ސުލްޠާން އަޙްމަދުލްޖާބިރު ވިދާޅުވާ ގޮތުގައި އިމާރާތުން އެމެރިކާއާއެކު ގުޅުންތައް ހަރުދަނާކޮށް ފުޅައުކުރާން ބޭނުންވެއެވެ. އެހެނަސް އެހެން ޤައުމުތައް ބާކީކޮށްފައެއް ނޫނެވެ. އިންޑިޔާއާއި ޔޫރަޕާއި ރަޝިޔާއާއި ޗައިނާ އެއްފަރާތްކޮށްފައެއް ނޫނެވެ.

ޗައިނާ އިމާރާތު ގުޅުންތައް ބަދަހިވެގެން ދިޔައީ ކޮވިޑް 19ގެ ތެރޭގައެވެ. ދުނިޔޭގެ ޤައުމުތަކުން އެ ޤައުމުތަކުގެ ސަރަޙައްދުތައް ބަންދުކުރިއިރު އިމާރާތުން އެ ޤައުމުގެ ސަރަޙައްދު ހުޅުވައިލައިފައިވާތީއެވެ.

އިމާރަތުގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި އެ ދުވަސްވަރު ޗައިނާގެ އެހީގައި އިމާރާތުން މާސްކުތައް އުފައްދައި ބޭރުކުރިއެވެ. އަދި ޗައިނާގެ ބޮޑެތި ކުންފުނިތަކާ ގުޅިގެން ޕީސީއާރު ޓެސްޓުތައް ހެދޭނެ ސާމާނުތަކާއި އާލަތްތައް އުފެއްދިއެވެ. މި ކަމުގައި ޗައިނާގެ ސިނޯފާރމް ކުންފުނީގެ އެހީ އިމާރާތަށް ލިބުނެވެ.

ވިޔަފާރިއަށް ބަލާއިރު އިމާރާތާއި ޗައިނާއާ ދެމެދުގައި ބަދަލު ކުރެވުނު ވިޔަފާރި ވަނީ 70 ބިލިއަނަށް ވުރެ މައްޗަށް ގޮސްފައެވެ.

ރަޝިޔާއަށް ބަލާއިރު އދ.ގައި އިމާރާތުން ގެންގުޅެމުންދަނީ އެމެރިކާގެ ސިޔާސަތާ ޚިލާފު ސިޔާސަތެކެވެ. އިމާރާތުން ރަޝިޔާ ކުށްވެރިނުކުރީ އެމެރިކާއިން ޔަމަނުގެ ޙޫޘީންނަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ބަލައިނުގަތުމުންނެވެ. މީގެއިތުރަށް އިމާރާތުން ވަނީ އެ ޤައުމުގެ ވުނަ ފަންޑުތައް ރަޝިޔާގެ ކުރިމަތީގައި ހުޅުވައިލައިފައެވެ.

އިމާރާތުގެ ރައީސް ޝައިޚު މުޙައްމަދު ބިން ޒާއިދު ވަނީ ރައީސް ޕޫޓިނާއެކު ރަނގަޅު ގުޅުމެއް ވުނަކުރައްވައިފައެވެ. ވޭތުވެ ދިޔަ ދެ ދަހަރުގެތެރޭގައި އޭނާ ރައީސް ޕޫޓިނާއެކު ޤަވާޢިދުން ބައްދަލުކުރައްވާ ދުނިޔޭގެ ތަފާތު މަސްއަލަތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *