ބަންގްލަދޭޝްއަކީ ރާއްޖޭގެ ޤައުމީ ތަރައްޤީއަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގާތްއެކުވެރި ޤައުމެއް ކަމަށާއި ދެ ޤައުމުގެ ދެމެދު އޮންނަ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި އަބަދުވެސް ދެމިއޮންނާނެ ކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ބަންގްލަދޭޝްގެ މިނިވަންދުވަހާއި ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ހުންނަ ބަންގަލަދޭޝްގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން މިރޭ ޖެން މޯލްޑިވްސްގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން، ރާއްޖޭގެ އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީގައި، އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ޙައްޤުތައް ނެގެހެއްޓުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ބަންގްލަދޭޝް އަކީ މުއްސަނދި ސަގާފަތަކާއި ތާރީޚެއް ލިބިފައިވާ ޤައުމެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި 1978 ވަނަ އަހަރު ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރުމުގެ ކުރިންވެސް މި ދެޤައުމަކީ އާދަކާދައާ ސަގާފަތާ އަދި ވިޔަފާރިއާ ކަނޑުދަތުރުފަތުރުކުރުން ފަދަ ކަންކަމުގައި ވަރަށް އެއްގޮތް އާދަކާދަތަކެއް ހިއްސާކުރާ ދެ ޤައުމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވަނީ ބަންގަލަދޭޝްގެ ތާރީޚަށް އަލިއަޅުވާލައްވައި އެޤައުމުގެ މިނިވަންކަމުގެ ބާނީ، ބަންގަބަންދު ޝެއިޚް މުޖީބުއް ރަޙްމާން ވެވަޑައިގެންނެވި ގުރުބާނީ ފާހަގަކުރައްވާފައެވެ. އަދި 1971 ވަނަ އަހަރު ބަންގްލަދޭޝް އުފެދިގެން ދިޔައީ ބަންގަބަންދުގެ ލާމަސީލު ލީޑަރޝިޕާއި އިންސާފަށް ކެނޑިނޭޅި ކުރެއްވި މަސައްކަތްތަކުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނައިބު ރައީސް ވަނީ ބަންގްލަދޭޝްގެ މިނިވަންކަން ހޯއްދެވުމުގެ މަސައްކަތުގައި، "ކޮންމެ ގެއެއް ކިއްލާއަކަށް ބަދަލުކޮށްދެއްވުމަށް" ވިދާޅުވެ، 1971 ވަނަ އަހަރުގެ މާރޗް މަހުގެ ހަތް ވަނަ ދުވަހު ބަންގަބަންދު ދެއްކެވި ވާހަކަފުޅަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ދިވެހިރާއްޖެއާއި ބަންގުދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1978 ސެޓެމްބަރު 22 ގައެވެ.



advertisment