Support Us

ނޫސްވެރިންގެ އެންމެ މަތިވެރި ޒިންމާއަކީ ކޮންމެ ޙާލަތެއްގައި ވެސް އިތުބާރު ހުރި ތެދު މަޢުލޫމާތު ފެތުރުން: ރައީސް

ނޫސްވެރިންގެ އެންމެ މަތިވެރި ޒިންމާއަކީ، ކޮންމެ ޙާލަތެއްގައި ވެސް އިތުބާރު ހުރި ތެދު މަޢުލޫމާތު ފެތުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ނޫސްވެރިންނަށާއި ނޫސްވެރިންގެ ޢާއިލާތަކަށް، އަދި ނޫސް އިދާރާތަކުގެ ވެރިންނާއި މުވައްޒަފުންނަށް، ފޮނުއްވާފައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ހުރިހާ ނޫސްވެރިންގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާފައިވެއެވެ. ހަމަ އެހެންމެ، ފަރުދުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް، އެ މުޖްތަމަޢެއްގައި ދިރިއުޅޭ އެންމެންގެ އިންސާނީ އަސާސީ ޙައްޤުތައް ޙިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރުމަކީ ނޫސްވެރިންގެ އިސް ވާޖިބަކަށް ވާޖެހޭކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ރާއްޖެއަށް ޑިމޮކްރެސީގައި ހޯދިފައިވާ ކުރިއެރުންތަކުގެ މައިގަނޑު އެއް އަޞްލަކީ، މައުލޫމާތު ފެތުރުމުގެ ދާއިރާއިން، ދިވެހި ނޫސްވެރިން ކުރި މިންނެތް މަސައްކަތްކަން ފާހަގަކުރައްވައި މުޖުތަމަޢުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލެއްވިއެވެ. އަދި އެމަނިކުފާނު ވަނީ ދިވެހި ނޫސްވެރިކަމުގައި ހޯދިފައިވާ ތަޖުރިބާތަކުގެ އަލީގައި ނޫސްވެރިކަމުގެ ކުރިމަގު އެއަށް ވުރެ އުޖާލާ ކުރުމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

ދިވެހި ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ މިނިވަންކަމުގައި ދެމެހެއްޓުމަށް، ސަރުކާރުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށާއި އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުވެސް، ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުން އަބަދުވެސް ކަށަވަރު ކޮށްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް