ނަވާރަ ސަތޭކަ ސާޅީސް އަށްވަނަ އަހަރުގެ ނަކްބާއަށްފަހު ފަލަސްޠީނު މީހުންގެ ޢަދަދު 10 ގުނައަށް އިތުރުވެފައިވާ ކަމަށް ފަލަސްޠީނުގެ ތަފާސްހިސާބާ ބެހޭ މަރްކަޒީ އިދާރާއިން އިޢުލާންކޮށްފިއެވެ.
މި އިދާރާ ބުނާގޮތުގައި ފަލަސްޠީނު މީހުންގެ މިހާރުގެ ޢަދަދަކީ 14 މިލިއަން 300 ހާހެވެ. އޭގެތެރެއިން ހަ މިލިއަން 400 ހާސް މީހުން ދިރިއުޅެނީ ރެފިޔުޖީންގެ ގޮތުގައެވެ.
މިއަދަކީ ފަލަސްޠީނުގެ ނަކްބާއަށް 75 އަހަރު ފުރުނު ދުވަހެވެ. ފަލަސްޠީނުގެ ބިން 1948ގައި ފޭރިގަނެގެން އިސްރާއީލެވެ ކިޔުނު ދައުލަތް ޤާއިމުކުރި ފަހުން އެމީހުން ދަނީ ފަލަސްޠީނުގެ އިތުރު ބިންތައް ފޭރެމުން އެތަންތާނގައި ޔަހޫދީ އާބާދީތައް ބިނާކުރަމުންނެވެ.
ފަލަސްޠީނުގެ ތަފާސްހިސާބާ ބެހޭ އިދާރާ ބުނާގޮތުގައި 1948ގައި އިސްރާއީލު ޤާއިމުކުރީ މިލިޔަނެއްހާ ފަލަސްޠީނު މީހުން އެމީހުންގެ ބިމުން ބޭރުކޮށްލައިފައެވެ. އޭގެފަހުން 1967ގެ ހަނގުރާމައަށްފަހު 200 ހާސް މީހުން ވަނީ އެމީހުންގެ ބިންތަކުން ބޭރުކޮށްލައިފައެވެ. މި އިދާރާ ބުނާގޮތުގައޮ 2022ގައި ފަލަސްޠީނުގެ އާބާދީގެ ޢަދަދަކީ 14 މިލިއަން 300 ހާހެވެ. މިއިން އެނގެނީ 1948ގެ ނަކްބާއަށްފަހު ފަލަސްޠީނު މީހުންގެ ޢަދަދު 10 ގުނައަށް އިތުރުވެފައިވާ ކަމެވެ.
ފަލަސްޠީނުގެ ތަފާސްހިސާބާ ބެހޭ (ސަރުކާރުގެ) މި އިދާރާ ބުނާގޮތުގައި ފަލަސްޠީނު މީހުންގެ ތެރެއިން ހަތް މިލިއަން 100 ހާސް މީހުން ދިރިއުޅެނީ ތާރީޚީ ފަލަސްޠީނު ބިމުގައެވެ. މީގެތެރެއިން އެއްމިލިއަން 700 ހާސް މީހުން އުޅެނީ އިސްރާއީލު ޤާއިމުކޮށްފައިވާ ބިމުގައެވެ.
މި އިދާރާ ބުނާގޮތުގައި ފަލަސްޠީނުގެ ބިމުގައި ދިރިއުޅޭ މީހުންގެ ޢަދަދުގެ ނިސްބަތަކީ 50.1% އެވެ. ޔަހޫދީންގެ ނިސްބަތަކީ 49.9% އެވެ.
ރެފިޔުޖީންނާ ބެހޭ އދގެ އޭޖެންސީ (އަންރުވާ) ބުނާގޮތުގައި 2020ގެ ރެކޯޑުތައް ދައްކާގޮތުގައި ފަލަސްޠީނުގެ ރެފިޔުޖީންގެ ރަސްމީ ޢަދަދަކީ ހަ މިލިއަން 400 ހާސް މީހުންނެވެ. މީގެ ތެރެއިން ދެ މިލިއަނެއްހާ މީހުން އުޅެނީ ހުޅަނގު އައްސޭރިއާއި ޣައްޒާގައެވެ.
ނަސްލުނައްތައިލުން
ފަލަސްޠީނުގެ ތަފާސްހިސާބާ ބެހޭ ރަސްމީ އިދާރާ ބުނާގޮތުގައި "ނަކްބާއަކީ ނަސްލު ނައްތައިލުމާއި އެމީހުންގެ ބިމަށް ވެރިވެގަތުމާއި އެ ބިމުގެ އަޞްލު ވަޒަންވެރީން އެމީހުންގެ ބިމުން ގަދަކަމުން ބޭރުކޮށް ފައްސައިލުމާއި އެހެން ބަޔަކު މި ބިމުގައި ވަޒަންވެރިކުރުވުމެވެ." މިކަމާ ވިދިގެން ފަލަސްޠީނު މީހުންނަށް ކުރިމަތިވެފައިވަނީ "އިންސާނީ ބޮޑު މުޞީބާތެކެވެ."
ނަކްބާގެ ފިޔަވަހީގައި އިސްރާއީލުން ފަލަސްޠީނުގެ 774 ރަށަށާއި ސަހަރަށް ވެރިވެގަތެވެ. އޭގެތެރެއިން 531 ރަށް މުޅިން ތަޅައި ފުޑުފުޑުކޮށް ނައްތައިލިއެވެ. ޔަހޫދީ ނިރުބަވެރި ޖަމާޢަތްތަކުން 51 ޤަތުލުޢާންމު ހިންގައި 51 ހާސް މީހުން ޝަހީދުކޮށްލައިފައިވެއެވެ.
ނަކްބާއަށްފަހު ފަލަސްޠީނު މީހުންގެ ތެރެއިން ލައްކައެއްހާ މީހުން ޝާހީދުވެފައިވެއެވެ. އަދި 1967ގެ ފަހުން މިލިޔަނަކަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވެއެވެ.
އާބާދީތައް ބިނާކުރުން
ފަލަސްޠީނުގެ މި އިދާރާ ބުނާގޮތުގައި 2021ވަނަ އަހަރު ނިމުނުއިރު އިސްރާއީލުން ވަނީ ހުޅަނގު އައްސޭރީގައި 483 ޢަސްކަރީ ބޭހާއި ޔަހޫދީ އާބާދީތައް ޤާއިމުކޮށްފައެވެ. މި ތަންތާނގައި 719 ހާސް ޔަހޫދީން ވަނީ ވަޒަންވެރިކުރުވައިފައެވެ.
ފުރަތަމަ ފަހަރަށް އދގައި ނަކްބާ ދުވަސް ފާހަގަކުރުން
މިއަދު އދ ގައި ފުރަތަމަފަހަރަށް ދަނީ ނަކްބާ ދުވަސް ރަސްމީކޮށް ފާހަގަކުރަމުންނެވެ. އެއީ 30 ނޮވެންބަރު 2022 ގައި އދ ގެ ޢާންމު ޖަމްޢިއްޔާއިން މި ދުވަސް ފާހަގަ ކުރުމަށް ނިންމުމުންނެވެ. މި އިޙްތިފާލުގެ ތެރޭގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވާހަކަފުޅު ދައްކަވާނެއެވެ. އަދި މި ދުވަހާ ބެހޭ ހަނދާނީ ވީޑިއޯތަކެއް ވެސް ދުރަށް ދައްކާނެއެވެ.



advertisment