Support Us

ކޮލަމް މާޒީ: އުނގަންނައިދިނުން- ބާރު ގަދަ ދަންނެއް

ފޮޓޯތަކުން ތިޔަ ފެނިވަޑައިގަންނަވަނީ އުތުރުކަރައިގެ ކެރެލާ އިސްޓޭޓުގެ ކޮންމެ ވެސް ރަށެއްގެ އަންހެނެކެވެ. އެއް ދުވަސްވަރެއްގައި ވަރަށް މަޝްހޫރު ހިސާބު މުދައްރިސެކެވެ. ޒިންމާދާރު ކިލާސް ޓީޗަރެކެވެ. ކަންތައް ދިމާވި ގޮތުން އޭނާ ވަޒީފާއިން މުސްކުޅިވީ ދުވަހު މާ ގިނަ ފައިސާއެއް ރައްކާކުރެވިފައެއް ނެތެވެ. ވަޒީފާގައި އުޅުނު ދުވަސްވަރު އޭނާއަށް ލިބުނު ހުރިހާ އާމްދަނީއެއް ހޭދަކުރީ އޭނާގެ ދަރީންނަށެވެ. ދަރީންގެ އުފަލަށް ޓަކައެވެ. ފައިސާ ރައްކާ ކުރުމުގެ ވިސްނުމެއް އޭރަކު އޭނާގެ ނެތެވެ. އޭނާގެ ހުރިހާ އުފަލެއްކަމަށް ދުށީ އޭނާގެ ދަރީން އުފަލުގައި ބޭއިތިއްބުމެވެ. އޭރުން އޭނާ މުސްކުޅިވާ ދުވަހު އޭނާ އުފަލުގައި ލޯބިން ބަލައި ބަލަހައްޓާނޭކަމުގެ އުންމީދުގައެވެ.

ޝިޝްޔާ ޕަރަމްޕަރާ ކުރި އުންމީދުތައް ދިޔައީ ފެނަށެވެ. އޭނާ މުސްކުޅިވީ ދުވަހު ހުރިހާ ދަރީން އޭނާ ދޫކޮށްފައި ދިޔައީއެވެ. ދިޔަ ނުދިޔަ ތަނެއް ނޭނގެއެވެ. މުސްކުޅި މަންމައަކީ އަމިއްލަ ދިރިއުޅުމަށް ޓަކައި ބޮޑު ބުރައެއްކަމަށް ދުށީ ތޯއްޗެކެވެ. ކޮންމެއަކަސް އޭނާއަށް ކުރިމަތިވީ ގަބޫލުކުރާން އުނދަގޫ ދުވަސްވަރަކާއެވެ. އެއް ދުވަސްވަރެއްގައި ދަރިވަރުންގެ ލޯތްބާއި މަޤުބޫލުކަން ލިބުނު ޝިޝްޔާ ޕަރަމްޕަރާއަށް އޭނާގެ ބަނޑުފުރާނަ މުއްތިކުރުމަށް ޓަކައި ޖެހުނީ އެހެން މީހުންގެ އެހީއަށް އެދޭށެވެ. މީހުންނާ ދިމާއަށް ނާށިގަނޑު ދިއްކޮށް ސަލާންޖަހާށެވެ.

ކޮންމެއަކަސް އޭނާގެ ދުވަހީ މަސައްކަތަކަށް ހެދީ ރޭލުވޭ އިސްޓޭޝަންތަކުގެ ކައިރީގައި އިނދެ ސަލާން ޖަހާށެވެ. މި މަސައްކަތަކީ އެ ސަރަހައްދުގައި އާންމު ކަމަކަށްވާތީ އެއްޗެއް ދިއްކޮށްލަނީ ވެސް މަދު މީހެކެވެ. އެހީ ދޭން ބޭނުންވާ މީހުންނަށް ވެސް އެކަން ނުކުރެވެނީ އެ ކަމަށް އެއްޗެއް ދިއްކޮށްލައިފި ނަމަ، އެންމެން އައިސް އެހީއަށް އެދި ގަޔަށް އަރައިގެންފާނެކަމުގެ ބިރަށް ޓަކައި އެއްޗެއް ދިއްކޮށްލާން ނުކެރެނީއެވެ.

ދުވަސްތައް ވޭތުވަމުންދެއެވެ. ގުރޫ ޝިޝްޔާ ޕަރަމްޕަރާ އޭނާގެ ހިތްދަތި ނިކަމެތި މަސައްކަތުގައި ކުރިއަށް ދެއެވެ. އެއް ދުވަހަކު އޭނާ ރޭލުވޭ އިސްޓޭޝަނެއްގެ ކައިރީގައި ސަލާން ޖަހާން އިންދައި އޭނާގެ ކުރީގެ ދަރިވަރަކަށް ފެނުނެވެ. އެއީ އޭނާ ދަންނަ މޫނެއްކަމަށް އެ ދަރިވަރަށް ފާހަގަވިއެވެ. އެކަމަކު މާ ބޮޑަކަށް ސާފެއް ނުވިއެވެ. އެހެންކަމުން އެ ދަރިވަރު އޭނާ ގާތަށް ގޮސް ވާހަކަދައްކައިލިއެވެ. އެހިނދު އޭނާއަށް ފާހަގަ ކުރެވުނީ އެއީ އެ ދަރިވަރުގެ ކިލާސް ޓީޗަރުކަމެވެ. އޭނާ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހިގަތެވެ.

ޖަޒުބާތުގެ ވަގުތުކޮޅެއް ހޭދަވުމަށްފަހު، މުދައްރިސުގެ ހިތްދަތި ޙާލަތު އޮޅުންފިލުވައިދިނެވެ. އޭނާގެ ޙާލަތު އެނގުމުން އެ ދަރިވަރަށް އޭނާގެ ލޯބިވާ ހިސާބު މުދައްރިސް ދޫކޮށްލާކަށް ނުކެރުނެވެ. އެކުގައި ކިޔެވި ކިލާސްކުދީންނަށް ފޯނުން ގުޅައިގެން އެ ކުދީންގެ މުދައްރިސަށް ޖެހިފައިވާ ޙާލު އޮޅުންފިލުވައިދިނެވެ. އޭރު އެ ހުރިހާ ކުދީންނަކީ ވެސް ޒިންމާދާރު އެކި މަސްއޫލިއްޔަތު އަދާކުރާ އަދި އާމުދަނީ ލިބޭ ކުދީންނެވެ. އެހެންކަމުން ހުރިހާ "ކުދީން" ވެގެން އެ ކުދީންގެ މުދައްރިސަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން ނިންމިއެވެ. އަދި ހުރިހާ ދަރިވަރުންވެގެން އެކަށީގެންވާ ރަނގަޅު ތާނަކަށް ޝިޝްޔާ ޕަރަމްޕަރާ ގެންގޮސް އޭނާއަށް ތަންކޮޅެއް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް ހަމަޖައްސައިދިނެވެ.

ޝިޝްޔާ ޕަރަމްޕަރާގެ އުފަންދަރީން، އޭނާ ނުހަނު ލޯބީން ޚަރަދުކޮށް ބަލައި ބޮޑުކުރި ދަރީން، އޭނާ ދޫކޮށްލިޔަސް އޭނާގެ ކިބައިން ލޯތްބާއެކު އުނގެނުނު ދަރިވަރުން އޭނާ ދޫކޮށެއް ނުލިއެވެ. ޝިޝްޔާ ޕަރަމްޕަރާއަށް ވުނަކުރެވުނު އެންމެ ވަރުގަދަ ވުނައަކީ އިޚުލާޞްތެރިކަމާއި ލޯތްބާއެކު އޭނާ އުނގަންނައިދީ ހެޔޮ ދަރިވަރުންތަކެއް ބިނާކުރެވުނު ބިނާކުރެވުމެވެ. އޭނާއަށް ހޯދުނު އެންމެ ފުރިހަމަ ކާމިޔާބީއަކީ އެއީއެވެ. އުނގަންނައިދިނުމަކީ މުޤައްދަސް އަޅުކަމަކަށް ވާ ފަދައިން އެއީ އެތައް ބަޔެއްގެ ލޯތްބާއި އެހީތެރިކަން ލިބޭ މަތިވެރި ދަންނެއްކަން މި ހާދިސާއިން ވެސް ސާބިތުވެއެވެ.

(މަޢުލޫމާތު: ލިންކްޑްއިން)