Support Us

ކޮލަމް ކޯދު: އަހަރުމެން އެދޭ ފަތިހުގެ އިރު އަދި އަރާނެއެވެ!

މިއީ "ވޯ ސުބަހް ކަބީތޯ އާއޭގީ" މިލަވައިގެ ދިވެހި ތަރުޖަމާއެކެވެ. އިންޑިއާގައި 1958 ގައި ނިކުތް "ޕިހރް ސުބަހް ހޯގީ" (އަދި ފަތިސް އަންނާނެއެވެ)، މި ފިލްމުގެ ލަވައެކެވެ. މި ލަވައަކީ މަޝްހޫރު އުރުދޫ ޝާއިރު، ސާހިރު ލުދިއާންވީ، ހަމަ މި ސުރުޚީގެ ދަށުގައި ލިއުއްވާފައިވާ ޅެމަކުން ނެގި އެކުލަވާލެވިފައިވާ ލަވައެކެވެ.

މި ޅެމުގައި ޝާއިރު ފާޅުކުރައްވާފައިވަނީ އޭނާގެ ގައުމުގެ އުދަރެހުން މުޅީން އާފަތިހެއްގެ އިރެއް އެރުމުގެ އެދުމެއްގެ ވާހަކައެވެ. އަމިއްލަ ގައުމަށް ހެޔޮ ބަދަލުތަކެއް އައުމަށް ކުރެވޭ އުއްމީދެއްގެ ވާހަކައެވެ. ތަނަވަސް، އުފާފާގަތި ދިރިއުޅުމެއް، ގައުމުގެ އެންމެން ހިއްސާކުރާނޭ ދުވަހެއް އަންނާނޭކަމުގެ ވާހަކައެވެ.

މި އާ ފަތިހުގެ އިރު އެރުމަށް އޮތް ހުރަސްތަކުގެ ވާހަކަ، ޅެމުގައި، ޝާއިރު ބަޔާންކުރައްވައެވެ. އޭގެ ތެރޭގައި މުޖުތަމައުގައި ފެތުރި އަށަގެންފައިވާ ބައެއް ނުރަނގަޅު ކަންތައްތައް ހިމެނެއެވެ. އިންސާނުންނަށް އިހުތިރާމާއި ގަދަރުކުރުން ބިނާވެފައި އޮންނަނީ، ހަމައެކަނި، އެމީހުންގެ އަތުގައިވާ މުދަލާއި ފައިސާގެ ބަރުދަނުގެ މައްޗަށް ބަލައިގެންކަމަށް ވުމެވެ. އެއްބަޔަކު ފައިސާގެ ތަނަވަސްކަމުގެ ތެރޭގައި އުދުހޭއިރު، އަނެއްބަޔަކު ވަޒީފާއެއް ނެތި ބަނޑުހައި ހޫނުކަންމަތީ، އެމީހުންގެ ހަޔާތް ވޭތުކޮށްލަން ޖެހިފައިވާކަމެވެ. އެންމެ ކުޑަވެގެން، ފަރުދީ މީސްތަކުންނަށް އެމީހުންގެ އަސާސީ ބޭނުންތައް ފުއްދޭނޭ ގޮތްވެސް ނެތިފައިވާކަމެވެ. ބަނޑުފުރާނަމުއްތިކުރުމާއި، އުނުފޭރާން ހޯދުމާއި، ބޯ ހިޔާކުރުން ފަދަ އަސާސީ ބޭނުންތަކެވެ. އަންހެނުން، އެމީހުންގެ އިއްފަތް ވިއްކާލަން، މަޖުބޫރުކުރުވާ ހާލަތްތައް މުޖުތަމައުގައި އޮތްކަމެވެ. ތިމާގެކަމާއި ރަހުމަތްތެރިކަމުގެ ގުޅުންތައް ކަނޑައި، ތިމާގެ އަމިއްލަ ޒަމީރު އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަކަށް ވިއްކައި، ފަސާދައިގެ ސަގާފަތެއް، މުޖުތަމައުގައި ފެތުރި އަށަގެންފައިވާކަމެވެ.

ޝާއިރު ދެކިލައްވާ ގޮތުގައި އޭނޭ ދެކިލައްވާ އާ ފަތިހުގެ އިރުއަރާނީ، މުޖުތަމާއިން މިފަދަ ނުރަގަނޅު ކަންތައްތައް ނެތިކޮށްލެވިގެންނެވެ. އޭނާ ވިދާޅުވާ ގޮތުގައި މިފަދަ ކަންކަމީ، މުޅި މުޖުތަމައު، އެކަންކަމާ މެދު ލަދުގަނެ، އިސްޖަހަންޖެހޭނެ ކަންކަމެވެ. އާދެ، މުޅި މުޖުތަމުއު ހަށިފޮޅާލައި، އެކަންކަމުން ވީއްލިގަންނަންޖެހޭނެ ކަންކަމެވެ. މުޖުތަމުގެ އަފުރާދުން އެކަންކަމާއި ފޭވެ، ދުރަށް ދާންޖެހޭނެ ކަންކަމެވެ. އަދި މީގެ އިތުރުން ކުރެވެން ޖެހޭނެ ބައެއް އެހެން ކަންކަންވެސް ޝާއިރު ފާހަގަކުރައްވައެވެ. ކުށެއްނެތި ހައްޔަރުކުރެވިފައިވާ ގައިދީން ޖަލުތަކުން ދޫކޮށްލެވުމެވެ. ސަރުކާރުތައް ހިންގާލުމަށްޓަކައި އިދިކޮޅު މީހުން ބަންދުކޮށްފައި ބައިތިއްބާނޭ ޖަލުތަކުގެ ބޭނުން ނެތި ދިއުންފަދަ ކަންކަމެވެ.

އޭނާ ދެކެވަޑައިގަންނަވާ ފަތިސް ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަންވެސް ޝާއިރު ބަޔާންކުރައްވައެވެ. ގައުމު، މިހާރު، ދަތުރުކުރަމުންދާ ރާސްތާ ބަދަލުކޮށްލައި މުޅިން އާ ބިންގާއެއްގެ މަތީގައި ގައުމު ބިނާކުރުމުގެ މަސައްކަތެވެ. އާދެ، މީހުންގެ ވިސްނުމާއި ފިކުރު ބަދަލުކޮށް، އަޚުލާގީ އަގުތަކާއި ހަރުދަނާ އުސޫލުތަކެއް ކަނޑައެޅި ގާއިމުކުރުމުގެ މަސައްކަތެވެ. އާދެ، ހަގީގީ ތަރައްގީއަކީ އޭގެ އަމާޒަކީ މުޅި ގައުމުގެ އަފުރާދުން ކަމުގައި ބެލެވިގެން ކުރެވޭ ތަރައްގީއެވެ. އާންމު އަފުރާދުންގެ އެންމެނަށް ފަސޭހަ ދިރުއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ކުރެވޭ ތަރައްގީއެވެ.

ޝާއިރު ފާހަގަކުރައްވާ ގޮތުގައި، އެތައް ޒަމާންތަކެއްވަންދެން މިމަސައްކަތުގައި އުޅެ، ބައެއް މީސްމީހުންވަނީ، މި ނަންގަތް ކަހަލަ ތަރައްގީއެއް ގެނައުމުގެ މަސައްކަތުގައި އެމީހުންގެ ހަޔާތް ގުރުބާންކޮށްލާފައެވެ. ޝާއިރުގެ ވާހަކަކޮޅު ނިންމާލައްވަނީ، އޭނާ ދެކެވަޑައިގަންނަވާ މި އާ ފަތިސް ގެނެވޭނީ، އާދެ، ގައުމުގެ ހުރިހާ ފަރުދުންނަށް ތަނަވަސްކަމާއި އުފާފާގަތިކަން ލިބިދޭނޭ ފަތިސް، ގެނެވޭނީ، މި މަސައްކަތް ހުއްޓުނަނުދީ ކުރިއަށް ގެންދެވިގެންކަން ފާހަގަކުރައްވަމުންނެވެ.

 

ލަވައިގެ ތަރުޖަމާ

(އެއްވެސް ޝައްކެތް ނެތެވެ،އަހަރުމެން މިއެދޭ) ފަތިހުގެއިރު، ކޮންމެވެސް ދުވަހަކުން، އަދި އަރާނެއެވެ.

(މިވޭތު ކުރަމުންދާ) އަނދިރި ޒަމާންތަކުގެ އަޑީގައިވާ ރޭގަނޑުގެ (ކަޅު އަނދިރި) ފަރުދާތައް ނެތިކޮށްލެވުމުންނެވެ.

(އަދި) ހިތާމައިގެ (ބޯ) ވިލާތައް ވިރި ނެތިދިޔުމުންނެވެ.

އުފާވެރިކަމުގެ ތަށި ފުރި އުތުރިއަރައި (އެންމެނަށް އެތަށިން ބޮވި، އެންމެނަށް ވެސް އުފާވެރިކަން ހިއްސާކުރެވި) ދިޔުމުންނެވެ.

ބަނޑިބަނޑިލައްވަމުން، (އުފާވެރި ކަމުގެ) ހަމަޔަކަށް އުޑުތައް (ވެސް) ނަށަން ފެށުމުންނެވެ.

އަދި (މުޅި)ދުނިޔެ(ވެސް) ރީތިރާގުތަކަށް ލަވަކިޔައި (އުފާފާޅުކޮށް އުޅޭން) ފެށުމުންނެވެ.

(އެއްވެސް ޝައްކެތް ނެތެވެ،) މިފަތިހުގެ އިރު ކޮންމެވެސް ދުވަހުކުން އަދި އަރާނެއެވެ.

(މިކަންކަން ހަގީގަތަކަށްވެ، އަހަރުމެން އެދޭ) ފަތިހުގެ އިރު، ކޮންމެވެސް ދުވަހުކުން، އަދި އަރާނެއެވެ.

އެފަތިހެއްގެ އިންތިޒާރުގައި އެތައްއެތައް ޒަމާންތަކެއް ސުރެން، އަހަރުމެން އެންމެން މިދަނީ މަރުގެ (ރަހަ ލިބެމުންދާ) ހަޔާތެއް ބަރުދާސްތުކޮށް، އެތައް ގުރުބާންތަކެއް ވަމުންނެވެ.

ނުހަނު ހިތްގައިމު (މިޔުޒިކީ) ރާގުތައް ކުޅެ، (އަހަރުމެން އެންމެންގެ ހިތްތަކަށް ފިނިކަން ގެނެސްދޭނޭ) މިފަތިހަށްޓަކައި، އަހަރުމެން އެތައް އެތައް ޒަހަރުތައްޓެއް ބޮއިފީމުއެވެ.

ބަނޑުހައިވެ، ކަރުހިއްކައިގެންފައިވާ މިތިބި ފުރާނަތަކުގެ މައްޗަށް ކޮންމެވެސް ދުވަހަކުން ހެޔޮ ރަހުމަތެއް ލައްވާނެތެވެ.

ޝައްކެއްނެތް ގޮތުގައި، (އަހަރުމެން އެދޭ) މިފަތިހުގެ އިރު (ކޮންމެވެސް ދުވަހަކުން) އަދި އަރާނެއެވެ.

އަހަރެން ގަބޫލުކުރަމެވެ، މިއަދު، ކަލާގެއާ އަދި އަހަރެންގެވެސް ހުވަފެންތަކާއި އުއްމީދުތަކުގެ އެއްވެސް އަގެއްނެތެވެ.

މިދުނިޔެއަށް، ފަހަރެއްގައި އަގެއް ދެވިފައިވީ ނަމަވެސް އިންސާނުންނަކަށް އެއްވެސް އަގެއް ދެވިފައެއް ނެތެވެ.

އިންސާނާނުންނަށް ގަދަރުދީ އިހުތިރާމު ކުރެވެނީ، (އެމީހުން) ނުހައްގު ގޮތުގައި ހޯދައިފައިވާ ފައިސާ ފޮތީގެ ބަރުދަނުގެ މައްޗަށްކަމަށް ނުބެލޭގޮތްވުމުން، (ދެން)، ޝައްކެތް ނެތްގޮތުގައި، (އަހަރުމެން މިއެދޭ) ފަތިހުގެ އިރު އަރާނެއެވެ.

އަންހެނާގެ އިއްފަތްތެރިކަން މުދަލާ ފައިސާއަށްޓަކައި ވިއްކައިއުޅުން ނެތިދިޔުމުންނެވެ. (ދޭދޭ) ލޯތްބާއި (ގުޅުންތައް) ފައިތިލަދަށުލައި ޗިސްކޮށް، (އިންސާނާގެ) ޒަމީރު ވިއްކައިއުޅުން ހުއްޓުމުންނެވެ.

(ކުރެވިދާ) އަމިއްލަ ހަޑި މުޑުދާރު ކުށްތަކާއި ފާފަތައް މަތީން ހަނދާންވެ، އެކަމާ ލަދުގަނެ، ދުނިޔެ އިސް ޖަހައި އުޅޭންފެށުމުންނެވެ.

(މިހެންވުމުން)، ޝައްކެތް ނެތްގޮތުގައި، (އަހަރުމެން މިއެދޭ) ފަތިހުގެ އިރު އަރާނެއެވެ.

އެންމެފަހުން، ކޮންމެވެސް ދުވަހަކުން، މި(ހިތްދަތި) ދުވަސްތަކަށް ނިމުމެއް އަންނާނެއެވެ.

ބަނޑުހައި ހޫނުކަމާއި އަދި (އެކަމާ މަދު) ކުރާނޭކަމެއް ނެތި، މަސައްކަތެއް ނުލިބިފައި ހުންނަންޖެހޭ، ބޭކާރީއެއްގެ ދުވަސްތަކެވެ.

ކޮންމެވެސް ދުވަހަކުން ހަގީގަތެއްނެތް މިބުދުތައް މުގުރި ހަލާކުވާނެއެވެ. ފައިސާގެ އިހުތިކާރީ ބާރުގެ (ހަމައެކަނި ފައިސައަށް ދެވިފައިވާ ނުފޫޒާއި ބާރުގެ) ބުދުތަކެވެ.

މުޅީންއާ ނުހަނު ހިތްގައިމު ދުނިޔެއެއްގެ ބިންގާއެޅި، (އެދުނިޔެ) ބިނާ ކުރެވުމުންނެވެ.

(މިފަދަ ދުނިޔެއެއް ބިނާކުރެވޭނޭ) ފަތިހުގެއިރު ކޮންމެވެސް ދުވަހުކުން އަދި އަރާނެއެވެ.

(ފާފަތަކުން ތެމި ފޯވުމުން،) ހަށިފޮޅާލާފައި، ދުނިޔެ (މިހާރު ދަތުރު ކުރުމުންދާ މަގު) ބަދަލުކޮށްލުމުންނެވެ.

ހުރިހާ ގައިދީން، އެމީހުންގެ ގޮޅިތަކުން ސަލާމަތްވުމުންނެވެ.

ފާފައިގެ ކިއްލާތައް ގޮވައި ފުނޑުފުނޑުވުމުންނެވެ.

އަނިޔާވެރިކަމުގެ ކަސްތަޅުތައް މުގުރާލައި ކުދިކުދި ކޮށްލެވިގެންނެވެ.

މިދުނިޔޭގައި (ވެރިކަންކޮށް) ސަރުކާރުތައް ހިންގުމަށްޓަކައި ޖަލުތަކުގެ ބޭނުން ނުޖެހުމުންނެވެ.

(މިކަންކަން ހަގީގަތަކަށް ހަދައި އަހަރުމެން މިއެދޭ) ފަތިސް އަހަރުމެން ގެންނާނަމެވެ.

(މިކަންކަން ހަގީގަތަކަށްހަދައި އަހަރުމެން މިއެދޭ) ފަތިސް ގެނެވޭނީ ހަމަ އަހަރުމެންގެ އަމިއްލަ މަސައްކަތުންނެވެ.