Support Us

ކޮލަމް: ހަވާސް

ޝަހީބުގެ ކޮލަމް: ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު… އަވަސް ބަދަލެއް ބޭނުން!

ސިޔާސީ ޕާޓީއަކީ ސިޔާސީ މައިދާނުގަޔާއި ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވެ، ބައިވެރިވެއުޅުމަށާއި، ރައްޔިތުންގެ ވޯޓުން މީހަކު އިންތިޚާބުކުރުމަށް ޕާޓީގެ ނަމުގައި ކެންޑިޑޭޓުން ކުރިމަތިލެއްވުމަށާއި، އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށާއި އެ ކެންޑިޑޭޓުން ހޮވުމަށް މަސައްކަތް ކުރުމަށް ހިންގާ ޖަމާޢަތެއް ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ވަރަށް ސާފުކޮށް ބުނެފައި އޮވެއެވެ.

އެ ގާނޫނުގައިވާ ގޮތުން، ޕާޓީ ހިންގުމަށް ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުގެ 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ސިޔާސީ ޕާޓީތަކަށް ދޭންޖެހެ އެވެ. މި ފައިސާ އެ އަހަރެއްގެ މާޗު މަސް ނިމުމުގެ ކުރިން ދޫކުރަންޖެހެ އެވެ. އެ ގާނޫނުގައިވާ ގޮތުން، ދައުލަތުން ދޭ ފައިސާ ލިބޭނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. މިގޮތުން ޖުމްލަ 32.85 މިލިއަން ރުފިޔާ މިދިޔަ އަހަރު ހަތަރު ޕާޓީއަކަށް ވަނީ ދީފައެވެ. އެންމެ ބޮޑު އަދަދެއް ލިބުނީ އެމް.ޑީ.ޕީ އަށެވެ. ދެން، ޕީ.ޕީ.އެމް، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއަށެވެ.

ސިޔާސީ ޕާޓީއަކީ ސިޔާސީ މައިދާނުގަޔާއި ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވެ، ބައިވެރިވެއުޅުމަށް އުފައްދާ ޖަމާއަތަށް ވާންޖެހޭ ހިނދު، އަދި ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ކޮންމެ އަހަރަކު އެތައް މިލިއަނަކުން ހަރަދުކުރާއިރު، އެ ހުރިހައި ޕާޓީތަކަކީ ހަގީގަތުގައިވެސް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ޕާޓީތަކެއްތޯ ބަލަންޖެހެއެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ހޯދުމަށްޓަކައި، މަޖިލީހުން ބަޖެޓް ފާސްކުރަންވާއިރަށް 10 ހާސް މެމްބަރުން ހަމަކޮށްލައިގެން، ހަރުދަނާ ސިޔާސީ އެއްވެސް ހަރަކާތެއް ނުކޮށް އޮތީ ކިތައް ޕާޓީތޯ ވެސް ބަލައިލަންޖެހެއެވެ. އަދި މިލިއަނުން ފައިސާ ނަގައިގެން ކުރީ ސިޔާސީ ކޮން ކަމެއްތޯވެސް ބަލައިލަންޖެހެއެވެ. އަދި އެ ފައިސާތަކަށް ހެދި ގޮތެއް ވެސް އާންމުނަށް އެނގެންޖެހެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފުތަރަށް ބަލާއިރު ރާއްޖޭގައި 11 ސިޔާސީ ޕާޓީއެއް މިދިޔަ އަހަރުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައި އެބައޮތެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު 11 ޑިސެންބަރު 2022ގެ ނިޔަލަށް 11 ސިޔާސީ ޕާޓީގައި ޖުމްލަ 154،846 މެންބަރުން އެބަތިއްބެވެ.

އުމުރުން 18 އަހަރު ފުރި، އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 280،000 އަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން އެއްވެސް ސިޔާސީ ޕާޓީއެއްގައި ނުޅޭ 125 ހާހަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ 45 ޕަސަންޓެވެ. ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ދެންނެވޭނީ ސިޔާސީ ޕާޓީތަކުގެ ސިޔާސަތުތަކާ ހިތްހަމަނުޖެހޭތީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ނަން އޮންނަން ވެސް ބޭނުންނުވާ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށެވެ. އަދި އެއީ ފައިސާގެ ދަހިވެތިކަމުގައި ވެސް އައި.ޑީ ކާޑު ވިއްކާލަން ބޭނުންނުވާ މީހުން ކަމަށްވެސް ވެދާނެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން އެއްވެސް ޕާޓީއެއްގައި ތިން ހާސް މެމްބަރުން ހަމަނުވާނަމަ، އަދި މެމްބަރުން ހަމަކުރަން ދޭ ތިން މަސް ދުވަހުގެ ތެރޭގައި އެ ޢަދަދަށް ޕާޓީއަށް މެންބަރުން ހަމަވެފައި ނެތް ނަމަ އެ ޕާޓީއެއް އުވާލަން އިލެކްޝަންސް ކޮމިޝަނަށް މަޖުބޫރުވެއެވެ.

ރާއްޖޭގައި އޮތް ދެ ޕާޓީއެއްގައި ކިރިޔާ ތިން ހާސް މެމްބަރުން ހަމަވަނީއެވެ. އެއީ ޕީ.އެން،ސީ އާއި އެމް.އާރް.އެމް އެވެ. އެ އަދަދު ހަމުނުވާ ތިން ޕާޓީއެއް ވެސް އެބައޮތެވެ. އެއީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ) އެވެ. އެކަމަކު އެ ތިން ޕާޓީ އަދި އުވައެއްނުލައެވެ. ދިހަ ހާސް މެމްބަރުންނަށްވުރެ ގިނަކޮށް އުޅެނީ ހަ ޕާޓީއެއްގައެވެ. އެއީ އެމް.ޑީ.ޕީ، ޕީ.ޕީ.އެމް، ޖުމްހޫރީ ޕާޓީ، އެމް.ޑީ.އޭ، އެމް.އެން.ޕީ އަދި އަދާލަތު ޕާޓީ އެވެ.

ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، ރާއްޖޭގައި ބައެއް ސިޔާސީ ޕާޓީތައް މި ހިންގަނީ ހަމަ ނަމަކަށެވެ. އެތަނުން އެއް ބަޔަކު މަސައްކަތް ކުރަނީ 10،000 މެމްބަރުން ހަމަކޮށްގެން ދައުލަތުގެ ބަޖެޓުން ފައިސާ ނަގާށެވެ. އަނެއް ބަޔަކު، ޕާޓީ އުވާލަފާނެތީ، ތިން ހާސް މެމްބަރުން ހަމަކޮށްލައިގެން ނިދައިފައި ތިބެނީއެވެ. އެއީ ތިމަންނަ އަކީވެސް ޕާޓީއެއްގެ ރައީސެކޭ ބުނަންވެގެން ރަޖިސްޓްރީކޮށްފައި ހުންނަ ޕާޓީތަކެއް ފަދަ، ދިރުމެއް ނެތް ޕާޓީތަކެކެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނެގުމަށާއި އަދި ޕާޓީ އުވާނުލާ ބޭއްވުމުގެ ބޭނުމުގައި، ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު ޕާޓީތަކުގައި ރަޖިސްޓްރީކުރެއެވެ. ޕާޓީގައި ރަޖިސްޓްރީވުމަށް އެ މީހެއްގެ އައި.ޑީ ކާޑާއި ސޮޔާއި ފިންގަރޕްރިންޓް ހޯދަން ޖެހޭތީ ކޮންމެ ގޮތަކުން ނަމަވެސް އެ އަދަދު ހަމަކުރެއެވެ. ފައިސާގެ ނުފޫޒު އިންތިހާއަށް ބޭނުންކޮށްގެންނެވެ. ބައެއް މީހުންނަށް ނުވެސް އެނގި ތިއްބައެވެ.

ސަރުކާރު ހިންގަން ކޮންމެ ޕާޓީއެއް އޮތަސް، އެ ދައުރެއްގައި އަބަދުވެސް އެންމެ ގިނަ މެމްބަރުން ތިބޭތަން މި ފެންނަނީ ސަރުކާރު ހިންގާ ޕާޓީގައި ކަމަށްވުމަކީ ވަރަށް ބޮޑު އިއްތިފާގެކެވެ. ހިތާ ދެކޮޅަށް ނަމަވެސް އެ މީހެއްގެ އައި.ޑީ ކާޑު ދޫކޮށްލަނީ ވަޒީފާއާއި "އެހެނިހެން ފުރުސަތުތައް" ތަނަވަސްކުރުމަށްޓަކައި ކަމަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

ސިޔާސީ ޕާޓީއަކީ ސިޔާސީ މައިދާނުގަޔާއި ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވެ، ބައިވެރިވެ އުޅުމަށް އުފައްދާ ޖަމާއަތަކަށް ވީނަމަވެސް، ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގާތަން މި ފެންނަނީ މަދު ޕާޓީތަކެކެވެ. އެއީ އެންމެނަށްވެސް ފެންނަން އޮތް، ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެމް.ޑީ.ޕީ ސަރުކާރު 2018 ގައި ވެރިކަމަށް އައިފަހުން، ސިޔާސީ ކަންކަމުގައި އިސްކޮށް ޙަރަކާތްތެރިވެ، ބައިވެރިވެ އުޅޭތަން ފެންނަނީ އިދިކޮޅު ޕީ.ޕީ.އެމާއި ޕީ.އެން.ސީއެވެ. (އެއީ އެއްމާބަނޑު ދެ ޕާޓީއެވެ.) އެހެން ޕާޓީތަކުގެ މާބޮޑު ހަރަކާތެއް މިހާރު ނެތީ، އެމް.ޑީ.ޕީ ސަރުކާރުގެ ކޯލީޝަންގައި ހިމެނޭތީ ނުވަތަ ދަލުބޭރުންޖެހި، ކޯލީޝަނަށް ބައިއަތު ހިފައިގެން ތިބީމާ ކަމަށް ވެސް ވެދާނެއެވެ؛ ހަމައެކަނި ވަކި މީހަކަށް ލިބިދާނެ ސިޔާސީ މަންފާއަކަށްޓަކައެވެ.

ޕީ.ޕީ.އެމާއި ޕީ.އެން.ސީގެ އިތުރުން ސިޔާސީ ހަރަކާތް ހިންގާތަން އެންމެ ބޮޑަށް މި ފެންނަނީ އެމް.ޑީ.ޕީއެވެ. ދެން އެމް.އެން.ޕީ އާއި ޖުމްހޫރީ ޕާޓީ އެވެ. ޕާޓީ މެމްބަރުން އެއްވެލާ އުޅޭނެ އޮފީހެއް ނުވަތަ ހަރަކާތްތެރި ޖަގަހައެއް ހުންނަތަން ވެސް މި ފެންނަނީ މި ފަސް ޕާޓީގެއެވެ. ޖަގަހަ ޖަލްސާތައް ބާއްވަނީ ވެސް އެ ޕާޓީތަކުންނެވެ. އެހެން ޕާޓީތައް އުޅޭކަން އެނގެނީ ދޭތެރެއަކުން ކޮށްލާ ޓްވީޓަކުން ނުވަތަ ނެރެލާ ނޫސްބަޔާނެއް ފެނުމުން އެކަންޏެވެ. ފަޅު ގެއެއްގައި ކޮންމެވެސް ޕާޓީއެއްގެ ޖަގަހައިގެ ނަންބޯޑެއް ބަހައްޓައިފައި ހުންނަތަން ވެސް ފެނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާޓީގެ ގުންވަންތަކަށް އުފައްދައި، މެމްބަރުން ހޮވައި، އާންމު ޖަލްސާ އާއި ގައުމީ ޖަލްސާ އާއި އާދަޔާހިލާފު ކޮންގްރެސްތައް ބާއްވާތަން މި ފެންނަނީ ވެސް ދެތިން ހަތަރު ޕާޓީއަކުންނެވެ.

ސުވާލަކީ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއްގައި، ރާއްޖޭގެ ސިޔާސީ ޕާޓީތައް މި ހިންގަނީ ހަމަ އެންމެ ރަނގަޅަށްތޯއެވެ؟ އަދި އެ ޕާޓީތަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދު މި ކުރަނީ ހަމަ ރަނގަޅަށްތޯއެވެ؟ މިއަށްވުރެ ރަނގަޅަށް، ހަރުދަނާކޮށް މިކަން ކުރެވިދާނެތޯއެވެ؟

ދެންވެސް ހުރީ ސުވާލުތަކެކެވެ. މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ލިބުނު ޕާޓީތަކުގެ ސިޔާސީ ކާމިޔާބާއި ހަގީގީ ބަރުދަނަކީ ކޮބައިތޯއެވެ؟ ސިޔާސީ ޕާޓީތައް ވާދަކުރާ އިންތިހާބުތަކުގައި ވާދަކުރީ އޭގެން ކިތައް ޕާޓީތޯއެވެ؟ އަދި އެ އިންތިހާބުތަކުން އެ ޕާޓީތަކަށް ލިބުނީ ކިތައް ގޮނޑިތޯއެވެ؟

ޝައްކެއް ނެތް ގޮތުގައި ސިޔާސީ ޕާޓީތަކުގެ ހަގީގީ ކާމިޔާބާއި ބަރުދަން މިނަންޖެހޭނީ އިންތިހާބުތަކުގައި ގޮނޑި ކާމިޔާބުކުރާ ނިސްބަތުގެ މައްޗަށެވެ. ކިތަންމެ ގިނަ މެމްބަރުންތަކެއް (ބައެއް މީހުންނަށް ނުވެސް އެނގި ތިއްބާ ވަގަށް) ދަފުތަރުކޮށްގެން ތިއްބަސް، އިންތިހާބުތަކުގައި ގޮނޑިއެއް ނުލިބޭ ނަމަ، އެ ޕާޓީއެއްގެ އެއްވެސް ބަރުދަނެއް ނެތެވެ. އަދި މެމްބަރުންގެ ބޭނުމެއް ވެސް ނެތެވެ. އޭގެން ދައްކުވައިދެނީ މެމްބަރުންނާ ޕާޓީއާ އެއްވެސް ގުޅުމެއް ނެތް ކަމެވެ. ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، މެމްބަރުންގެ އެ އަދަދުތަކުން ފެންނަ ހަމައެކަނި އެއްޗަކީ ފައިސާގެ ނުފޫޒެވެ. މަކަރާއި ހީލަތެވެ.

ސިޔާސީ ޕާޓީތައް ވާދަކުރާ ތަފާތު އަށް އިންތިހާބެއް ރާއްޖޭގައި ބާއްވައެވެ. (މީގެ ތެރެއިން ހަ އިންތިހާބެއް ބާއްވަނީ ކައުންސިލް އިންތިހާބުގެ ތެރޭގައެވެ.)

ސިޔާސީ މައިދާނުގަޔާއި ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވެ، ބައިވެރިވެ އުޅުމަށް އުފައްދާ ޕާޓީތަކުގެ އެންމެ އިސް ވާޖިބަކަށް ވާންވާނީ މި އިންތިހާބުތަކުގައި ވާދަކޮށް، ގޮނޑިތައް ހޯދައި، ޕާޓީގެ ފަންވަރު ދެއްކުން ކަމަށް ވާއިރު، މީގެން އެއްވެސް އިންތިހާބެއްގައި ވާދަނުކޮށް، އަދި ގޮނޑިއެއް ނުލިބޭ ނަމަ، އެއީ ސިޔާސީ ޕާޓީއެއްގެ ދަފުތަރުގައި އޮންނަންވެސް ލަދުގަންނަންޖެހޭ ވަރުގެ ކަމެއް ކަމުގައި، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ނިކަން ފަސޭހައިން ގަބޫލްކުރެވެއެވެ.

ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖުލިސްގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމް.ޑީ.ޕީއެވެ. ދެން ޕީ.ޕީ.އެމެވެ.

އަދި 2020 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައިވެސް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އެމް.ޑީ.ޕީއެވެ. ދެން ޕީ.ޕީ.އެމެވެ. ތިން ވަނައަށް އުޅެނީ އަމިއްލަ ކެންޑިޑޭޓުންނެވެ.

ސަރުކާރު ހިންގާ އެމް.ޑީ.ޕީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ބަރުދަނަށް ބަލާއިރު، އެންމެ ބާރު ގަދަ ޕާޓީގެ ގޮތުގައި އެމް.ޑީ.ޕީ އޮތީ މަޖުލިސް އިންތިހާބާއި ކައުންސިލް އިންތިހާބުގެ މެޖޯރިޓީ، ބޮޑު ތަފާތުން ނަގައިގެންނެވެ. ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގައި މިހާރު ހުރީ މަޖިލިސްގެ ތިން ގޮނޑިއާއި ކައުންސިލްތަކުގެ 26 ގޮނޑިއެވެ. (ޖޭ.ޕީގެ މަޖިލިސްގެ ދެ މެމްބަރަކު، އެމް.އެން.ޕީއަށް ވަނީ ބަދަލުވެފައެވެ.) އިމްރާނުގެ އަދާލަތަށް މަޖުލިސްގެ އެއްވެސް ގޮނޑިއެއް ނުލިބެއެވެ. ކައުންސިލްތަކުން ވެސް ލިބުނީ 13 ގޮނޑިއެވެ. ރަން 30 އަހަރުގެ ބާނީ ރައީސް މައުމޫނުގެ އެމް.އާރް.އެމް އަށް މަޖުލީހުން އެއްވެސް ގޮނޑިއެއް ނުލިބެއެވެ. ކައުންސިލްތަކުގެ އިންތިހާބުގެ ޖުމްލަ 1،912 ގޮނޑިން ވެސް ލިބުނީ ހަމަ އެންމެ ގޮނޑިއެކެވެ. އެއީ ގަލޮޅު ހުޅަނގު ދާއިރާގެ އަންހެނުންގެ ކޮމިޓީގެ ގޮނޑިއެވެ. އެކަމަކު ކޯލީޝަނުން އެމް.ޑީ.ޕީ އަށް ލިބިފައި އޮތީ 40 ޕަސަންޓް ކަމަށް ވެއެވެ. އަނެއް 60 ޕަސަންޓް ބަހައިލައިފައި ވަނީ އަނެއް ތިން ޕާޓީއަށެވެ. ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ނައިބު މިނިސްޓަރުންނާއި އެގްޒެކެޓިވް ޑިރެކްޓަރުންގެ އިތުރުން ކުންފުނިތަކުން ވެސް އެ ޕާޓީތަކަށް ވަނީ 60 ޕަސަންޓް ދީފައެވެ. (މައުމޫންގެ ޕާޓީއަކީ ކިރިޔާ ތިން ހާސް މެމްބަރުން ހަމަވާ ޕާޓީއެކެވެ.)

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި އިދާރާއަކީ، ގާނޫނު ބުނާގޮތުން، އިލެކްޝަންސް ކޮމިޝަނެވެ. އެތަނުގެ މައިގަނޑު މޭންޑޭޓަކީ އިންތިހާބުތައް ބައްވައިދިނުމާއި އިންތިހާބުތަކުގެ އިންސާފާއި މިނވަންކަން ކަށަވަރުކުރުމާއި ސިޔާސީ ޕާޓީތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމެވެ. ނަމަވެސް ބެލެނިވެރި އިދާރާއަކުން ކުރަންޖެހޭ ރެގިއުލޭޓަރީ މަސައްކަތްތަކަށްވުރެ ބޮޑަށް އިލެކްޝަންސް ކޮމިޝަނުން ކުރާތަން ފެންނަނީ ޕާޓީތަކުގެ އިދާރީ މަސައްކަތްތަކެކެވެ. ޕާޓީތަކުގެ ދަފުތަރު ބެލެހެއްޓުން ފަދަ ބޭކާރު މަސައްކަތްތަކެވެ. އެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މައިގަނޑު ސަބަބަކީ މެމްބަރުންގެ ނިސްބަތުން ފައިސާ ބަހަންޖެހޭތީ ތިން ހާސް މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލެވޭ އުސޫލް އޮންނާތީ ކަމަށް ވެދާނެއެވެ. އެކަމަކު ޕާޓީތަކުގެ މެމްބަރުންގެ ސޮއި ދިމާވޭތޯ އާއި އިނގިލީގެ ނިޝާން ދިމާވޭތޯ ފަދަ ކޫސަނި ކަންތައް އިލެކްޝަނުން ކޮމިޝަނުން ކުރަންޖެހުމުން، ހުރިހާ ބަދުނާމެއް ވަނީވެސް އިލެކްޝަންސް ކޮމިޝަނެވެ. މީހުން ނުވެސް ދެނެހުރެ ތިއްބާ އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުކުރުމުގެ ވަގު ބަދުނާމުވެސް އެޅިފައި އޮންނަނީ އިލެކްޝަންސް ކޮމިޝަނުގެ ބޮލުގައެވެ.

ޕާޓީގެ މެމްބަރުންގެ އަދަދަށް ބަލައި، ރައްޔިތުންގެ ޓެކްސް ފައިސާކޮޅު "ސިޔާސީ ޕާޓީ"ތަކަށް ބަހައިލުމުގެ ބަދަލުގައި، ޕާޓީގެ ސިޔާސީ ބަރުދަނުގެ މައްޗަށް ބަލައި ފައިސާ ދޭ އުސޫލެއް ގާއިމްކޮށްފި ނަމަ، ހުރިހައި ގޮތަކުން ބަލާއިރު ވެސް އެކަމުގެ ފައިދާ އެންމެނަށް ލިބޭނެކަން ކަށަވަރެވެ. މިގޮތުން އިންތިހާބުތައް ގިންތިކޮށް، ކޮންމެ ގޮނޑިއަކަށް ވަކި އަދަދަކަށް ފައިސާ ދޭގޮތަށް ގާނޫނުތައް އިސްލާހުކޮށްފި ނަމަ، ސިޔާސީ ޕާޓީތަކުގެ ފެންވަރާއި ފަންވަރު ހާމަވެ، ސާބިތުވެގެންދާނެއެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭނެ މިސާލީ މިންގަނޑު

  1. ރައީސުލްޖުމްހޫރިއްޔާގެ ގޮނޑި އަށް: 5 މިލިއަން ރުފިޔާ
  2. ނައިބު ރައީސުލްޖުމްހޫރިއްޔާގެ ގޮނޑި އަށް: 3 މިލިއަން ރުފިޔާ
  3. ރައްޔިތުންގެ މަޖިލިސްގެ ގޮނޑިއަކަށް: 1 މިލިއަން ރުފިޔާ
  4. މޭޔަރުގެ ގޮނޑިއަކަށް: 5 ލައްކަ ރުފިޔާ
  5. އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑިއަކަށް: 3 ލައްކަ ރުފިޔާ
  6. ރަށު ކައުންސިލްގެ ރައީސްގެ ގޮނޑިއަކަށް: 2 ލައްކަ ރުފިޔާ
  7. ސިޓީ ކައުންސިލްގެ ގޮނޑިއަކަށް: 3 ލައްކަ ރުފިޔާ
  8. ރަށު ކައުންސިލްގެ ގޮނޑިއަކަށް: 1 ލައްކަ ރުފިޔާ
  9. އަންހެނުންގެ ކޮމިޓީގެ ގޮނޑިއަކަށް: 50 ހާސް ރުފިޔާ

(މިއީ ޚިޔާލީ އަދަދުތަކެކެވެ. ރަނގަޅަށް ހިސާބު ހެދުމަށްފަހު މަތީގައިވާ އަދަދުތައް ބަދަލުކުރަންޖެހޭނެއެވެ.)

މިފަދަ ގޮތަކަށް ބަދަލު ގެނެސްފި ނަމަ، ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް އެންމެ ބޮޑު އަމާޒަކަށް ވާނީ އިންތިހާބުތައް ކާމިޔާބުކުރުމެވެ. އޭރުން ތައުލީމީ، ގާބިލް އަދި ނުފޫޒު ގަދަ މެމްބަރުން ޕާޓީއަށް ވައްދައި، ހަރުދަނާ ސިޔާސަތުތަކެއް ވިއްކަން ޕާޓީތަކަށް މަޖުބޫރުވާނެއެވެ. އެއްވެސް ޕާޓީއަކަށް ނިދައިފައެއް ނޯވެވޭނެއެވެ. އަދި ނިދިން ހޭލެވޭ ފަހަރަކު ކޮށްލާ ޓްވީޓަކުން ވެސް އޭރަކުން ނުފުދޭނެއެވެ.

ޕާޓީގެ ބާރާއި ނުފޫޒު، އިންތިހާބުގެ ގޮނޑިތަކުން ފެންނަން ފެށުމުން، ކޯލީޝަންގެ ހާލަތެއްގައި ކޯލީޝަން ހަދާނީވެސް އެ ޕާޓީތަކާކަން ކަށަވަރެވެ. މިހާރު އޮންނަ ގޮތަށް، މެމްބަރުން ގިނަ ޕާޓީއެއްގެ ގޮތުގައި ދައްކައި، ކޯލީޝަން ހަދައި، ސަރުކާރުގެ ބޮޑު ހިއްސާއެއް އޭރަކުން ނުލިބޭނެއެވެ. އެއީ ކިތަންމެ ގިނަ ފައިސާތަކެއް ގެންގުޅޭ މީހެއްގެ ޕާޓީއަކަށް ވިޔަސް، އަދި ކިތަންމެ ނުފޫޒު ގަދަ މީހުން ތިބި ކަމަށް ދައުވާކުރާ ޕާޓީއަކަށް ވިޔަސް، ގިނަ ގޮނޑިތަކެއް ނުލިބޭ ނަމަ، އެ ވާނީ ހަމަ ސުމެއްގެ ޕާޓީއަކަށެވެ. ކޯލީޝަން ހަދާނެ ބަޔަކު ވެސް ނުވާނެއެވެ.

އަނެއްކާ ސިޔާސީ ޕާޓީތަކަށް ބަޖެޓު ދޭނެ މިންވަރު ވެސް އޭރުން އޮންނާނީ މާކުރިން ކަނޑައެޅި ނިމިފައެވެ. އިންތިހާބުތަކުގައި ވާދަކުރާނެ ގޮނޑީގެ އަދަދަށް ބަޖެޓުގައި ފައިސާ ހިމެނީމާ ނިމުނީއެވެ. ލިބޭ ގޮނޑީގެ ނިސްބަތުން ޕާޓީތަކަށް ފައިސާ ބަހާލުން ވާނީ ވަރަށް ފަސޭހަ ކަމަކަށެވެ. ކޮންމެހެން 0.01 ޕަސެންޓާއި 0.02 ޕަސެންޓެއް ބޭނުމެއްނުވާނެއެވެ.

މި ބަދަލާއެކު، ބޮޑު އެހެން ބަދަލެއްވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ޖެހެއެވެ. އެއީ ޕާޓީގެ ޓިކެޓުގައި އެއްވެސް އިންތިހާބެއްގައި ވާދަކޮށް، ގޮނޑި ކާމިޔާބުކުރުމަށްފަހު ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ، ގޮނޑިވެސް ގެއްލޭ ގޮތަށެވެ. އަމިއްލަ ގޮތުން ވާދަކޮށްގެން ހޮވޭ މެމްބަރަކު ވެސް އޭނާގެ ޝަހުސު އޮޅުވާލައިފި ނަމަ، ގޮނޑި ގެއްލެން ޖެހޭނެއެވެ. އޭރުން ޕާޓީގެ މެނިފެސްޓޯ އާއި ސިޔާސަތުތައް ހިންގަން ޕާޓީތަކަށް ވެސް ނުހަނު ފަސޭހަވާނެއެވެ. މެމްބަރުންނަށް ރައްޔިތުންނަކަށް ދޯކާއެއް ވެސް ނުދެވޭނެއެވެ. ރައްޔިތުން ލީ ވޯޓުގެ ބާރެއް ވެސް އޮންނާނެއެވެ. އަދި "ހަށިވިއްކާ" މެމްބަރުންނެއް ވެސް ނުތިބޭނެއެވެ. ގާނޫނު އަސާސީ ވެސް ބުނަނީ ވެރިކަމުގެ ބާރުތައް ފެށެނީ ވެސް އަދި ދެމިއޮންނާނީ ވެސް ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. (ޕާޓީގެ މެމްބަރުކަމުން ވަކިކުރުމާ ބެހޭ ހަރުދަނާ އުސޫލްތަކެއް ގާއިމްކުރަންޖެހޭނެއެވެ.)

މި އުސޫލް ތައާރަފުކުރުމުން، ޕާޓީތަކުގެ މެމްބަރުންގެ ދަފުތަރު ބަލަހައްޓާކަށް އިލެކްޝަންސް ކޮމިޝަނަކަށް ނުޖެހޭނެއެވެ. އެ ޕާޓީއެއްގެ ދަފުތަރު ބަލަހައްޓާނީ އެ ޕާޓީއަކުންނެވެ. ޕާޓީ ދަފުތަރު މުހިންމީ ވެސް ޕާޓީއަށް އެކަންޏެވެ. ޕާޓީގެ އެތެރޭގެ އިންތިހާބުތަކަށްޓަކައެވެ. އިލެކްޝަންސް ކޮމިޝަނުން ބަލާނީ، ދެ ޕާޓީއެއްގައި އެކަކު އޮވެގެން، ހުށަހަޅާ މައްސަލަތައް އެކަންޏެވެ. އެފަދަ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ، އެ މީހަކު ހާޒިރުކޮށް، އެ މީހަކު ބޭނުން ޕާޓީއެއްގައި އެ މީހަކު ހުރުމުގެ ފުރުސަތު ދިނީމާ ނިމުނީއެވެ. ކޮންމެ ޕާޓީއެއްގެ އެކްސްކޯގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނަށް ގަވައިދުން ފޮނުވީމާ ނިމުނީއެވެ. ރާއްޖޭގައި ހުރިހާ ކުޅިވަރު ކްލަބުތަކުގެ ދަފުތަރެއް ސްޕޯޓްސް މިނިސްޓްރީއަކުން ވެސް ނުބަލަހައްޓައެވެ. އެތަނުން ވެސް ބަލަހައްޓަނީ ކްލަބުތަކުގެ އެކްސްކޯ ލިސްޓް އެކަންޏެވެ.

މި ބަދަލާއެކު، ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީވުމަކަށް މެމްބަރުންގެ އަދަދު މުހިންމެއް ނޫނެވެ. އެކަން އޮންނަންވާނީ އެ ޕާޓީއަކަށް ދޫކޮށްލައިފައެވެ. އެހެނީ ރާއްޖޭގެ ގެއެއްގައި، އާއިލާއެއްގައި ނުވަތަ ރަށެއްގައި ތިބެންޖެހޭ މީހުންގެ އަދަދެއް ވެސް އެއްވެސް ގާނޫނަކުން، ގަވައިދަކުން ކަނޑައަޅައިފައެއް ނޯވެއެވެ. ކްލަބު ޖަމިއްޔާތަކަށް ވެސް އޮންނަނީ އެހެންނެވެ. ފަސް މެމްބަރުންނާއެކު ވެސް ސިޔާސީ ޕާޓީއެއް ހަދައިގެން، ބަޔާންތައް ނެރެ، ޓްވީޓް ކޮށްލަކޮށްލާ ތިބީމާ ނިމުނީއެވެ. ގަދަ ޕާޓީއަކަށް ވާނީ ގޮނޑި ކާމިޔާބުކުރީމައެވެ. ރާއްޖޭގައި ފުޓުބޯޅަ ކުޅޭ ވެސް އެތައް ސަތޭކަ ޓީމެއް އޮވެއެވެ. ޕްރީމިއަރ ލީގާއި، ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނާއި ރަށު އަދި އަތޮޅު މުބާރާތް ވެސް އޮވެއެވެ. އެކަމަކު، ގަދަ ޓީމަކަށް މި ވަނީ ކާމިޔާބުތައް ހޯދަމުން އައިސް ޕްރިމިއަރ ލީގުގައި ވާދަކޮށް ތަށިތައް ހޯދުމުންނެވެ. ސިޔާސީ ބާރު ހޯދަން ބޭނުން ނަމަ ޕާޓީތައް ވެސް ވާންވީ ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގައި ނުތިބެ، ޕްރިމިއަރ ލީގަށް ކޮލިފައިވާށެވެ. އަދި ތަށިތައް ހޯދާށެވެ.

މިހާރު މި ފެންނަ ގޮތުން، އިންތިހާބީ ގޮނޑިތަކަށް ބަލާއިރު، ޕްރިމިއަރ ލީގުގައި ވާދަކުރެވޭ މި އޮންނަނީ ދެތިން ޕާޓީއެކެވެ. ގިނަ ޕާޓީތަކީ ދެ ވަނަ އަދި ތިން ވަނަ ޑިވިޝަނުގެ ޕާޓީތަކެވެ. އެކަމަކު އެ ޕާޓީތަކަށް ވެސް ސަރުކާރު ކޯލީޝަނުން ބައިފަޅި ދޭންޖެހެއެވެ.

ރައްޔިތުން، އެ މީހުންގެ ބުރަ މަސައްކަތުން ހޯދާ ޓެކްސް ފައިސާކޮޅު، ސިޔާސީ ޕާޓީތަކަށް ދިނުމުގައި ހަރުދަނާ އަވަސް ބަދަލެއް މުހިންމެވެ. އެކަމުގެ ހުރިހައި ވެސް ފައިދާއެއް އޮތީ ރައްޔިތުންނަށެވެ. ގައުމަށެވެ. އެކަމަކު އެއީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރުއެވެ.