Support Us

ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯހެއް ފުވައްމުލަކުގައި ފަށަނީ، ބައިވެރިވުން ހިލޭ

ޝަހީބު މީޑިއާ އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން އިންތިޒާމްކުރާ ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯހެއް އަންނަ ހަފުތާގައި ފުވައްމުލަކުގައި ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އާ ނޫސްވެރިން އުފައްދައި ތަމްރީނުކުރުމުގެ ގޮތުން "ޝަހީބު މީޑިއާ" އިން ކުރިއަށްގެންދާ "ކާމިޔާބު ނޫސްވެރިޔާ" ޕްރޮޖެކްޓުގެ ފުރަތަމަ ކޯހެވެ. މިގޮތުން "ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް" ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހިނގާ މާރިޗު މަހުގެ 9-13 އަށް (ހަވީރު 4-6 އަށް އަދި ރޭގަނޑު 7-9 އަށް) ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ "ކުރުދުމާ" މާލަމުގައެވެ.

މި ކޯހަކީ ކެރިއަރެއްގެ ގޮތުގައި ނޫސްވެރިކަން ކުރަން ބޭނުންވާ ޒުވާނުންނަށާއި ނޫސްވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހިންގާ ޕްރޮގްރާމެކެވެ. މި ކޯހުގެ އަމާޒަކީ އަތޮޅުތަކުގައި ތިބި ޒުވާނުން ވަޒީފާ ހޯދަން މާލެ ނައިސް، އަމިއްލަ ރަށުގައި ތިބެގެން ޚަބަރާއި މައުލޫމާތު ފެތުރުމަށް ނިއުސް ވެބްސައިޓް އުފައްދައި، ހިންގައި، ނޫސްވެރިކަމުން ނަފާ ހޯދުމާއެކު ވަޒީފާގެ ފުރުސަތުތައް އުފައްދައި ޒުވާނުން ބާރުވެރިކުރުވުމެވެ.

ކާމިޔާބުކަމާއެކު މި ކޯސް ކުރިއަށް ގެންދިއުމަށް ސްޓެލްކޯ އާއި އެސް.ޓީ.އޯގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ދޭ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން، މި ކޯހުގައި ބައިވެރިވުމަށް ދަރިވަރުން އަތުން ފީއެއް ނުނަގައެވެ. އެހެންކަމުން ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ވައިބަރ ނަންބަރު: 9934333 އަށް އައި.ޑީ ކާޑާއި ގުޅޭނެ ނަންބަރު ފޮނުވުމަށް ޝަހީބު މީޑިއާއިން އެދެއެވެ. މި ކޯހުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ މި މަހުގެ އަށެއް ވާ ބުދަ ދުވަހުގެ މެންދުރު 2:00 އެވެ.

"ފީ ދައްކައިގެން މި ފަދަ ކޯސްތަކުގައި ބައިވެރިވުމަކީ އަތޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ވެސް ވަރަށް އުނދަގޫ ކަމެއް ކަމުގައި އަޅުގަނޑުމެންނަށް ގަބޫލްކުރެވޭ. އެހެންވެ ދަރިވަރުން އަތުން ފީ ނުނަގައި މިފަދަ ކޯސްތައް މި ބޭއްވެނީ ރާއްޖޭގެ އެކިއެކި ވިޔަފާރި ކުންފުނިތަކާއި މުވައްސަސާތަކުން ދޭ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން. އެހެންވެ މި ފުރުސަތުގައި ވެސް ސްޓެލްކޯ އަށާއި އެސް.ޓީ.އޯގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން،" "ޝަހީބު މީޑިއާ"ގެ ރައީސް އަދި ސީއީއޯ މުހައްމަދު ޝަހީބު ވިދާޅުވިއެވެ. "މީގެ އިތުރު ކޯސްތައް ބޭއްވުމަށް އެހެން ރަށްރަށާއެކު ވެސް މަޝްވަރާ ކުރަމުން އެބަގެންދަން. އަޅުގަނޑުމެން އުންމީދު ކުރަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި އަހަރުތެރޭގައި އިތުރު ކޯސްތަކެއް ބޭއްވޭނެ ކަމަށް."

މި ކޯހުގައި ކިޔަވައިދެއްވާނީ ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ވަރަށް ތަޖުރިބާކާރު ދެ ބޭފުޅެކެވެ. އެއީ "ޝަހީބު މީޑިއާ"ގެ ރައީސް އަދި ސީއީއޯ މުހައްމަދު ޝަހީބުގެ އިތުރުން "ވަން އޮންލައިން"ގެ ސީއީއޯ އަދި އެޑިޓަރު ސިނާނު އަލީ އެވެ.

ޝަހީބު މީޑިއާއަކީ ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައިދީ ކުރިއަރުވައިދޭނެ ޒިންމާދާރު ނޫސްވެރީން ތަމްރީނުކުރުމާއި، ޒުވާނުންނަށް މީޑިއާގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި މީޑިއާ މެނޭޖުކުރުމާއި މީޑިއާ މާކެޓިން އަދި ޕްރޮމޯޝަނާ ގުޅޭ އެކިއެކި މަސައްކަތް ކުރުމުގެ މަގުސަދުގައި 2010 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ، ރާއްޖޭގެ ނޫސްވެރިކަމުގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވައިފައިވާ މުހައްމަދު ޝަހީބު ހިންގަވާ "މީޑިއާ ހައުސް" އެެކެވެ. ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ނޫސްވެރިން ތަމްރީނުކުރައްވައިފައި ވަނީ ވެސް ޝަހީބެވެ.

ޝަހީބު މީޑިއާއިން އިންތިޒާމްކުރި ނޫސްވެރިންގެ ތަމްރީނު ޕްރޮގްރާމްތައް 2010 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގައިފައެވެ. މިގޮތުން، މާލެ އާއި އައްޑޫގެ އިތުރުން ކުޅުދުއްފުށީގައި ވެސް ވަނީ ނޫސްވެރިކަމުގެ ތަފާތު ކޯސްތައް ހިންގައިފައެވެ.

"ކާމިޔާބު ނޫސްވެރިޔާ": ނޫސްވެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މުޅި ރާއްޖެއަށް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *