Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ބުރުޖަކީ ކޮބާ؟ ރަދީފު ބުނަނީ ކީކޭ؟

ބުރުޖަކީ، ފަލަކެއްގެ 12 ބައިކުޅަ އެއްބަޔަށް ކިޔާ (ޢަރަބި/ ދިވެހި) ނަމެވެ. ފަލަކަކީ، އެއްޗެއްގެ ވަށައިގެން އެއްޗެއް ދައުރުވާ 360 ދަރަޖައިގެ މައްްޗަށް އެކުލެވޭ ވަށް ބުރަށް ނުވަތަ ކުކުޅުބިސް ބުރެއްގެ ޒާތަށް އޮންނަ ބުރުތަކަށް ކިޔާ (ޢަރަބި/ ދިވެހި) ނަމެވެ. ލޮލަށް ނުފެންނަ، އެކަމަކު، ފަލަކީ ޙިސާބުގެ ޢިލްމަށް ފެންނަ، ވަށް ބުރެކެވެ.

ފޫޓެއްގެ ދިގުމިންތައް ތަފްސީލު ކުރުމުގައި "ސޫތު" "އިންޗި" ކިޔާ ބީދައިން، ފަލަކެއް ތަފްސީލު ކުރުމުގައި ބޭނުންކުރާ ނަންތަކަކީ، ބުރުޖާއި ނަކަތެވެ.

ބުރުޖަކީ، ފަލަކެއްގެ 12 ބައިކުޅަ އެއްބައެވެ. ނަކަތަކީ މިޒަމާނުގެ ގޮތަށް އަވިހި ނަކަތް ނުހިމަނާ ނަމަ، 13 ދަރަޖައެވެ. އަވިހި ނަކަތް ހިމަނާ ނަމަ، 12.85 ދަރަޖައެވެ. ބުރުޖެއްގައި ހިމެނެނީ 30 ދަރަޖައެވެ.

"ރާހި" މިބަހަކީ، ބުރުޖުގެ ދިވެހި ނަމެވެ. ރާއްސަށް އިނގިރޭސި ބަހުން ކިޔަނީ "ސައިން" އެވެ. "މަންޒިލް" މިބަހަކީ، ފަލަކީ އިޞްޠިލާޙުގައި ޢަރަބި ބަހުން ނަކަތަށް ކިޔާ ނަމެވެ.

ދިވެހި ރަދީފު ޒަމާނަށް އަދާހަމަވެގެން އައިއިރު، މިފަދަ ކަންކަން، ބަސް ނުހަނު ހީނަރުވަމުންދާ، ޒަމާނެއްގައި ނުޞައްޙަކޮށް ޢާއްމުވުމަކީ، އުފެދިގެން އަންނަ ޒުވާންޖީލުތަކަށް، މިފަދަ ބިނާވެގެންވާ ބަހަވީ، ޢިލްމީ އަޞްލުތަކުގެ ނަންތައް އޮޅޭނޭ، ވަރަށް ދެރަވަރުގެ ކަމަކަށްވާތީ، މިކަމުގެ މައްޗަށް ބަހެއް ބުނެލާން ޖެހުނީއެވެ.