Support Us

އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމަކީ ރައީސް އެންމެ އިސްކަންދެއްވާ ކަންތައް: ފައިސަލް

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުން ދެމެހެއްޓުމަކީ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދެއްވާ ކަންތައް ކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މިކޮންފަރެންސް ކުރިޔަށް ދަނީ، މި މޭ މަހުގެ 12އިން 13އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.

މި ކޮންފަރެންސްގެ ޝިޢާރަކަށް މިއަހަރު ކަނޑައަޅާފައި ވަނީ، "ދެމެހެއްޓެނިވި ކުރިމަގަކަށް؛ ޞުލްހަ އާއި ފާގަތިކަން އަދި ބައިވެރިވުން" މިޝިޢާރެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި މިފަހަރުގެ ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ވިލުންވެރި އަދި ދެމެހެއްޓެނިވި ކުރިމަގެއް ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކާއެކު އިޞްލާޙީބަދަލުތައް އިޚްތިޔާރުކުރަންޖެހޭ ކަމަށެވެ. އަދި ހިރާސްތައް މެނޭޖުކުރުމުގައި، އުނގެނުމާއި އީޖާދީ ވިސްނުމާއި އިސްނެގުން ބޭނުންވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، އިންޑިޔާ ކަނޑުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ހަމަޖެހުމާ ކުރިއެރުމަށް އޮތް ނުރައްކާތަކަށް ސަރުކާރުން ވިސްނާ ކަމަށެވެ. މިގޮތުން އިންޑިއާ ކަނޑުގެ ހަމަޖެހުމާ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް އޮތް ނުރައްކާތަކުގެ ގޮތުގައި، ޓެރަރިޒަމާއި އިންސާނީ ވަގުފާރިއާއި ޤާނޫނާއި ޚިލާފަށް ކުރާ ހިޖުރައާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި ރިޕޯޓް ނުކުރެވޭ މަސްވެރިކަމާއި ޤާނޫނާ ޚިލާފަށް ކުރާ މަސްވެރިކަން އަދި ކަނޑުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފުން ފާހަގަކުރައްވައި އެކަންކަމުގެ ސަބަބުން ކަނޑުގެ މުއްސަނދިކަން ކުޑަވުމާއި މޫސުމީ ބަދަލުގެ ސަބަބުން ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ޤައުމުތަކަށް އެކަމުގެ އަސަރު ބޮޑަށް ކުރާނެކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އިންޑިއާ ކަނޑުގެ ޞަރަހައްދަކީ، ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ސަރަހައްދުކަމަށާއި، އޭޝިއާ އާއި މެދުއިރުމައްޗާއި އެފްރިކާ އަދި ޔޫރަޕާއި އެމެރިކާ ގުޅުވައިދޭ ވިޔަފާރި ހަބުކަމުގައި ވިދާޅުވިއެވެ. އެހެންކަމުން އިންޑިއާ ކަނޑުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ޤާއިމްކުރުމަށް، ތިމާވެށި ރައްކާތެރިކުރުމާއި، ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަކީ، ހުރިހާ ޤައުމެއްގެ ޒިންމާއެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އިންޑިއާ ކަނޑުގެ ތަނަވަސްކަމާއި، ދެމެހެއްޓެނިވި ހަމަޖެހުމަށްޓަކައި، މައްސަލަތައް ހައްލުކޮށް، އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާކޮށް ގުޅުންތައް ހަރުދަނާކުރުމަށް ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *