Support Us

ބޮނޑިމަސްކާށި- އަސްކަރީ މާހެފުން

ބަރަކާތްތެރި ރަމަޟާންމަހަށް މަރުޙަބާ ކިޔުމަށް ޒަމާނުއްސުރެ ދިވެހީން ވަރަށް ބޮޑަށް ތައްޔާރުވެއެވެ. ދިވެހީންގެ މި އާދަކާދައާއި ސަޤާފަތުގެ ތެރެއިން ދިވެހި އަސްކަރިއްޔާގައި ވެސް ރޯދަމަހަށް ތައްޔާރުވުމުގައި ޒަމާނުއްސުރެ ދެމިގެން އައިސްފައިވާ އާދަކާދައަކާއި ސަޤާފަތެއް އޮވެއެވެ.

މީލާދީން 1892 ވަނަ އަހަރު ސިފައިން އުފެދުމުގެ ކުރީގައި ދިވެހި ލަޝްކަރަކަށް އޮތީ ބޮޑު ތަކުރުފާނު އުފެއްދެވި ހަނގުބޭކަލުންގެ މައްޗަށް އޮތް ސަލާމަތާއި ދިފާޢުގެ ލަޝްކަރެވެ. ސިފައިން އުފެދުމުގެ ކުރިން ވެސް އަސްކަރިއްޔާގައި ރޯދަމަހަށް މަރުޙަބާކިޔުމުގައި އޮންނަ އެއް ސަޤާފަތަކީ މާހެފުމެވެ. ބޮނޑިމަސްކާށްޓަކީ ހަނގުބޭކަލުންގެ މާހެފުމަށް ދީފައި އޮންނަ ނަމެކެވެ.

ރޯދައަށް ހަނދުބަލާ ރެއަކީ ކުރީ ޒަމާނުގައި ކުލަގަދަކޮށް ފާހަގަކުރާ ރެއެކެވެ. ހަނގުބޭކަލުންނަށް ތައްޔާރުކޮށްފައި ހުންނަ މާހެފުން ނުވަތަ ބޮނޑިމަސްކާށި އޮންނަނީ އެރެއެވެ. މި މާހެފުން އޮންނަނީ ރޯދަޔަށް ހަނދުބަލާރޭ ފައިންޕުޅު ހިފައި ނިމޭއިރަށް ދާލަ ބޮޑުއަށި ކައިރީގައެވެ. ފައިންފުޅުހިފުމަކީ ރަސްގެފާނު ފައިންޕުޅު ދައްކަން އިންނަވާއިރު ހަނގުބޭކަލުންނާއި ދެން ވެސް ފައިންޕުޅު ހިފަންޖެހޭ މީހުން ފައިންޕުޅުގައި އަތްލާފައި ތެދުވެ ކުރުނީސްކުރުމެވެ. މިއީ ކީރިތި މަހާރަދުން ރޯދަމަހަށް މަރުޙަބާ ވިދާޅުވުމަށް ބާއްވަވާ ޚާއްޞަ ބައްދަލުކުރެއްވުމެކެވެ. ހަނގުބޭކަލުން ކުރާ ކުރުނީސްކުރުމަކީ މި ޒަމާނުގެ ސިފައިން ސެލިއުޓްކުރުން ފަދަ އަސްކަރީ ސަޤާފަތުގައި އޮތްކަމެކެވެ. ރާއްޖޭގެ ރަސްރަސްކަލުންނަށް އެކި ދަރަޖަތަކުގެ ބޭފުޅުން އެކި ގޮތްގޮތަށް ކުރުނީސްކުރުން އޮވެއެވެ. އެއީ ރަދުންނަށް ސަލާމްކުރުމެވެ.

ހަނގުބޭކަލުންނަށް ތައްޔާރުކޮށްފައި ހުންނަ ބޮނޑިމަސްކާށީގައި ހުންނަނީ ބޮނޑިއާއި އާރޮހާއި މަހާއި ކާށްޓެވެ. ބޮނޑިމަސްކާށި މި ލަފުޒު އުފެދިގެން އައިސްފައިމިވަނީ އެ މާހެފުމުގައި ހުންނަ ކާތަކެތީގެ މައިގަނޑު ބާވަތްތަކުގެ ނަންތައް ހިމެނޭގޮތަށެވެ.

ދިވެހި އަސްކަރިއްޔާގެ ތެރޭގައި މާހެފުމަކީ އަބަދުވެސް އޮންނަ އާދައެކެވެ. އެކި ދުވަސްވަރު އެކިގޮތަށް އަދި އެކިވަރަށެވެ. އެންމެ ފުރަތަމަ ސިފައިންގެ އަދަދަކީ ވަރަށް މަދު އަދަދަކަށް ވީތީ އޭރު ހުރިހާ ސިފައިން އެކުގައި މާފެހުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. ނަމަވެސް ސިފައިން އިތުރުވެ، ވަރުތަކާއި ބައިތައް ނުވަތަ ސެކްޝަންތަކާއި ޔުނިޓުތައް އުފެދި އިތުރުވުމުން މާހެފުން ވެސް ބާއްވަމުން އައީ ޔުނިޓުތަކުގެ ފެންވަރުގައެވެ. އެގޮތުގައި ދުވަސްތަކެއް ދިއުމަށްފަހު މިހާރު އަނެއްކާ ވެސް އަސްކަރީ މާހެފުން ބާއްވަމުން އަންނަނީ ހުރިހާ ސިފައިން އެއްކޮންނެވެ.

އަސްކަރީ މާހެފުމުގެ މަފުހޫމަކީ ދިވެހީންގެ ފަޚުރުވެރި ސަޤާފަތެވެ. ދިވެހީންގެ ރީތި އާދަކާދައާއި ސަޤާފަތް ދައްކައިދިނުމެވެ. ދިވެހީންގެ ކުރީ ޒަމާނުގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ހުނަރުވެރި މަސައްކަތްތެރިކަމާއި ހިފާގެންގުޅުނު ގެވެހި ކަންވާރާއި ލައިއުޅު ހެނދުންތައް ދައްކައިދިނެވެ. ދިވެހީންގެ ކާބޯތަކެތީގެ ދިވެހިވަންތަ މީރު ރަހަތަކާއި ދިވެހި ސަޤާފީ ހުނަރުވެރި ކުޅިވަރުތައް ހުށަހަޅައިދިނުމެވެ. މި ކަންތައްތަކުގެ ތެރެއިން ސިފައިންނާއި ސިފައިންގެ ޢާއިލާތަކާއި އަސްކަރިއްޔާގެ އެންމެ މަތީ އިސްވާރުން އެއްތަނަކުން ބައްދަލުވެލައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމެވެ.

* މައުލޫމާތު: ޢަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *