Support Us

ކޮލަމް: ހަވާސް

މަނިކުބޭގެ ސިޔާސީ ވާހަކަ: "ފަހަރަކު ކަންބަޅިއެއް، ފަހަރަކު ކަންބަޅިއެއް"

ޖަރުމަނަށް ދިޔަ ފަހުން މަނިކުބެގެ ހަބަރެއް ނުވެއެވެ. ހީވަނީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައި ހުރީ ހެންނެވެ. އެހެން ނޫން ނަމަ މާހަފާލަން ވެސް ނޫނީ ތަރާވީހަކަށް ވެސް ހަބަރެއް ކޮށްލީހެވެ. ރޯދަ މަހު ވެސް ހަބަރެއް ނުވެ މިހާ ދުވަސްވެފައި ކުއްލިއަކަށް ގުޅާލީ ރޭގައެވެ. އެހެންވެ ހުޅުމާލެއަށް ގޮސް އޭނާއާއެކު ކޮފީއެއް ބޯލަން އިށީނީއެވެ.

މަނިކުބެ އަޅައިފައި އިން ރަން ކުލައިގެ ގަޑި ފެނުމާއެކު އެއީ ބަރލިން އިން ގެނައި އެއްޗެއްކަން ޔަގީންވިއެވެ. އަހަރެންގެ ލޮލުގައި އެ ގަޑި އަޅައިގަނޭތޯ އޭނާ ގޮތްގޮތަށް އަތް އަނބުރާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެން އެ ފެންނަ ކަމަކަށް ނުހަދަމެވެ. ސަބަބަކީ ގަޑީގެ ފޮނި ވާހަކަ ދައްކަން އޭނާ ފަށާނެތީއެވެ. އެކަމަކު މަނިކުބޭގެ މިޒާޖު ހުންނަ ގޮތުން އޭނާ އުފާވާނީ އޭނާ ހައްދާލި ވަރަކަށެވެ.

"ހާދަ މީރުވަސް ދުވާ ސެންޓެކޭ ތިއީ ދޯ؟ އެންމެ ފަހުން އެހެން ބުނެލައިފީމެވެ.

"ވަރަށް މީރުވަސް ދުވާ ދޯ؟ މީ ޖަރުމަނު ދަތުރުގައި ބާލިން ޑިއުޓީ ފްރީން ގަތް ސެންޓު ފުޅިއެއް. ވަރަަށް އަގުބޮޑުވާނެ. މި ގަޑިވެސް ވަރަށް އަގު ބޮޑު،" އެހެން ބުނެ މަނިކުބެ އަށް ކެތްނުވުގެން އެ ގަޑި ބާލައިފައި އަހަރެން އަތަށް ދީފިއެވެ. ބަލައިލާށެވެ.

"އާނ. ވަރަށް ރީތި. މުއްސަނދިން އަޅާޏީ އަގުބޮޑު އެއްޗިއްސެއްނު،" އަހަރެން ބުނެލީމެވެ. އެއާއެކު މަނިކުބެ ހެވިފައި، ގޮނޑިއަށް ރަނގަޅަށް ފެތިލިއެވެ.

މަނިކުބެ ކޮފީއެއް ބޯން އާންމުކޮށް ގޮވާލާނީ ސިޔާސީ މޮޅު ވާހަކައެއް ދައްކާށެވެ. ނަމަވެސް، ރޭގައި އޭނާ ބޮޑަށް ބޭނުންވީ ގަޑި ދައްކާލަށެވެ. ސިޔާސީ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް މަނިކުބެ ދައްކާ އެއްވެސް ވާހަކައަކީ ދުވަހަކު ދިމަލެއްވާ ވާހަކައެއް ނޫނެވެ. އެކަމަކު އޭނާ ވާހަކަތައް ދައްކާ ގޮތުން ހީވަނީ ހުރިހައި ކަމެއް ރާވަނީ ވެސް މީނާހެންނެވެ.

"ކޮބާ ކަންބަޅިތައް ކަތިލަނީ ދޯ؟ ފަހަރަކު ކަންބަޅިއެއް، ފަހަރަކު ކަންބަޅިއެއް އެބަ ދޭ ދޯ؟" މަނިކުބެ ބުނެލިއެވެ.

"މާ ލަސްވެސްވެއްޖެއެއްނު،" އަހަރެން ބުނެފީމެވެ.

"ކީއްވެ ތިހެން ތިބުނީ؟ ޕާޓީއަށްޓަކައި ހާދަ ގުރުބާނީއެއް ވީ ބަޔެކޭ އެއީ."

"އެ ދުވަހު ޕާޓީއަށްޓަކައި ގުރުބާންވީމާ، މިއަދު ޕާޓީ ފުނޑާލަން ވެސް ފުރުސަތު ދޭންވީ؟ އެހެނެއް ނުވާނުން. އެއަށްވުރެ މާ ވިސްނުން ތޫނު، ހިކުމަތްތެރި ލީޑަރެކޭ ސޯލިހަކީ."

"ރިއެކްޓް ކުރަންފެށީ ދޯ؟"

"ރިއެކްޓް ނުކުރިޔަސް ކަލޭމެނަށް ގޯސް. ރިއެކްޓްކުރަން ފެށިޔަސް ގޯސް. ކަލޭމެނަށް ހަމަޖަމެއްނުވޭ ހަމަ އެއްގޮތެއް ވެސް."

"ހަޖަމް ނުވަނީކީ ނޫން. ވަރަށް ބޭއިންސާފުން ކަންތައް އެ ކުރަނީ."

"ކޮބާތަ ބޭއިންސާފަކީ؟ ބޮޑު އަގުލަބިއްޔަތަކުން ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހޮވީމަ ވެސް ކަލޭމެން ތިޔަ އުޅެނީ އެކަމަކާ ލޮލަށް ނިދި ނައިސްގެން. ކަލޭމެން ބުނީ އެއީ ޑިމޮކްރަސީގެ އައްޕައޭވެސް. އެކަމަކު އައްޕައަކަށް މިފަހަރަކު ނޭނގުނު ދޯ މެޖޯރިޓީގެ ބަސް ގަބޫލްކުރާކަށް؟ މިއީ ޑިމޮކްރަސީ ނޫނީ ހުދުމުހުތާރުގެ ކަމެއް ނޫން. މިއީ ހަމަ އަމިއްލަ އެދުމުގެ މައްސަލައެއް. ތިމާއަށް ކަމެއް ބޭނުންވީމާ އެއީ ޑިމޮކްރަސީގެ ރީތި ނަމޫނާ، އަނެއް މީހާ އަށް ކަމެއް ލިބުނީމާ އެއީ ހުދުމުހުތާރުކަން. ތި ހުރިހާ ވައްތަރެއްގެ މީހުން އުޅޭނެކަން އެބަ އޮތޭ އަންގަވާފަ."

"ދެން ކާކުބާ ބޭރުކޮށްލާނީ؟"

"ތި އެންމެން ވެސް ބޭރުކުރަންވީ. ހަގީގަތުގައި ކޯލީޝަންތެރެއިން އައި އެންމެންވެސް ބޭރުކުރަންވީ. އެ މީހުން މިހާރު ކޮޅު ބަދަލުކޮށްލަނީ ވަޒީފާގެ ބޭނުމަށް އެކަނި. ބޮޑު މުސާރަ ކާލައިގެން ތިބުމުގެ ބޭނުމުގައި. އެހެން އެއްވެސް ބޭނުމަކު ނޫން. އެއީ ކޮންމެހެން ސޯލިހަކަށް ވަފާތެރިވެގެނެއް ނޫން. އަދި ސޭޓާ ނުރުހޭތީކީ ވެސް ނޫން. މުސާރަކޮޅަށް އެކަނި. އެ މީހުންނަކީ އަބަދުވެސް ފެން އޮތް ތަނަށް ދުވާ މީހުން. ކޮޅު ބަދަލުކުރަންޏާ މާ ކުރިން ވެސް އެކަން ކޮށް ނިމިފައި އޮންނަންވާނީ. މިހާރު ދެން ސޭޓު ކައިރިއަށް ގޮސްގެން ވެސް ވާނެ ކަމެއް ނެތީމާ މަގާމުގެ ބޭނުމުގައި ކޮޅު ބަދަލުކުރަން މަޖުބޫރުވެގެން އެންމެން އެ އުޅެނީ. ސޯލިހު ބަލިވިވާހެން ހީވާއިރަށް އަނެއްކާ ވެސް ސޭޓު ކައިރިޔަށް ދުވާނެ. މައްސަލަ އަކީ ސޯލިހަށް ވެސް ސޭޓަށް ވެސް މި މީހުންގެ ގޮތް ނޭނގޭތީ."

"ބަލަ ޕާޓީގެ މީހުން ބޭރުކުރާތީއޭ މައްސަލައަކީ."

"އެންމެ ރަނގަޅު. ސަރުކާރުގެ މުސާރަ ބޮޑު މަގާމުތަކުގައި ތިބި ޕާޓީގެ މީހުންގެ ތެރެއިން ފިކުރަށް ތާއީދުކުރާނީ އެންމެ ތިން މީހުންތަ؟ ބޭރުކުރި ތިން މީހުން ތި ފެންނަނީ. އެއީ ބިރު ފަހަނަޅައި ގޮސް، ފާޅުގައި ފިކުރު ދިރުވަމުން އައި މީހުން. ބަލަ ފިކުރަށް ތާއީދުކުރާ ކިތައް މީހުން މަކަރު ޖަހައިގެން އެތިބީ؟ މަގާމާއި މުސާރަ ކޮޅަށްޓަކައި. އަދިވެސް އެބައޮތެއްނު އަށެއްކަ މަސް. އެ މީހުންގެ ގޮތް ނުވެސް އެނގޭނެ. މުސާރަ ލިބޭހާ ހިނދަކު އެ މީހުން ތިބޭނީ އަތްޖަހަން."

"ތިޔައީ ތެދެއް. އެންމެ ތިން މީހުނެއް ނޫން ދޯ ފިކުރަކަށް ތާއީދުކުރާނީކީ. އެ ކަމަކު އަދި އެންމެ ތިން ކަންބަޅި ދޯ؟"

"އަދިވެސް ފެންމަތިވާނެ. އިއްޔެވެސް ފިކުރުގެ އާމޫނެއް ތިލަވެއްޖެ ދޯ މާމިގިލީ އެއާޕޯޓުން. އެކަން ވެސް އަދަކު ނޫނީ މާދަމައަކު ނިމޭނެ ކަމަށް ބަލާ."

"ބަލަން މިހުރީ. އެނގިދާނެތާ!"

"ސިޔާސީ ކަންތަކަށް ތިހާ މޮޅިއްޔާ މަނިކުބެ ނިކަން ބުނެބަލަ މި ވާގޮތެއް. ސޭޓު ކީއްވެގެންތަ އަމިއްލައަށް ކުރިމަތިލާން ނިންމައިގެން މި އުޅެނީ؟ ސޯލިހުގެ ފަހަތަށް އަރާނެކަމުގެ ވަރަށް ޔަގީންކަން ވެސް ސޭޓު ދެމުން އައީ."

"ބަލަ ސޭޓު ކައިރީގައި އެ ތިބީ ހާދަ "ތަޖުރިބާކާރު" ޓީމެކޭ. ހުސް އެޑްވައިޒަރުން އެތިބީ. ސޭޓަށް ހުރިހާ ހުވަފެނެއް ދައްކަނީ އެ މީހުން. ސޭޓުގެ ހިތް ހަގީގަތުގައި އޮތީ ސޯލިހާއެކު. އެހެން ނަމަވެސް އެޑްވައިޒަރުންގެ ޓީމުން ސޭޓު ކޮންޓްރޯލްކުރަނީ،" މަނިކުބެ ބުންޏެވެ.

"ކިހިނެއް ސޭޓު ކޮންޓްރޯލްކުރާނީ އެހާ ފަސޭހައިން؟"

"އެ މީހުން ހިސާބު ޖަހާފަ ދައްކައޭ ސޭޓު އެކަނި ނުކުތަސް ސޭޓަށް ލިބޭނެ ވޯޓުގެ އަދަދު. އެހެންވެ ސޭޓަށް މިހާރު ހީވަނީ ސޭޓަށް މި އިނދެވެނީ މުލީއާގޭތެރޭގައޭ. އެހެންވެ ސޭޓު ވެސް ގޮތް ދޫނުކޮށް އެ ހިފަހައްޓަނީ. ސޭޓުވެސް ރަނގަޅަށް ވިސްނާލީމާ އެނގޭނެ ސޯލިހު ފަހަތަށް އަރައިފިއްޔާ މާ ފަސޭހަވާނެކަން. މާ ރަނގަޅު ހުށަހެޅުންތައް ހުރިކަން. ފަޅުތަކާއި ރަށްތަކާއި ގިރިތައް ވެސް ލިބޭނެކަން."

"ދެން ކީއްވެހޭ ސޯލިހު ފަހަތަށް ސޭޓު ނާރަން އެ ހުންނަނީ؟" އަޅުގަނޑުގެ ސުވާލަށް ޖަވާބު ނުދީ މަނިކުބެ ބޭކާރު ވާހަކަ ދައްކާތީ އަނެއްކާ ވެސް އަހައިލީމެވެ.

"ސޭޓު އަމިއްލައަށް ނުކުތީމައެއްނު ސޭޓު ކެމްޕޭނުކުރަން ފަށާނީ. ސޭޓުގެ ކެމްޕޭނަށް ކިހާ ބޮޑު ބަޖެޓެއް އޮންނާނެތަ. އެ ބަޖެޓު ބަލަހައްޓައި ކެމްޕޭނު ކުރިއަށް ގެންދަން ތިބޭނީ އެ މީހުނެއްނު. ސޯލިހު ފަހަތަށް ސޭޓު އަރައިފިއްޔާ ސޭޓުގެ ކެމްޕޭން ބެޖެޓު ވަރަށް ކުޑަވާނެއެއްނުން. ސާފުވެއްޖެ؟"

"ތިއީ އަހަރެން ގަބޫލްކުރާނެ ވާހަކައެއް ނޫން. ސޭޓު ކައިރީގައި އެ ތިބީ ވަރަށް ފުދިފައި ތިބި ބައެއް. އެ މީހުން ހިޔެއްނުވޭ ކެމްޕޭނު ބަޖެޓަކާ ހެދި އުޅޭނެހެނެއް،" އަހަރެން އެހެން ބުނުމުން މަނިކުބެ ކުޑަކޮށް ހިތްހަމަނުޖެހުނެވެ. އޭނައާ ދެކޮޅަށް އެއްވެސް އެއްޗެއް ބުނާކަށް އޭނާ ގަބޫލެއް ނުވާނެއެވެ.

"ސޭޓު މިހާރު އޮތީ ފިކުރާއެކު ވެސް ޑީލް ނިމިފައި. ފިކުރުން ނެރޭނީ ރަނިންމޭޓެއް. އަދި ފަހުން ޕީ.ޕީ.އެމް ވެސް ސޭޓު ފަޅިއަށް އަރާނެ. އޭރުން ހިސާބު އަދަދުތައް ވަރަށް މަތިވާނެ،" މަނިކުބެ ބުންޏެވެ.

"ތިއީ ވުމަށްވުރެ ނުވުން ގާތް ކަމެއް. ސޯލިހާ ވާދަނުކުރެވޭނެ މީހަކު މިފަހަރު ހުރިހެނެއް ހިޔެއްނުވޭ."

"ޔާމީން ދޫކޮށްލަބަލަ ތިޔެއް އެނގޭނެ،" މަނިކުބެ ބުނެފިއެވެ.

"ޔާމީން ދުލެއް ނުކުރާނޭ. އިސްތިއުނާފުގެ މަރުހަލާ ވެސް ނުނިމޭނެ އެހާތާކަށް."

"ޔާމީންގެ ބަދަލުގައި ޕީ.ޕީ.އެމުން ނެރެފާނެ ކޮންމެ މީހަކުވެސް. ޔާމީން ސަލާމަތްކުރަން ބޭނުމިއްޔާ ޕީ.ޕީ.އެމް ވެސް ޖެހޭނީ ސޭޓު ފަޅިއަށް އަރަން،" މަނިކުބެ ބެނެލިއެވެ.

މަނިކުބެގެ ސަޅި ވާހަކައިގައި ޖެހިފައި އިންދާ މިހާރު ކެފޭ ވެސް ލައްޕަން ތައްޔާރުވެއްޖެއެވެ. ކޮފީގެ ބިލް އައުމުން ޓްރާންސްފަރ ނުކޮށް މި ފަހަރު މަނިކުބެ ނެގީ ވޮލެޓެވެ. ވޮލެޓް ހުޅުވާލިއިރު އޭގައި ހުރީ ހުސް ޑޮލަރެވެ.

"މިއީ ޖަރުމަނަށް ގެންގޮސްފަ ބާކީ،" މަނިކުބެ ބުނެލިއެވެ. އެހެންވެ ބިލް ދެއްކީ ވެސް ޑޮލަރުންނެވެ. މަނިކުބެގެ ފޮނިކަން ވެސް މި ހުންނަނީ މި ހިސާބުގައެވެ. ބުނާނީ ވެސް ފަހެ ކީކޭހެއްޔެވެ؟

"މި އަގުބޮޑު ގަޑި އަޅައިގެން ދޭބަލަ،" މޭޒުމަތީގައި އޮތް ރަންކުލައިގެ ގަޑި މަނިކުބެ އަތަށް ދީފައި ބުނެލީމެވެ.

"އަހާނ މަގޭ އަގުބޮޑު ގަޑި،" އެހެން ބުނެފައި އަވަސްއަވަހަށް ގަޑި އަޅައިގެން މަނިކުބެ ނައްޓާލިއެވެ.