Support Us

އިސްރާއީލުން ޣައްޒާއަށް ދޭ ޙަމަލާތައް އިތުރުކޮށްފި

ޣައްޒާގެ މެދުތެރޭގައި އޮންނަ ނުޞައިރާތު ފޭލިގެއަވަށަށާއި ދައިރުލް ބަލަޙާއި ބައިތު ޙާނޫނުގެ ދަނޑު ބިންތަކަށް އިސްރާއީލުން މިއަދު ހެނދުނު ވައިގެ ޙަމަލާތަކެއް ދީފިއެވެ. މިއަދު ހަވީރު ވެސް އިތުރު ޙަމަލާއެއް ވަނީ ދީފައެވެ.

އަނެއްކޮޅުން އިސްލާމީ ޖިހާދު ޖަމާޢަތުގެ ޢަސްކަރީ ފިޔަކަމުގައިވާ ސަރާޔާ އަލްޤުދްސުގެ ތަރްޖަމާނު ވިދާޅުވާ ގޮތުގައި އެ ޖަމާޢަތް އޮތީ "ބަޑި ބޭހުގެ ދާއިރާ ފުޅައުކުރުމަށް" ތައްޔާރަށެވެ. އޭނާ ވިދާޅުވިގޮތުގައި ހަނގުރާމަ ކިތަންމެ ދިގުލިޔަސް އަދި ކިތަންމެ ބޮޑު އަގެއް ދައްކަން ޖެހުނަސް ޖިހާދު ކުރިއަށް ގެންދެވޭނެއެވެ.

އިސްރާއީލުން ޣައްޒާގެ ތަފާތު ސަހަރުތަކަށާއި ފޭލިގެ އަވަށްތަކަކަށް ދެމުންގެންދާ ޙަމަލާތަކުގައި އިސްލާމީ ޖިހާދު ޖަމާޢާތުގެ ހަ އިސްވާރަކު ވަނީ ޝަހީދުކޮށްލައިފައެވެ. އިސްރާއީލުން ބުނާގޮތުގައި މި ޖަމާޢަތުގެ އިސްވާރުންތައް ނައްތައިލުމަށް އިސްރާއީލުން މަސައްކަތް ކުރާނެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވާ ގޮތުގައި އިސްރާއީލުން ދިން ޙަމަލާތަކުގައި އިސްލާމީ ޖިހާދު ޖަމާޢަތުގެ ރޮކެޓް ޔުނިޓްގެ ވެރިޔާ ޢަލީ ޙަސަން ޣާލީއާއި އޭނާގެ ނައިބު އަޙްމަދު އަބޫ ޑިއްޤާ ވަނީ މަރައިލާ ނައްތައިލައިފައެވެ. ނަތަންޔާހޫ ހާމަކުރެއްވި ގޮތުގައި އިސްރާއީލުގެ މި ޙަމަލާތަކަކީ ދިފާޢީ ފެންވަރުގައްޔާއި އިސްވެ ޙަމަލާދިނުމުގެ ފެންވަރުގައި ދެމުންގެންދާ ޙަމަލާތަކެކެވެ.

އިސްރާއީލުން ދެމުންގެންދާ ޙަމަލާތަކަށް އިސްލާމީ ޖިހާދު ޖަމާޢަތުންދަނީ ރައްދު ޙަމަލާތައް ދެމުންނެވެ. އެ ޖަމާޢަތުން މިއަދު ބުރުއްސައިލި ރޮކެޓްތަކުގެ ތެރެއިން ރޮކެޓެއް ވަނީ އިސްރާއީލުގެ ދަގަނޑު ޤުއްބު ފަހަނަޅައި ގޮސް ބޮޑު ޢިމާރާތެއްގެ މައްޗަށް ވެއްޓި އެ ޢިމާރާތަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ދެކުނު ތައްލު އަބީބުގެ ރަޙޫފޫތު ސަހަރަށް ވެއްޓުނު އެހެން ރޮކެޓެއްގެ ސަބަބުން އިސްރާއީލު މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމުވިއެވެ. އިސްރާއީލު ބުނާގޮތުގައި ސަރާޔާ އަލް ޤުދްސު ބްރިގޭޑުން ބުރުއްސައިލި 803 ރޮކެޓްގެ ތެރެއިން 620 ރޮކެޓް އިސްރާއީލުތެރެއަށް ވަނީ ވަދެފައެވެ. އިސްރާއީލުގެ ދިފާޢީ ނިޒާމު ދަގަނޑު ޤުއްބަށް ހުރަސްއެޅުނީ އެންމެ 179 ރޮކެޓަށެވެ.

އިސްރާއީލުން ދެމުންދާ ވައިގެ ޙަމަލާތަކާއި ބޮޑުބަޑިގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާއިން ވަނީ 30 މީހަކު ޝަހީދުވެފައެވެ. އޭގެތެރޭގައި ހަ ކުޑަކުދީންނާއި ތިން އަންހެނުން ހިމެނެއެވެ.

މިޞްރުން މި ހަނގުރާމަ ހުއްޓުވޭތޯ ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އިސްރާއީލުން ބުނާގޮތުގައި "ފަލަސްޠީނުގެ ހަނގުރާމަވެރިން މަޑުމައިތިރިވެއްޖެނަމަ އަހުރެމެން މަޑުމައިތިރިވާނަމެވެ. އެމީހުން ޙަމަލާދޭނަމަ އަހުރެމެން ޙަމަލާދޭނަމެވެ." އިސްރާއީލު ބުނާގޮތުގައި އިތުރު ޝަރްޠުތަކެއް ޤަބޫލެއް ނުކުރެވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *