Support Us

"އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިނުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ބާރަށް ކުރިއަށް ދިއުމަށް މަގުފަހިވާނެ: ފައިސަލް

ރާއްޖެއަކީ ފަތުވެރިކަމުގެ މަތީފަންތީގެ މަންޒިލެއްގެ ގޮތުގައި މާކެޓްކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އަދި އެމެރިކަން އެކްސްޕްރެސް ގުޅިގެން، ކުރިޔަށްގެންދާ ތިންވަނަ "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.

މި ކެމްޕެއިން ފެށުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ބޭންކް އޮފް މޯލްޑިވްސް އަދި އެމެރިކަން އެކްސްޕްރެސް ގުޅިގެން ކުރިޔަށްގެންދާ މި ކެމްޕެއިންނަށް ތައުރީފުކުރައްވައި، ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދު ބާރަށް ކުރިޔަށް ދިއުމަށް މަގުފަހިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

ކުރުނބާ މޯލްޑިވްސް ރިޒޯޓުގައި ބޭއްވި މި ރަސްމިއްޔާތުގައި، އެމަނިކުފާނު ވަނީ ރާއްޖެއަކީ ފަތުރުވެރިކަމުގައި ދުނިޔޭގައި ނަން މަޝްހޫރު އަދި ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި ސިފަކުރައްވައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ރާއްޖެއިން އަދާކުރާ ފުރިހަމަ މެހުމާންދާރީކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު އެއް މަންޒިލަކަށް ވެގެންދިއުމުގެ މައިގަނޑު އެއް ސަބަބަކީވެސް ފަތުރުވެރިންނާމެދު ބަހައްޓާ ގާތް ރަޙްމަތްތެރިކަމާ އަދާކުރާ މެހުމާންދާރީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިންގެ ސަބަބުން އަދި މިހާރަށްވުރެ އިތުރު މީހުންނަށްވެސް ދިވެހިރާއްޖެ ތަޖުރިބާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަ ނިޞްބަތަށް އަލިއަޅުވާލައްވަމުން ނައިބު ރައީސް ވަނީ މިއަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ބައިލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމާ އަދި އެއީ ރިކޯޑް ޢަދަދެއްކަން ފާހަގަކުރައްވާފައެވެ. ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅައި އަޅާބަލާއިރު އެއީ 12.6 އިން ސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކޮވިޑުގެ ޢާލަމީ ވަބާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަނެވި ފަތުރުވެރިކަން ކުރިއެކޭ އެއްގޮތަށް އަލުން އިއާދަވުމުގައި، ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތައް އަދާކުރި މުހިންމު ދަޢުރު ފާހަގަކުރައްވާފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިނަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެއްގެ އިތުރުން ދުނިޔޭގެ އެތައްހާސް ބައެއްގެ ސަމާލުކަމަށް ރާއްޖެއަށް ލިބިގެންދާނެ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ. ބޭންކް އޮފް މޯލްޑިވްސްއާ އެމެރިކަން އެކްސްޕްރެސް ގުޅިގެން ކުރެވޭ މި އީޖާދީ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން، އެކި ގިންތިތަކަށް ވާޞިލުވެ، ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދެވޭނެކަން ޔަޤީން ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން 100 މިލިއަން މީހުންނާ ހަމައަށް ވާޞިލުވުމަށް އަމާޒުހިފައިގެން ކުރިޔަށް ގެންދާ މިކެންޕެއިން، އެދެވޭ މިންވަރެއްގެ ގިނަ ބަޔަކާ ހަމައަށް ވާޞިލުވާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ރިޒޯޓްތަކާއި ގެސްޓްހައުސްތަކާއި އަދި ގެސްޓްހޮޓާ ފަދަ ތަންތަން ހިމެނޭގޮތަށް، މިއަހަރު މި ކެމްޕެއިނުގައި ބައިވެރިވާ 40 ވިޔަފާރިއަކަށް މި ކެމްޕެއިނާއި އެކު ފަހިވެގެންދާނެ މުހިންމު ފުރުޞަތުތަކަށްވެސް އަލިއަޅުވާލެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *